ވިޔަފާރި

ބޮޑު ބަދަލާއެކު ޗަމްޕާ ސެންޓްރަލް އަލުން ހުޅުވައިފި

ކޮވިޑް-19 އާ ގުޅިގެން ބަންދު ކޮށްފައި ހުންނަތާ ތިން އަހަރަށް ފަހު، ޗަމްޕާ ސެންޓްރަލް ހޮޓާ އަލުން ހުޅުއިފި އެވެ.

މިމަ ހުގެ އެއްވަނަ ދުވަހުން ފެށިގެން ހިދުމަތް ފެށި މާލޭގެ އެންމެ މަޝްހޫރު އެއް ހޮޓާ ކަމަށްވާ ޗަމްޕާ ސެންޓަރަލް ހޮޓާ ބަންދުކޮށްފައި ވަނީ ކޮވިޑް-19 ގެ ވައިރަސް ރާއްޖޭން ފެނުމާ ގުޅިގެންނެވެ. އަދި މި ހޮޓާވަނީ ބަލި މީހުން ކަރަންޓީން ކުރަން ވެސް ބޭނުންކޮށްފަ އެވެ. މި ހޮޓާ ބަންދުކޮށްފައި ހުންނަތާ ތިން އަހަރު ވަނީ ވެފަ އެވެ.

ޗަމްޕާ ސެންޓްރަލް ހިންގާ ކްރައުން އެންޑް ޗަމްޕާ ހޮޓެލްސް (ސީސީއާރު) ކުންފުނީގެ ސީނިޔަ އޮފިޝަލަކު ވިދާޅުވީ ހޮޓާ އަލުން ހުޅުވިފައި ބޮޑު ބަދަލެއް ގެނެސްފައިވާނެ ކަމަށެވެ. އެގޮތުން ހޮޓަލުގެ އިންޓީރިއާގެ "ލުކް" އެއްކޮށް ބަދަލު ކޮށްލާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހޮޓަލުގެ ކޮޓަރިތަކާއި އިންޓީރިއާ މިހާރު ވާނީ މުޅިން ބަދަލުކޮށްލާފަ. ރިސެޕްޝަން އޭރިއާއިން ވެސް ބޮޑު ބަދަލެއް ފެންނާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ދެހާސް ބާރަ ވަނަ އަހަރު ސެންޓްރަލް ހޮޓެލްގެ ނަމުގައި ހުޅުވި ހޮޓަލަށް މީގެ ކުރިން ބޮޑެތި ބަދަލު ތަކެއް ވަނީ ގެނެސްފަ އެވެ. މި ހޮޓަލަކީ ކޯޕަރޭޓް ބޮޑެތި އިވެންޓުތައް ވެސް ބާއްވާ ތަނެކެވެ. އަދި މި އަހަރުގެ ރޯދަ މަހު ރޯދަ ވީއްލުމަށް ހާއްސަ އިންތިޒާމުތަކެއް ވެސް މިތަނުން ދެ އެވެ.