ރަސްދޫ

ފޭދޫއާއި ރަސްދޫގައި ހައުސިން ޔުނިޓް އަޅަނީ

Apr 5, 2022

އައްޑޫ ސިޓީގެ ފޭދޫ އާއި އއ. ރަސްދޫގައި ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނެއް ކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފައިވަނީ ފޭދޫގައި 75 ހައުސިން ޔުނިޓާއި ރަސްދޫގައި 50 ހައުސިން ޔުނިޓް އެޅުމަށެވެ.

ފޭދޫގައި ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއަށް ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވަނީ ކުރިއަށް އޮތް އޭޕްރީލް މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ. ރަސްދޫގައި ހައުސިން ޔުނިޓްތަކަށް ބީލަން ހުށަހެޅުމަށް ފުރުސަތު ދީފައިވަނީ އަންނަ މަހުގެ 25 ވަނަ ދުވަހު އެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ މަހު ވަނީ ހދ. ކުޅުދުއްފުށްޓާއި، ށ. މިލަންދޫ، ނ. ހޮޅުދޫ، ނ. މަނަދޫ، ޅ. ހިންނަވަރު، ލ. ގަމު އަދި ގއ. ވިލިނގިލީގައި ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފަ އެވެ. އަދި މިމަހު ވަނީ ހއ. ދިއްދޫ އާއި ޅ. ކުރެންދޫ އާއި އައްޑޫ ސިޓީގެ ހިތަދޫގެ އިތުރުން ފުވައްމުލަކު ސިޓީގައި ވެސް ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފަ އެވެ.

ޔުނިޓް އަޅަން ނިންމާފައިވާ އަދަދުތައް

  • ހދ. ކުޅުދުއްފުށި - 400 ހައުސިން ޔުނިޓް
  • ސ. ހިތަދޫ - 200 ހައުސިން ޔުނިޓް
  • ފުވައްމުލައް - 200 ހައުސިން ޔުނިޓް
  • ޅ. ހިންނަވަރު - 100 ހައުސިން ޔުނިޓް
  • ލ. ގަން - 100 ހައުސިން ޔުނިޓް
  • ހއ. ދިއްދޫ - 75 ހައުސިން ޔުނިޓް
  • ށ. މިލަންދޫ - 50 ހައުސިން ޔުނިޓް
  • ގއ. ވިލިނގިލި - 50 ހައުސިން ޔުނިޓް
  • ނ. މަނަދޫ - 40 ހައުސިން ޔުނިޓް
  • ނ. ހޮޅުދޫ - 30 ހައުސިން ޔުނިޓް

މިރަށްތަކުގެ ތެރެއިން ބައެއް ރަށްތަކަށް ބީލަން ހުށަހެޅުމަށް ދީފައިވާ މުއްދަތު ވެސް މިހާރު ވަނީ ހަމަވެފަ އެވެ. މުއްދަތު ހަމަވެފައިވާ ރަށްތަކަށް ކުރިމަތިލި ފަރާތްތަކުގެ މައުލޫމާތު ފިނޭންސް މިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ.

ރަށްތަކުގައި ހައުސިން ޔުނިޓްތަކެއް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފައި ވަނީ ބީލަން ކާމިޔާބު ކުރާ ކުންފުންޏަކުން އަމިއްލައަށް ފްލެޓްތައް ޑިޒައިންކޮށް އަދި އިމާރާތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށެވެ.

މަސައްކަތް ކޮށްދިނުމަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ނެޝަނަލް ކޮމްޕެޓިޓިވް ބިޑިން އުސޫލުންނެވެ. ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެ އެވެ.

ހައުސިން ޔުނިޓް އެޅުމަށް ވަކިވަކިން ކުރަމުންދާ އިއުލާންތަކުގައިވާ ގޮތުން ހައުސިން ޔުނިޓްތައް އެޅުމަށް ކުރިމަތިލާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި ފައިސާ ބަހައްޓަންޖެހެ އެވެ. ބިޑް ސެކިއުރިޓީގެ އަދަދު އުޅެނީ އެކި ރަށަށް އެކި އަދަދެވެ.

ދައުލަތުގެ މިއަހަރުގެ ބަޖެޓުގައި އަތޮޅު ތަކުގައި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 1.5 ބިލިއަން ރުފިޔާ ހާއްސަކޮށްފައިވެ އެވެ.