ސާފް ސުޒުކީ ކަޕް

މިހާރުގެ ގައުމީ ޓީމަކީ ރާއްޖޭގެ މުސްތަގްބަލް: ކޯޗު

ގައުމީ ފުޓްބޯޅަ ޓީމުގައި މިހާރު ތިބި ކުޅުންތެރިންނަކީ ދިވެހި ފުޓްބޯޅައިގެ މުސްތަގްބަލް ކަމަށާއި ގިނައިން މެޗު ކުޅުނުވަރަކަށް ޓީމު ރަނގަޅުވަމުން އަންނާނެ ކަމަށް ކޯޗު ރިކީ ހާބަޓް ބުނެފި އެވެ.

ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޗެމްޕިއަން އަފްގާނިސްތާނާ ވާދަކުރާ މެޗުގެ ކުރިން ވާހަކަ ދައްކަމުން ކޯޗު ބުނީ އޭނާ ޓީމު ނެގީ ކުރިމަގަށް ވިސްނައިގެން ކަމަށެވެ.

"މި ޓީމު ވަރަށް ރަނގަޅުވާނެ ގިނައިން މެޗު ކުޅުނުވަރަކަށް. މިހާރު ޓީމުގައި މިތި ކުޅުންތެރިންނަކީ ދިވެހިރާއްޖޭގެ މުސްތަގްބަލް. ދުވަސްވީ ދެތިން ކުޅުންތެރިން ތިބި ނަމަވެސް ޓީމުގައި މިހާރު މިތީބީ ވަރަށް ޒުވާން ކުޅުންތެރިން. އެމީހުން ކުރިއަށް އޮތްތަނުގައި ތަފާތު ދައްކާނެ،" ނިއުޒީލޭންޑްގެ ކުރީގެ ގައުމީ ކޯޗު ބުންޏެވެ.

އޭނާ ބުނީ ބޭނުވަނީ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލް ކުޅެން ކަމަށެވެ.

"އަހަރުމެން މޮޅުވާން ބޭނުން. އަހަރުމެން ބޭނުންވަނީ އެއްވަނަ. އަހަރުމެން ހިތްވަރު އެބަހުރި. އަދި ކޮންމެ ނަތީޖާއެއް ނުކުތަސް އެ ހިތްވަރަށް ބަދަލެއް ވެސް ނާންނާނެ. ކުޅުންތެރިން ތިބީ ވަރަށް ކުޅޭހިތުން. އެއީ އަހަންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ކޯޗު ބުންޏެވެ.

އޭނާ އަދި ބުނީ ކުރީ ދެ މެޗެކޭ ވެސް އެއްގޮތަށް އަފްގާނިސްތާނާ ދެކޮޅަށް ވެސް ފުރަތަމަ 11 އަށް ބަދަލު އަތުވެދާނެ ކަމަށެވެ.

ގްރޫޕުގެ އެއްވަނަ ރާއްޖެ އަށް ލިބޭނީ މިރޭ އަފްގާނިސްތާން ބަލިކޮށްގެންނެވެ. ދެ ޓީމަށް ވެސް މިހާތަނަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ނަމަވެސް ލަނޑުގެ ތަފާތުން ކުރި ލިބެނީ އަފްގާނިސްތާނަށެވެ.

ސެމީ ފައިނަލުގައި ރާއްޖެ ކުޅެން ޖެހޭނީ އިންޑިޔާ ނުވަތަ ސްރީލަންކާއާ އެވެ. ގްރޫޕުގެ އެއްވަނަ ލިބިއްޖެނަމަ ލަންކާ ކުޅުމުގެ ފުރުސަތު ލިބޭއިރު ދެ ވަނަ ލިބިގެން ކުޅެން ޖެހޭނީ މުބާރާތް ބާއްވާ ގައުމު އިންޑިޔާއާ އެވެ.