ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

މާލޭން ކޮވިޑް ސާމްޕަލް ނެގޭނީ ސެނެހިޔާއިން އެކަނި

Apr 5, 2022

ކޮވިޑް-19 އަށް ޓެސްޓް ކުރަން މާލޭގައި ހުޅުވި ސާމްޕަލް ކަލެކްޝަން ސެންޓަރުތަކުގެ ތެރެއިން މިހާރު ހިދުމަތް ލިބޭނީ ސެނެހިޔާ އިން އެކަނި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ކޮވިޑް ސާމްޕަލް ކަލެކްޝަން ސެންޓަރުތައް މީގެ ކުރިން މާލެ ސަރަހައްދުގެ އެކި ހިސާބުތަކުގައި އެޗްޕީއޭ އިން ގާއިމްކުރި އެވެ. އެކަމަކު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވައިލުމާއި ގުޅިގެން ގިނަ ތަންތަން ބަންދު ކުރީ އެވެ.

ސެނެހިޔާއިން ސާމްޕަލް ކަލެކްޝަންގެ ހިދުމަތް ލިބޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ރޭގަނޑު 9:00 އިން 11:00 އަށެވެ.

ހުޅުމާލޭގައި ގާއިމްކޮށްފައި ހުރި އިތުރު ސެންޓަރުތައް ވެސް ވަނީ ބަންދު ކޮށްފަ އެވެ. މިހާރު ހުޅުމާލެ އިން ސާމްޕަލް ދެވޭނީ ހުޅުމާލެ ހޮސްޕިޓަލަށް އެކަންޏެވެ. އެ ހޮސްޕިޓަލުން ޕީސީއާރް ހެއްދޭނީ އެޕޮއިންޓްމެންޓް ހައްދައިގެންނެވެ. ވިލިމާލެ ފްލޫ ކްލިނިކުން ވެސް ސާމްޕަލް ނަގައިދޭނެ އެވެ.

އެޗްޕީއޭ އިން ކުރިން އަމަލު ކުރަމުން އައި ބައެއް ކަންތައްތަކަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ. އެގޮތުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ނަންބަރުތައް ކޮންމެ 24 ގަޑިއިރަކު އާންމުކުރުމުގެ ބަދަލުގައި މިހާރު ހާމަކުރަނީ ހަފްތާއަކު އެއް ފަހަރު އެވެ.

ނިމިދިޔަ ހަފްތާ ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 665 މީހުންނެވެ.