މާލެ ސިޓީ ކައުންސިލްގެ ރަސްމީ ހަރަކާތްތައް ލައިވްކޮށްދޭނެ ބްރޯޑްކާސްޓަރެއް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.
ކައުންސިލްގެ މިއަދުގެ ބައްދަލުވުމަށް މިމައްސަލަ ހުށަހެޅުއްވީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ.
މޭޔަރު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތައް މިހާރަށް ވުރެ ބޮޑަށް ރައްޔިތުންނަށް ހާމަކޮށްދިނުމަށްޓަކައި ކައުންސިލްގެ ރަސްމީ ޖަލްސާތަކާއި އިވެންޓްތަކާއި ޕްރެސް ކޮންފަރެންސްތައް ލައިވް ކުރަން ބޭނުންވާ ކަމަށެވެ.
އެކަމުގައި ކައުންސިލަރުން ދެކެވަޑައިގަންނަވާ ގޮތެއް ހާމަކުރެއްވުމަށް މޭޔަރު އެދިވަޑައިގަތުމާ ގުޅިގެން މިމައްސަލައިގައި ވާހަކަދެއްކެވި ހުރިހާ ކައުންސިލަރުން ވެސް ވިދާޅުވީ އެއީ އެ ބޭފުޅުންގެ ފުރިހަމަ ތާއީދު އޮތް ކަމެއް ކަމަށެވެ. އަދި އެކަމުގައި މޭޔަރު އިސްނެންގެވީތީ ކައުންސިލަރުން ވަނީ މޭޔަރަށް ޝުކުރު އަދާކުރައްވާފަ އެެވެ.
މޭޔަރު ހުށަހެޅުއްވި މައްސަލައަށް ކައުންސިލަރުންގެ ވާހަކަފުޅުގައި ތާއީދު ކުރެއްވި ނަމަވެސް ބްރޯޑްކާސްޓަރެއް ހޯދުމުގެ މައްސަލަ ފާސްކުރީ ވޯޓަށް އަހައިގެންނެވެ. ވޯޓުގައި ބައިވެރިވި ހުރިހާ ކައުންސިލަރުން ވަނީ މޭޔަރުގެ މައްސަލަ އަށް ތާއީދުކުރައްވާފަ އެވެ.
މާލެ ސިޓީ ކައުންސިލްގެ ރަސްމީ ހަރަކާތްތައް ލައިވްކޮށްދޭނެ ބްރޯޑްކާސްޓަރެއް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކައުންސިލަރުން ތާއީދުކުރެއްވުމާ ގުޅިގެން އެކަމާ ގުޅޭ އިދާރީ މަސައްކަތްތައް ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ވީހާވެސް އަވަހަށް ކުރިއަށް ގެންގޮސް ދެއްވުމަށް މޭޔަރު މުއިއްޒު ވަނީ އިދާރީ ބޭފުޅުންނަށް އަންގަވާފަ އެވެ.
މާލެ ސިޓީ ކައުންސިލްގެ ރަސްމީ ޖަލްސާތަކާއި ބައެއް މުހިއްމު ހަރަކާތްތައް އެ ކައުންސިލުން މިހާރު ވެސް ގެންދަނީ ސޯޝަލްމީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ލައިވްކުރަމުންނެވެ.