ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ކޮންމެ ގައުމަކާ ކުޅެން ޖެހުނަސް މައްސަލައެއްނެތް ކަމަށް އިންޑިޔާއިން ބުނެފި އެވެ.
ސެމީ އަށް ހޮވިފައިވާ ސްރީލަންކާ އާއި މުބާރާތުން ކެޓި ނޭޕާލް ބަލިކޮށް ގްރޫޕްގެ އޭގެ އެއްވަނަ ހޯދި އިންޑިޔާގެ ކޯޗު ސްޓެފަން ކޮންސްޓަންޓައިން ބުނީ ސެމީ ފައިނަލުގައި ވަކިގައުމަކާ ކުޅުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށެވެ.
އިންޑިޔާ އަށް ސެމީ ފައިނަލް ކުޅެން ޖެހޭނީ ގްރޫޕް ބީގެ ދެ ވަނަ ޓީމާ އެވެ. ގްރޫޕް ބީން ސެމީ އަށް ހޮވިފައިވާ ރާއްޖެ އާއި އެންމެ ފަހުގެ ޗެމްޕިއަން އަފްގާނިސްތާން ކުރެ އެއްވަނަ ޓީމު ކަނޑައެޅޭނީ މިރޭ މި ދެ ގައުމު ކުޅޭ މެޗަށް ފަހު އެވެ.
ގްރޫޕުގެ އެއްވަނަ ރާއްޖެ އަށް ލިބޭނީ މިރޭ އަފްގާނިސްތާން ބަލިކޮށްގެންނެވެ. ދެ ޓީމަށް ވެސް މިހާތަނަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ނަމަވެސް ލަނޑުގެ ތަފާތުން ކުރި ލިބެނީ އަފްގާނިސްތާނަށެވެ.
ސެމީ ފައިނަލުގައި ރާއްޖެ ކުޅެން ޖެހޭނީ އިންޑިޔާ ނުވަތަ ސްރީލަންކާއާ އެވެ. ގްރޫޕުގެ އެއްވަނަ ލިބިއްޖެނަމަ ލަންކާ ކުޅުމުގެ ފުރުސަތު ލިބޭއިރު ދެ ވަނަ ލިބިގެން ކުޅެން ޖެހޭނީ މުބާރާތް ބާއްވާ ގައުމު އިންޑިޔާއާ އެވެ.