ދިވެހި އިންޑިއާގެ ގުޅުން

އިންޑިއާއިން އިތުރު ހަތް މަޝްރޫއުއަކަށް ފަންޑު ދެނީ

އިންޑިއަން ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗްއައިސީޑީޕީ) ގެ ގްރާންޓް އެސިސްޓަންޓް ސްކީމްގެ ދަށުން އިތުރު ހަތް މަޝްރޫއަކަށް ފަންޑުކުރަން ނިންމައިފި އެވެ.

މި މަޝްރޫއުތަށް އިއުލާނު ކުރެވިފައި ވަނީ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރު ރާއްޖެއަށް ދާދި ފަހުން ކުރެއްވެވި ދަތުރުފުޅުގައެވެ. 132 މިލިއަން އިންޑިއަން ރުޕީސް (27 މިލިއަން ދިވެހި ރުފިޔާ) ހިނގާނެ ކަމަށް އަންދާޒާކުރެވޭ މި ހަތް މަޝްރޫއު ވަނީ ރާއްޖޭގެ ހަތް އަތޮޅަަކަށް ބަހާލެވިފައެވެ. އެއީ ހދ އަތޮޅާއި ނ އަތޮޅާއި ކ އަތޮޅާއި އދ އަތޮޅާއި ތ އަތޮޅާއި ގއ އަތޮޅު އަދި އައްޑޫ ސިޓީގަ އެވެ. މި މަޝްރޫއުތައް ހިންގުމަށް ހަމަޖެހިފައިވާ ދާއިރާތަކަކީ ސިއްހީ ދާއިރާ އާއި،ލ ޒުވާނުން ކުރިއެރުވުމާއި ތަރިކަ ދިރުވައި އާލާކުރުމަށް ކަމަށް އިންޑިއާ ހައިކޮޝަނުން މިރޭ ބުންޏެވެ.

އެގޮތުން ފައިސާ ހަރަދު ކުރާނީ ކުޅުދުއްފުށީ ހޮސްޕިޓަލުގައި އޯޑިއޮލޮޖީ ޔުނިޓެއް ގާއިމު ކުރުމާއި ނ. ލަންދޫ މާބުދުގެ މަަސައްކަތާއި ތ. ދިޔަމިގިލި ގަނޑުވަރުގައި ސައިޓް މިއުޒިއަމް ތަރައްގީ ކުރުމަށާއި މަނަދޫގައި މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްގީ ކުރުމާއި ހުޅުމާލެ ހޮސްޕިޓަލްގައި ޕްރޮސްތެޓިކްސް އަދި އޯރތޮޓިކްސް ފެސިލިޓީ ތަރައްގީ ކުރުމާއި އދ. ދިގުރަށުގައި ޒުވާނުންގެ މަރުކަޒުގެ މަސައްކަތަށާއި ގއ. ގެމަނަފުށީގައި ޒުވާނުންގެ މަރުކަޒާއި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި މެންޓަލް ހެލްތް ޔުނިޓްގެ މަސައްކަތަށެވެ.

މި ހަތް މަޝްރޫއާއިއެކު އިންޑިއަން ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް އިން ރާއްޖެގައި ހިންގާ މަޝްރޫއުތަކުގެ އަދަދު 27 އަށް އަރާނެ އެވެ.

މި މަޝްރޫއުގެ އިތުރުން އިންޑިއާއިން ފޯރުކޮށްދޭ 106 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީގެ ދަށުން އިތުރު 18 މަޝްރޫއުއެއްވަނީ ރާއްޖެއަށް ކަނޑައަޅާފައެވެ. މީގެ ތެރެއިން 15 މަޝްރޫއު އެއްވަނީ މިހާރު ނިންމާ އިފްތިތާހު ކޮށްފައެވެ.