ބޮލީވުޑް

އައިޝްވަރިޔާއަކީ ލިބުނު ނަސީބެއް: އަބީޝެކް

އައިޝްވަރިޔާ ރާއީ ބައްޗަން ކަހަލަ ހަޔާތުގެ ބައިވެރިޔަކު ލިބުނީ އޭނާގެ ނަސީބު ވަރަށް ވަރަށް ރަނގަޅު ކަމުން ކަމަށް ދެކޭ ކަމަށް އަބީޝެކް ބައްޗަން ބުނެފި އެވެ. އަބީޝެކް އާއި އައިޝްވަރިޔާ ކައިވެނިކުރީ 2007 ގައެވެ. މި ހިނގާ އޭޕްރީލް މަހު އެމީހުންގެ ކައިވެންޏަށް 15 އަހަރު ފުރުން ފާހަގަ ކުރާނެ އެވެ.

އަބީޝެކްގެ އާ ފިލްމު "ދަސްވީ" ރިލީޒް ކުރަން ކައިރިވެފައިވާތީ ފިލްމު ޕްރޮމޯޓް ކުރުމުގެ ގޮތުން އިންޑިޔާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި އޭނާ ބުނި ގޮތުގައި އާއިލާއަށް ދިމާވި ހުރިހާ ދަތި އުނދަގޫ ވަގުތެއްގައި އައިޝްވަރިޔާ ވަރަށް ސާބިތު ކަމާއެކު އެމީހުންނާއެކު ހުރި ކަމަށެވެ. އަދި ކައިވެންޏަށް ފަހު އައިޝްވަރިޔާ އާ ކުރިމަތިވީ ކޮންމެ މައްސަލައަކާ އޭނާ ކުރިމަތިލާފައި ވަނީ ގަދަރުވެރިކަމާ އެކުގައި ކަމަށެވެ.

އަންހެނުންނަކީ އެމީހުންގެ ގޮތުގައި ފިރިހެނުންނަށް ވަކި ދޫކުރާ ބައެއް ނޫންކަން ފިރިހެނުން ވެސް މިހާރު ގަބޫލު ކުރަން ވެއްޖެކަމަށް އަބީޝެކް ގަބޫލު ކުރެ އެވެ. އަދި އޭނަގެ އަންހެނުންނަކީ މީގެ މިސާލެއް ކަމަށް ވެސް އަބީޝެކް ދެކެ އެވެ. އޭނާ ހާސްވެ ކަންބޮޑުވާ ކޮންމެ ވަގުތެއްގައި ނުވަތަ ދެރަވެ ހިތާމަކުރަން ޖެހޭ ކޮންމެ ވަގުތެއްގައި އޭނާއަށް ހިތްވަރުދީ އެހީތެރިކަން ފޯރުކޮށްދިނީ އަންހެނުން އައިޝްވަރިޔާ ކަމަށް ވެސް އަބީޝެކް ބުންޏެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި އހަންނަށް އައިޝްވަރިޔާ ލިބުނީ ހަމަ ނަސީބު ގަދަ ކަމުން. އަހަންނާއި އާއިލާގެ ނަސީބު ހަމަ ވަރަށް ވަރަށް ގަދަ ކަމަށް ގަބޫލު ކުރަނީ. އަނެއްކޮޅުން އައިޝްވަރިޔާ އަކީ އަހަރެންނާއި އާއިލާގެ އެންމެން ވެސް ކުރާ މަސައްކަތް ކުރާ މީހަކަށް ވާތީ އަހަރެމެންގެ އިހްސާސްތައް ހުންނާނެ ގޮތް އޭނާ އަށް ވަރަށް ރަނގަޅަށް އެނގޭ،" އަންހެނުންނަށް ތައުރީފު ކުރަމުން އަބީޝެކް ބުންޏެވެ.

އަބީޝެކް އިތުރަށް ބުނި ގޮތުގައި ފިލްމީ މަސައްކަތުގައި އޭނާއަށް ވުރެ ގިނަ ދުވަހު އުޅެފައި ވަނީ އައިޝްވަރިޔާ އެވެ. އެހެންކަމުން ބޮޑެތި މައްސަލަތަކާ ކުރިމަތިވާ ދުވަސް ދުވަހު އެނބުރި ގެއަށް އަންނައިރު ގޭގައި ވާހަކަ ދައްކާ ޚިޔާލު ބަދަލު ކޮށްލާނެ އަދި ހިތްވަރު ދޭނެ މީހަކު ހުންނާނެކަމުގެ ޔަގީންކަން އޮތުމަކީ ނަފްސަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް އަބީޝެކް ބުންޏެވެ.

"އަންހެނުން އަބަދުވެސް ބުނާނެ މީހުންގެ ނެގެޓިވް ކޮމެންޓްތައް އިވުމުން އެ މާ ބޮޑު ކަމަކަށް ހަދައިގެން ދެރަ ވެގެން ނޫޅޭށޭ. މީހުން ކިޔާހާ އެއްޗެއް ހިތުގައި ބާއްވައިގެން އެކަމާ އަސަރު ކޮށްގެން އުޅެންޏާ އަބަދުވެސް އެހެން އެޅޭހާއޭ ވާނީ. މީހަކު ކޮންމެ އެއްޗެކޭ ކިޔަސް އެކަން މާ ބޮޑު ކަމަކަށް ނުހަދާށޭ،" އަބީޝެކް ބުންޏެވެ.