ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ފޭނުން ކެތްތެރިކަމެއް ނެތި އިންތިޒާރުކުރަމުންދިޔަ ވަގުތު ހީނުކުރާހާ އަވަހަށް އަތުވެއްޖެ އެވެ. ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި މި ކައިވެނި މި ހިނގާ އެޕްރީލްމަހުގެ މެދެއްހާ ހިސާބުގައި ކުރުމުގެ އިންތިޒާމްތައް މިހާޜު ވަނީ ފަށާފަ އެވެ.
ރަންބީރު އާއި އާލިއާގެ ގާތްމީހަކު ޓައިމްސް އޮފް އިންޑިއާއަށް ބުނެފައިވާ ގޮތުގައި އާލިއާގެ މަންމަ ފަރާތު ކާފަ އެން. ރާޒްދާން މިހާރު ވަރަށް ބައްޔެވެ. އުމުރުން ދުވަސްވެ ލޯބޯ ކޮށިވެފައިވާ މި މީހާ ރަންބީރު ދެކެ ވަރަށް ލޯބިވެ އެވެ. އަދި އޭނާގެ ކާފަ ދަރިފުޅު އާލިއާ އާއި ރަންބީރު ކައިވެނިކުރާތަން ދެކެން އޭނާ ވަރަށް ބޭނުމެވެ. އެހެންވެ ކާފަގެ ބަލި ހާލަށް ވިސްނާއި އަވަހަށް ކައިވެނިކުރަން މި ދެ ތަރިން ނިންމީ ކަމަށް ވެއެވެ.
މިހާރު ހަމަޖެހިފައިވާ ގޮތުން ކައިވެނި އޮންނާނީ އެޕްރީލް 17 ވަނަ ދުވަހު އެވެ. ނަމަވެސް އެއް ދުވަހެއް ދެ ދުވަހެއް ވަރު އަވަސް ނުވަތަ ލަސް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އާލިއާގެ ކާފަގެ ހާލު މާ ބޮޑަށް ސީރިއަސް ވާން ފަށައިފިނަމަ އަވަސްކުރާނެކަމަށް އާއިލާގެ އެކުވެރިޔާ ކިޔައިދީފައި ވެއެވެ.
އާލިއާ އާއި ރަންބީރުގެ ކައިވެނީގެ ވާހަކަތައް ބާރަށް ދެކެވުނަސް ހީނާފަތް އަޅައިދޭ މީހުންނާއި ޝާދީ ސްކޯޑު (ކައިވެނީގެ އިންތިޒާމްތައް ކޮށްދޭ މީހުން) ބުނަނީ އެމީހުންނަކަށް އަދި މިކަމުގެ އެއްވެސް ޚަބަރެއް ލިބިފައި ނެތް ކަމަށެވެ.
މި ކައިވެނީގެ މައުލޫމާތު ދިން މީހާ ބުނީ ވަރަށް ކުޑަ ގޮތަކަށް ހަމައެކަނި އާއިލާގެ މީހުންނާއެކު ކައިވެނީގެ ރަސްމިއްޔާތު ބާއްވަން އެމީހުން ގެންދަނީ ރާވަމުންނެވެ. އެއް ދުވަހެއް ނުވަތަ ދެ ދުވަހަށް ވުރެ ގިނަ ދުވަހަކަށް ކައިވެނީގެ ކަންތައް ކުރިޔަށް ނުގެންދާނެކަމަށާއި ކައިވެނިގެ ހުރިހާ ހަފުލާއެއްގައި ވެސް ބައިވެރިވާނީ އާއިލާގެ މީހުން ކަމަށް ވެސް މައުލޫމާތުދިން މީހާ ބުންޏެވެ.