ލައިފްސްޓައިލް

ރޯވެފައިވާ ގެއަކުން ކުޑަ ކުއްޖެއް ސަލާމަތްކުރި ފުލުހަކަށް ތައުރީފު

އިންޑިޔާގެ ރަށެއްގައި ރޯވެ އަނދަމުންދިޔަ ގެއެއްގެ ތެރެއަށް އަމިއްލަ ފުރާނައަށް ބެލުނެއް ނެތި ވަދެގެން ގޮސް ތުއްތު ކުއްޖެއް ސަލާމަތްކުރި ފުލުހަކަށް ގިނަ ބަޔަކު ތައުރީފުކޮށްފި އެވެ. މި މަންޒަރުގެ ފޮޓޯތައް ޓުވިޓާގައި ޝެއާކުރީ އައިޕީއެސް އޮފިސަރެއް ކަމަށްވާ ސުކިރްތީ މާދަވް މިޝްރާ އެވެ.

"މިއީ 1000 ލަފުޒަށް ވުރެ ވެސް އަގުހުރި ފޮޓޮއެއް،" ފޮޓޯ ޝެއާ ކުރަމުން އައިޕީއެސް އޮފިސަރު ލިޔެފައި ވެއެވެ.

މި ފޮޓޯއަކީ ކަރައުލީ ކިޔާ ރަށެއްގެ މުސްލިމުންނާއި ހިންދޫންގެ މެދުގައި އުފެދުނު ހަމަނުޖެހުންތަކެއްގައި ރޯކޮށްލާފައިވާ ގެއެއްގެ ފޮޓޮއެކެވެ.

މިހާރު ވައިރަލް ވެގެން އުޅޭ މި ފޮޓޯއިން ފެންނަނީ ނަޓްރޭޝް ޝަރުމާ ކިޔާ ފުލުހުންގެ ކޮންސްޓެބަލް އަކު ރޯވެފައިވާ ގެއެއްގެ ތެރެއިން ތުއްތު ކުއްޖާ ނެރެގެން ނުކުންނަނިކޮށެވެ.

ފުލުސް މީހާއަށް ތައުރީފުކުރި މީޙުން ބުނެފައިވަނީ މިއީ ކާކީ ޔުނިފޯމް (އިންޑިއާ ފުލުހުންގެ ޔުނިފޯމް ކުލަ) ލާ މީހުންގެ ހިތްވަރުގަދަ ކަމުގެ ނަމޫނާ އެއް ކަމަށެވެ.