ސާފް ސުޒުކީ ކަޕް

މެޗު ކާމިޔާބު ކުރަން ކުޅުންތެރިން ތިބީ ތައްޔާރަށް: ސެންޓޭ

ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ އަފްގާނިސްތާން ބަލިކޮށް ސެމީ ފައިނަލުގައި ކުޅެން ކުޅުންތެރިން ތިބީ ތައްޔާރަށް ގައުމީ ޓީމުގެ މިޑްފީލްޑަރު އަލީ ފާސިރު (ސެންޓޭ) ބުނެފި އެވެ.

އިއްޔެ ހަވީރު އޮތް ޓީމުގެ ފަރިތަކުރުންތަކަށް ފަހު ސެންޓޭ ބުނީ މުޅި ޓީމު ވެސް އޮތީ މެޗު ކާމިޔާބު ކުރުމުގެ ހިތްވަރާއި އަޒުމްގައި ކަމަށެވެ.

ނިއު އަށް ކުޅުމަށްފަހު އަންނަ ސީޒަނުގައި ޓީސީއަށް ކުޅެން ސޮއިކޮށްފައިވާ ސެންޓޭ އަކީ ކުލަބު ލެވެލްގައި ފޯވަޑް ލައިނުގައި ކުޅޭ ހަލުވި ކުޅުންތެރިއެކެވެ. ނަމަވެސް ގައުމީ ޖާޒީގައި ކޯޗު އޭނާ ލައްވައި ކުޅުވަނީ މެދުތެރެއަށެވެ.

"އެކަމަށް ތައްޔާރުވާން ވަގުތު ލިބުނު މި ފަހަރު. އަނެއްހެން އުނދަގުލެއްނުވޭ މެދަށް ކުޅެން ޖެހުނީމަ،" ބ. އޭދަފުށްޓަށް އުފަން ކުޅުންތެރިޔާ ބުންޏެވެ.
ގައުމީ ޓީމުގެ މިޑްފީލްޑަރު އަހުމަދު ނާޝިދު (ނާއްޓޭ) ވެސް ބުނީ ހުރިހާ ކުޅުންތެރިން ވެސް ތިބީ މެޗުން މޮޅުވާން ތައްޔާރަށް ކަމަށެވެ.

މި މެޗަށް ނުކުންނައިރު ގައުމީ ކޯޗު ރިކީ ހާބަޓް ބުނެފައިވަނީ ރާއްޖެ ބޭނުންވަނީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލް ކުޅެން ކަމަށެވެ.

ގްރޫޕުގެ އެއްވަނަ ރާއްޖެ އަށް ލިބޭނީ މިރޭ އަފްގާނިސްތާން ބަލިކޮށްގެންނެވެ. ދެ ޓީމަށް ވެސް މިހާތަނަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ނަމަވެސް ލަނޑުގެ ތަފާތުން ކުރި ލިބެނީ އަފްގާނިސްތާނަށެވެ.

ސެމީ ފައިނަލުގައި ރާއްޖެ ކުޅެން ޖެހޭނީ އިންޑިޔާ ނުވަތަ ސްރީލަންކާއާ އެވެ. ގްރޫޕުގެ އެއްވަނަ ލިބިއްޖެނަމަ ލަންކާ ކުޅުމުގެ ފުރުސަތު ލިބޭއިރު ދެ ވަނަ ލިބިގެން ކުޅެން ޖެހޭނީ މުބާރާތް ބާއްވާ ގައުމު އިންޑިޔާއާ އެވެ.