މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

މަސައްކަތް ހަލުވިކޮށް 150 ކޮންޓެއިނަރު ކްލިއާކޮށްފި

Apr 5, 2022

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މުދާ ކުލިއާކުރުން އަވަސް ކުރުމަށް ގެނައި ބަދަލާ އެކު ފާއިތުވި ދެ ދުވަހުގެ ތެރޭގައި 150 ކޮންޓެއިނަރުގެ މުދާ ކުލިއާ ކޮށްފި އެވެ.

އެމްޕީއެލް އިން މާލެއާއި ހުޅުމާލޭގައި ހިންގާ މައި ބަނދަރުތަކަށް ބާލާ މުދަލުގެ ތެރެއިން އަވަހަށް ހަލާކުވާ ޒާތުގެ މުދާ ދުވަހުން ދުވަހަށް ކުލިއާ ކުރެވޭ ގޮތުގެ މައުލޫމާތު އެ ކުންފުނިން މިހާރު ވަނީ އާންމުކުރަން ފަށާފަ އެވެ.

އެގޮތުން މިދިޔަ އާދީއްތަ ދުވަހު 60 ކޮންޓެއިނަރުގެ މުދާ ކްލިއާ ކޮށްފައިވެ އެވެ. މީގެތެރޭގައި 40 ފޫޓްގެ 27 ކޮންޓެއިނަރާއި 20 ފޫޓުގެ 33 ކޮންޓެއިނަރު ހިމެނެ އެވެ. އަވަހަށް ހަލާކުވާ މުދަލުގެ ގޮތުގައި އާދިއްތަ ދުވަހު އެންމެ ގިނަ އަދަދަކަށް އެތެރެކޮށްފައިވަނީ ކަރާ އެވެ. ކަރާގެ އިތުރުން އާދިއްތަ ދުވަހު ދެން އެންމެ ގިނައިން އެތެރެކުރީ ދޮންކެޔޮ، ބަރަބޯ، އަލުވި އަދި އަލަނާސި އެވެ.

ހޯމަ ދުވަހުގެ ތަފާސްހިސާބަށް ބަލާއިރު އާދިއްތަ ދުވަހަށް ވުރެ މާގިނަ މުދާ ހޯމަ ދުވަހު ކްލިއާ ކޮށްފައިވެ އެވެ. އެގޮތުން ހޯމަ ދުވަހު 20 ފޫޓުގެ 48 ކޮންޓެއިނަރާއި 40 ފުޓޫގެ 42 ކޮންޓެއިނަރާ އެކު ޖުމްލަ 90 ކޮންޓެއިނަރު ކްލިއާ ކޮށްފައިވެ އެވެ. އަވަހަށް ހަލާކުވާ މުދަލުގެ ގޮތުގައި ހޯމަ ދުވަހު އެންމެ ގިނަ އަދަދަކަށް އެތެރެކޮށްފައިވަނީ ފިޔާ އެވެ. މީގެއިތުރުން ތަރުކާރީއާއި މޭވާގެ ގިނަ ބާވަތްތަކެއް ވެސް ހޯމަ ދުވަހު ކްލިއާކޮށްފައިވެ އެވެ.

އެމްޕީއެލްގެ ބަނދަރުތަކަށް ގެންނަ މުދާ ކްލިއާ ކުރުން އަވަސްކޮށްފައި މިވަނީ ރޯދަ މަހަށް ގެންނަ މުދާ ކްލިއަ ކުރުން ކުރި އަށް ދާ ގޮތް ވިލަރެސް ކުރުމަށްޓަކައި ހާއްސަ ޓީމެއް އެކުލަވާލައިގެންނެވެ. ރޯދަ މަހާ ދިމާކޮށް ރާއްޖެ އިން ބޭރުން ގެންނަ މުދާ ކްލިއާ ކުރުން އަވަސް ކުރަން ގިނަ ފިޔަވަޅުތަކެއް ވެސް އެމްޕީއެލް އިން މިހާރު ވަނީ އަޅާފަ އެެވެ.

މާލޭގެ މައި ވިޔަފާރި ބަނދަރުގައި މުދާ ކްލިއާ ކުރުން ވަރަށް ބޮޑަށް އަވަސް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި "ޕޯޓް ޑިޖިޓަލް"ގެ ނަމުގައި ޑިޖިޓަލައިޒޭޝަން ޕްރޮގްރާމެއް ވެސް އެމްޕީއެލް އިން ވަނީ ފަށާފަ އެވެ.

މާލޭގެ މައި ބަނދަރަށް ބާލާ މުދާ ކްލިއާ ކުރުމަށް އެކި ތަންތަނުން ނަގަންޖެހޭ ހުއްދަތައް ނަގައިގެން ކްލިއާ ކުރުމަށް އެވްރެޖުކޮށް މިހާރު ހަ ގަޑިއިރު ހޭދަވެ އެވެ. އެކަމަކު ޕޯޓް ޑިޖިޓަލް ހިދުމަތާއެކު ކަމާ ގުޅޭ ހުއްދަތައް ނެގުން އޮންލައިން ކުރެވި ކުރިން ހުއްދަތައް ހޯދަން ހޭދަވި ހަ ގަޑިއިރުގެ ވަގުތު 15 މިނެޓަށް ކުރުވެގެންދެ އެވެ.

އެމްޕީއެލްއާއެކު މަސައްކަތް ކުރާ ކަމާ ގުޅޭ އިދާރާތަކުގެ ލަފައާއި މަޝްވަރާގެ ތެރެއިން ކުރިއަށް ގެންދާ ޑިޖިޓަލް ހިދުމަތާ އެކު އެމްޕީއެލްގެ އަމާޒަކީ 2023 ވަނަ އަހަރު އެ ކުންފުންޏަކީ 99 ޕަސެންޓް ޕޭޕާ ލެސް ކުންފުންޏަކަށް ހެދުމެވެ.