ފުޓްބޯޅައިގައި ރެކޯޑް ހޯލްޑަރެއްގެ ވާހަކަ ދައްކާނަމަ ލިޔަން ޖެހޭނީ ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ހެދި ރެކޯޑް ތަކުގެ ވާހަކަ އެވެ. އޭނާ އަތުގައި ނެތް ރެކޯޑެއް ވަރަށް މަދެވެ. ނަމަވެސް މި ފަހަރު ދައްކަން މިޖެހެނީ ދަގަނޑޭ އަށް ވެސް އެމީހަކާ އަރާ ހަމަނުކުރެވޭ ކަހަލަ ރެކޯޑެއް އޮތް މީހެއްގެ ވާހަކަ އެވެ. ކުރުކޮށް ބުނާނަމަ ގައުމީ ޓީމުގެ ފިޒީޝަން އަހުމަދު ޝަކީބުގެ ވާހަކަ ދައްކައި ކޮޅުން ނުލާނެ އެވެ.
އަތޮޅު ސިއްހީ މަރުކަޒުތަކުގައި އެންމެ ފުރަތަމަ މަސައްކަތް ފެށި ޝަކީބަކީ މިހާރު ކުޅިވަރުގެ ބޭސްވެރިކަމުގައި އޭނާ ޖަހާލާފައި ނުދެހޭ ފުންނާބު އުސްމީހެކެވެ. ދެކުނު އޭޝިޔާ ސަރަހައްދުގައި ވެސް އޭނާހާ ތަޖުރިބާ ބޮޑު މީހަކު ނެތެވެ. އިންޑިޔާގައި މިހާރު ކުރިއަށްދާ ސާފް ސުޒުކީ ކަޕް ނުވަތަ ސާފް ޗެމްޕިއަންޝިޕުގެ ތެރޭގައި ޝަކީބު ވާހަކަ ދައްކަން މިޖެހުނީ ވެސް ވަރަށް މުހިންމު ސަބަބަކާހެދި އެވެ. އޭނާ އަކީ 1997 ވަނަ އަހަހަރު ފެށި ސާފް ޗެމްޕިއަންޝިޕް އޭ ޓު ޒެޑަށް ކިޔައިދޭން އެނގޭނެ ހަމައެކަނި ފަރާތެވެ. އޭނާ ނޫނީ ސާފް ޗެމްޕިއަންޝިޕުގެ ހުރިހާ މުބާރާތެއްގައި ބައިވެރިވި އެކަކު ވެސް ސާކު ސަރަހައްދުގައި ނެެތެވެ.
މިހެންވެ ސަރަހައްދީ ގައުމުތަކުގެ އޮފިޝަލުންގެ އޭނާ އަށް ދޭ އިހްތިރާމް ވެސް އެހާމެ ބޮޑެވެ. މި ރިޕޯޓް ލިޔުމުގެ ކުރިން ޝަކީބާ އެންމެ ފުރަތަމަ އަޅުގަނޑު
ކުރި ސުވާލަކީ އެކަމާ އޭނާ އުފާވޭތޯ އެވެ.
"އާނ. މި ރީޖަންގައި ނޫޅޭނެދޯ ނުދަންނަ އެއްވެސް މީހަކު. އެއީ ކޮންމެ އޭއެފްސީ ކޯހެއްގައި ކޮންމެ ފީފާ ކޯހެއްގައި ވެސް އަހަރެން އުޅޭނެވިއްޔާ. އެހެންވީމަ އެންމެނާ ވެސް ރައްޓެހިވާނެތާ،" ޝަކީބު ބުންޏެވެ.
ޝަކީބަކީ މިހާރު އެފްއޭއެމުގެ ނޯމަލައިޒޭޝަން ކޮމިޓީގެ ވައިސް ޗެއާމަންގެ މަގާމް ވެސްމެ އެވެ. ޒިންމާ ބޮޑު މި މަގާމުގެ މަސްއޫލިއްޔަތު އުފުލަމުން ވެސް ކުޅުންތެރިއަކަށް ކަމެއްވާއިރަށް އަދިވެސް އެންމެގާތުގައި ހުންނަނީ އޭނާ އެވެ. ސާފް ޗެމްޕިއަންޝިޕުގެ ތާރީހުގައި ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުން ކަމަށް ޝަކީބު ސިފަކުރަނީ 2008 ވަނަ އަހަރު ރާއްޖެ އާއި އިންޑިޔާ ކުޅުނު ފައިނަލް މެޗުގައި ދަގަނޑޭ އަށް އަނިޔާވުމެވެ.
"އެންމެ ފާހަގަ ކުރެވޭ ކަމަކީ 2008ގެ ފައިނަލުގައި ދަގަނޑޭ އަނގަމަތި ފަޅައިގެން އޭނާ ދަނޑަށްލުން. އެމީހުން (ލަންކާގެ ޑޮކްޓަރުން) ބުނީ ނުކުޅެވޭނެޔޭ. ހޮސްޕިޓަލަށް ފޮނުވާށޭ ޖެހޭނީ. އެ ގަޑީގައި ވަރަށް ހާސްވެސްވި. ކޮންމެ ގޮތެއްވިޔަސް އެއީ ސާފް ޗެމްޕިއަންޝިޕެއްގައި މަގޭ ވަރަށް ބޮޑު ޗެލެންޖަކަށްތާވާނީ. އެކަމަކު ތިން މިނިޓް ތެރޭގައި އޭނާ ދަނޑަށްލިން،" ލަންކާގެ ސުގަތާސާ ސްޓޭޑިއަމުގައި އިންޑިޔާ ބަލިކޮށް ތަށި ހޯދި ފައިނަލް މެޗުގެ ހަނދާންތައް ޝަކީބު އާކުރި އެވެ.
"ހަމަ އެ މެޗުގައި ޓޫކިލޯގެ އަނގަތެރެއިން ވެސް ދަތްޕިލައާ ކައިރިން ދެ އިންޗިއަށް ފަޅައިގެން ބްލީޑްވެގެން އުޅެނިކޮށް، ދެ މިނިޓްތެރޭގައި ދަނޑަށްލިން. އޭނާތާ ލަނޑު ޖެހީ ވެސް. އެހީ ވެސް ހަމަ ވަރަށް ފާހަގަކުރެވުނު ކަމެއް،" ޔޫތު މިނިސްޓްރީގައި ވަޒީފާ އަދާކުރަމުން އަންނަ ޝަކީބު ބުންޏެވެ.
ސާފް ޗެމްޕިއަންޝިޕުގެ ހުރިހާ މުބާރާތެއްގައި އޭނާގެ ބައިވެރިވުން އޮތްއިރު ޝަކީބު ބުނީ 97ގައި ނޭޕާލްގައި އޮތް މުބާރާތަކީ ބޭސްފަރުވާގެ ގޮތުން އެންމެ ހިތްހަމަޖެހޭ މުބާރާތް ކަމަށެވެ.
"އެއީ އެމީހުން ވެސް ގަވާއިދުން ކުޅުންތެރިން ޗެކްކޮށް ހަދާނެ. ބޭސްބޭނުންވޭތޯ ބަލާނެ. ކޮންމެ މެޗެއް ނިމިގެން ވެސް އެމީހުންގެ މެޑިކަލް ޓީމުން އަހާނެ. އެއްޗެއް ބޭނުންވޭތޯ ވެސް ބަލާނެ. ދެން ޓީމެއް ވެސް އޮންނާނެ އެތަނުގައި ކަމެއް ބޭނުންވެއްޖިއްޔާ އެހީތެރިވާން. އެމަކު ބަނގްލަދޭޝްގައި (2003)ގައި އޮތް ފަހަރަކީ އެހާ ރަނގަޅު ފަހަރެއްނޫން ބޭސް ފަރުވާގެ ކަންތަކުގައި. އެކަމަކު 2008 އެއީ ހުރިހާ ގޮތަކުން ވެސް ކަންތައްތައް ފަހި އަހަރެއް. ވަރަށް ތަފާތު އެ އަހަރު ހުރިހާ ކަމެއް ވެސް،" ޝަކީބު ބުންޏެވެ.
ކުޅުންތެރިންނަށް ގިނައިން ދިމާވަނީ މަސަލްސް އިންޖަރީކަން ފާހަގަ ކުރަމުން ޝަކީބު ބުނީ ރާއްޖޭގައި އުފެދުނު މޮޅު ކުޅުންތެރިއަކަށް އަނިޔާގެ ސަބަބުން ސާފް ޗެމްޕިއަންޝިޕުގައި ނުކުޅެވި ނެތް ކަމަށެވެ. އަދި ލިބޭ ހާނިއްކަތަކަށް ފަރުވާ ކުރުމުގައި ކުޅުންތެރިން ބަހައްޓާ ފަރުވާތެރިކަން ވެސް އޭނާ އުފަލާއެކު ފާހަގަ ކުރި އެވެ.
"މިސާލަކަށް މީހަކު ނަގަންޏާ އިމްރާން ނެގިދާނެ. އޭނާ އަށް އިންޖަރީވީމަ ޓީމަށް އެވާގޮތް އަހަރުމެންނަށް ފެނޭ. އަދި އެކަމުން އަރައިގަތުމަށް އޭނާ ކުރާ މަސައްކަތް ވެސް ފެނޭ. ކޮންމެކޮންމެ ކުޅުންތެރިއަކަށް ނުކުރެވޭނެ ކިތަންމެ ކަމެއް އިމްރާން ކުރޭ އޭނާ އިންޖަރީއެއްވިއްޖާ އެކަމުން ސަލާމްތްވާން. މިއީ އެހެން ކުޅުންތެރިންނަށް ބުނާ ކުޑައިމީސް ބަހެއްނޫން. ދެން ފައިސަލް ވެސް ފާހަގަކުރެވޭ. އެކަމާއިގެން އޭނާ ވަަރަށް އުޅޭ. މިހާރު ތިބި ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަ ކުރެވެނީ އެ ދެކީޕަރުން،" ޝަކީބު ބުންޏެވެ.
"ދެންތިބީ ކުރީ ޒަމާނުގައި ތިބި ކުޅުންތެރިން. މިސާލަކަށް އޮއްޕޮ، ޖަމްބޭ، ސޮބާ، ދަގަނޑޭ މިއިން މީހަކަށް ކަމެއް ވެއްޖިއްޔާ ދެން މަށަށް ލޮލުފިޔަ ވެސް ޖެހިޔަ ނުދޭނެ އެމީހުން އެކަމެއް ރަނގަޅު ނުވަނީސް. ދެން ބަކާ ވެސް. ދަގަނޑޭ އާއި ބަކާ ކޮންމެ ތަނެއްގައި ތިއްބަސް އެމީހުން އަހާނެ ކަމެއް ދިމާވެއްޖިއްޔާ، ކުޅުންތެރިން އޭނާ އަށް ކުރާ އިތުބާރާމެދު ހިތްހަމަޖެހުން ފާޅުކުރަމުން ޝަކީބު ބުންޏެވެ.
ސާފް ޗެމްޕިއަންޝިޕުގައި ކުޅުންތެރިންނަށް ފަރުވާދީގެން އޭނާ އަށް ސަރަހައްދީ ނޫސްވެރިންގެ ކެމެރާތައް އަމާޒުވި ފަހަރެއްވެސްދިޔަ އެވެ. 2005ގައި އިންޑިޔާގެ ކުޅުންތެރިއަކަށް ނުކުޅެވޭނެ ކަމަށް އެ ގައުމުގެ ޑޮކްޓަރުން ނިންމައި ގައުމަށް ފޮނުވާލަން ނިންމާފައިވަނިކޮށް ޝަކީބުގެ ފަރުވާލިބިގެން އެ ކުޅުންތެރިޔާ އެމުބާރާތުގައި ކުޅުމެވެ. އިންޑިޔާ ކުޅުންތެރިޔާ އަށް ޝަކީބު ފަރުވާދިނީ އެމުބާތާރުގެ ސެމީ ފައިނަލުގައި ރާއްޖެ އާއި އިންޑިޔާ ކުޅެން ޖެހިފައިވަނިކޮށެވެ.
މިފަދަ ސަބަބުތަކާހުރެ ޝަކީބުގެ ނަން އޭއެފްސީން ފާހަގަކޮށްފައިވަނީ ސްޕޯޓްސް މެޑިސިންގެ "އެސެޓެއް"ގެ ގޮތުގަ އެވެ. މަޝްހޫރު އޯޑިއޯ މާޓްގެ ވެރިޔާ އަދި ކުރީގެ ފިލްމީ ތަރި ޝަކީބުގެ ސާފް ޗެމްޕިއަންޝިޕުގެ ރެކޯޑް މުގުރާލުމަކީ އެކަކަށް ވެސް ފަސޭހަކަމަކަށްނުވާނެ އެވެ. އެއަށްވުރެ އަބަދުވެސް ހިނިތުންވުމާއެކު އޭނާ ފޯރުކޮށްދެމުން އަންނަ ހިދުމަތް ކޮލިޓީވެފައި، އެހިދުމަތަށް މެދުކެނޑުން އައުން ވަނީ އުނދަގޫ ކަމަަކަށްވެފަ އެވެ.