( 6 އެޕްރިލް 2022 އާ ގުޅޭ )
ޔޫކްއާއި ޔާން ގޮވައިގެން މިއުނާއާއި ސުމައްޔާ ދިއުމުން ޒެހެން ދޮރުލައްޕާލިއެވެ. ޒެހެންއަށް ބަލާލަން ނުކެރިފައި ހޫރައިން އިނީއެވެ. އެހިނދު ޒެހެން އައިސް ހޫރައިންގެ ކަނާއަތުގެ މުލައްދަނޑީގައި ހިފާލިއެވެ. ތެދުވާށޭ ބުންޏެވެ. ކިޔަމަންތެރިކަމާއެކު ހޫރައިން ތެދުވިއެވެ.
ވަރަށް ވިސްނަން އިނދެފައި މިއުނާއާއި ސުމައްޔާގެ މޫނަށް ޔޫކް ބަލާލިއެވެ. މަންމަ ރޮއެރޮއެ މަރުވެދާނެތީ އެކުއްޖާ ކަންބޮޑުވުން ފާޅުކުރިއެވެ. ޔޫކަށް ގޯސްކޮށް ކަމެއް ކުރެވުނީތޯ ސުމައްޔާ ގާތު އަހާލިއެވެ. މަންމަ ދޫކޮށްލާފައި ދާން ހަގީގަތުގައި ޔޫކް ބޭނުމެއްނުވެޔޭ ބުންޏެވެ.
"މާމަގެ ޔޫކަށް ގޯސްކޮށް ކަމެއްކުރެވުނީއެއްނޫން. މާބޮޑަށް ދެރަވީމަ ރުޅި އާދެވުނީ... ދަރިފުޅުމެންގެ މަންމަ އަދިވެސް ކަންކަމުގައި ފަސްޖެހެނީ. ޔޫކްއާއި ބައްޕައާއި މާމައާ ހުރިހާ ކުދީން ވެސް މަންމައަށް ހެލްޕްވާން ތިބިކަން މަންމައަށް ވިސްނޭނެނަމަ. ހުރިހާ ކުދީން ވެސް މަންމަދެކެ ވަރަށް ލޯބިވޭ. މިފަހަރު ބައްޕަ ވިސްނައިދޭނެ މަންމައަށް. ދަރިފުޅުމެންގެ ބައްޕަގެ އަޑު މަންމަ އަހާނެ. އެކަމަކު ދެން އެގޮތަށް ގެއިން ނުކުމެގެންދާން ޔޫކް ނޫޅެއްޗޭ. މަންމަ އެކަންޏެއްނޫން މާމަމެން ވެސް ކިހާ ދެރަވާނެ. ޔޫކް ކިހިނެއް ކޮއްކޮ ބަލާނީ. ކޮންތާކަށް ކޮއްކޮ ގޮވައިގެން ދާނީ. ކޮއްކޮ ބަނޑުހައިވީމަ މަންމަ ދޯ ކާންދެނީ. ޔޫކު ފެންވަރުވާ ރީތިކޮށް ދަރިފުޅުގެ ފޭވަރިޓް ކާއެއްޗެހި ހަދައިދެނީ މަންމައެއްނު..." މިއުނާ ވަރަށް ގިނަ ވާހަކަދެއްކިއެވެ.
ޔޫކްއާ ސުމައްޔާ ކުރި ސުވާލު ތަފާތެވެ. އޭނާ އިނީ ހޫރައިންއަށް ގޯނާ ކުރާން މަސައްކަތްކުރީ ކާކުކަން އެނގެން ބޭނުންވެފައެވެ. ޔޫކް ހުރިހާ ވާހަކައެއް ކިޔާދިނެވެ. އެކުއްޖާގެ ވާހަކައިން ސުމައްޔާއަށް ފާހަގަވީ މެންދުރު އެގެއަށް އައި ހަމައެކަނި މީހަކީ ކައިދިންކަމެވެ. އެހެންވެ އެކަމާ އެ ދަރިފުޅާ ތަކުރާރުކޮށް ސުވާލުކުރިއެވެ. ހެނދުނު ހެނދުނާ ޒެހެންގެ އޮފީހަށް ދިޔަ ދުވަހުކަން ފުރަތަމަ ކައިދިންއާ އެމީހުން ދިމާވީ ބުނެދޭން ޔޫކަށް އެނގުނެވެ. އެއަށްފަހު އެކުއްޖާއަށް ކައިދިން ފެނުނީ މިއަދުއެވެ. އެގެއަށް އޭނާ ވަދެހުއްޓައެވެ. ކައިދިންގެ ޢަމަލުތައް ހުރިގޮތް އެކުއްޖާ ކިޔާދިނެވެ. ބައްޕަނޫން އެއްވެސް ކުއްޖަކު މަންމަގެ ގައިގާ އަތްލައިގެންނުވާނޭކަން އެކުއްޖާއަށް ބުނެވުނެވެ. ބައްޕަނޫން ކުދީން ކައިރިވެއްޖެނަމަ މަންމަ ބިރުގަންނާނޭކަން ޔޫކަށް ބުނާން އެނގެއެވެ.
"ސުމައްޔާ... ކާކުތަ އެއީ." ސުމައްޔާގެ މޫނުން ނުތަނަވަސްކަން ފެނުނު ހިނދު މިއުނާ އަހައިފިއެވެ.
"ކައިދިން. އޭނާ ނޫން މީހަކު މިއަދު ނާދޭ. އަހަންނަށް އެނގިގެން އެބަޔަށް އޭނާ އައި ދެވަނަ ފަހަރު މީ. ޒެހެން ބުނި އެއީ ހަންނާނުގެ ދަރިފުޅޭ." ސުމައްޔާ ބުންޏެވެ. މިއުނާއަށް ލިބުނީ ހައިރާންކަމެވެ.
ސޯފާގައި ޒެހެންއާއެކު ހޫރައިން އިނެވެ. ޒެހެން އޭނާ ގެނެސް ބޭންދި ގޮތަށެވެ. އިސްއޮބާލައިގެން ފިރިމީހާއަށް ބަލާލަން ނުކެރިފައެވެ. ވައަތުފައި ސޯފާއަށް އަރުވާލައިގެން ޒެހެން އިނީ ހޫރައިންއާ ކުރިމަތިވާނޭހެންނެވެ. އޭނާގެ ނަޒަރު ހުރީ ހޫރައިންއަށް ހުއްޓާލެވިފައެވެ. ފިރިމީހާ ބަލަން އިނީ ހިތްހަމަނުޖެހިފައިކަން ހޫރައިންއަށް އެނގެއެވެ. ކައިވެނިކޮށްގެން މިއަދާ ހަމައަށް އައިއިރު އޭނާއާ އަޑުހަރުކޮށް ހަރުކަށިކަމާއެކު ޒެހެން ވާހަކަދައްކާފައެއް ނެތެވެ.
"ސޮރީ... ސޮރީ ޒެން..." މަޑުމަޑުން ހޫރައިންއަށް ބުނެވުނެވެ.
"ސޮރީ އެކަނިތަ. އަހަރެން ކައިރީ އިތުރަށް ބުނަންޖެހޭ ވާހަކައެއްނެތް." އިހު ހުރި ހަރުކަށި ރާގުގައި ޒެހެން އަހާލިއެވެ. ހޫރައިންއަށް އެ ވާހަކައެއް ދައްކަން އުނދަގޫވެގެން އުޅޭކަން ޒެހެން ދެނެގަތެވެ. އޭނާ ތިރީތުންފަތުގައި ދަތް އަޅާލިއެވެ. ދެއަތުގެ ތެރޭ ހެދުމުގެ ބައެއް ބޮނޑިކޮށްލިއެވެ. އަނބިމީހާގެ ހަރަކާތްތަކަށް ބަލަން އިނދެފައި ޒެހެން ވާހަކަދެއްކިއެވެ.
"އަހަރެންގެ އަނބިމީހާއަށް ބަދަލެއް އަތުވެއްޖެކަން ފާހަގަނުވާހާ އަޅާލުންކުޑަ ފިރިއެކޭ ބުނަންތަ ހޫރައިން ބޭނުމީ. އަހަރެން ސުވާލުނުކުރަންތަ؟. ފުރަތަމަބުނީ ކަމެއްނުވެޔޭ... ރޭގަ ބުނީ ވަރުބަލިވެފައޭ. ޔޫކް ބުނީ ތެދެއް. އޭނާގެ މަންމަ ދޮގުވެރިއަކަށްވެއްޖެ. އަހަރެންގެ އަނބިމީހާ ކަންކަން ހިއްސާކުރާހާ އިތުބާރު ހިފޭ މީހަކަށް އަހަރެން ނުވި."
"ޒެން... އެހެނެއްނޫން. ކަންކަމާ އަހަރެން އެކަނި ކުރިމަތިލާން ދަސްކުރާންވެއްޖެ. އަހަރެން ބޭނުމެއްނޫން އަހަރެންގެ ސަބަބުން ޒެންއަށް ތަކުލީފުތަކެއް ލިބޭކަށް. އައިލް ބީ ފައިން." އިސްއުފުލާލަން ނުކެރި އިނދެ ހޫރައިން ބުންޏެވެ. އޭނާގެ ވާހަކަތަކުން ޒެހެންގެ ނުރުހުންވީ އިތުރެވެ.
"ސީރިއަސްކޮށް... ހަމަ ހޫރުތަ ތިހެން ތިބުނަނީ. ވަޓް ދަ ހެލް އިޒް ގޮއިން އޮން. އަހަރެން މީ ކާކުތަ؟. ތިބުނަނީ ދެމަފިރިންނަށްވެ ތިބެ އަނބިމީހާއަށް އަޅާނުލާށޭތަ؟. ހޫރައިން ކުރާނެކަމެއްކުރާން ދޫކޮށްލާށޭތަ؟. އެއްވެސް ކަމެއްގައި ހޫރައިން އަހަންނަކަށް ބޭނުމެއްނުވެޔޭތަ؟. އާ ޔޫ ސީރިއަސްލީ ސެއިން ދެޓް... ހޫރައިންއަށް ކަމެއް ދިމާވީމަ އަޅާނުލާ ހުންނަންވީތަ؟. ބުނެބަލަ ހޫރައިން." ޒެހެންއަށް ކޮޅަށް ތެދުވެވުނެވެ.
"ނޫން. އެހެނެއްނޫން..." ހޫރައިން އިސްއުފުލާލިއެވެ.
"ހަމައެހެން ތިބުނަނީ." ޒެހެން ވަގުތުން ރައްދުދިނެވެ.
"ޒެން..." ހޫރައިން ސޯފާއިން ތެދުވިއެވެ. ޒެހެން އުފައްދާ ސުވާލުތަކަށް ޖަވާބުދޭން ހޫރައިން ބޭނުމެވެ. ޒެހެންގެ ކުރިމަތީ ފަސްޖެހޭކަށް ނޭދެއެވެ. އެހެންވިޔަސް ދުލާ ހަމައަށް ލަފުޒުތައް އައުމުގައި ލަސްކަމެއްވިއެވެ. އެކަމަށް އޭނާގެ ސިކުނޑި ހުރަސް އަޅަނީއެވެ. ޒެހެން ދެކޭނޭ ގޮތާއި ބުނެވޭ އެއްޗެއްގެ ނަތީޖާ ނުކުންނާނެ ގޮތާމެދު އެ ސިކުނޑި ހޫރައިންއަށް އިންޒާރު ދެނީއެވެ.
ޒެހެންގެ ގާތަށް ހޫރައިން ފިޔަވަޅު އަޅާލިއެވެ. ޒެހެންއަށް ފޯނެއް އައީ އެވަގުތެވެ. އޭނާ ހޫރައިންއަށް ބަލާލާފައި ޖެހިލީ ދުރަށެވެ. ދެން ފަޓުލޫނު ޖީބުން ނެގި ފޯނަށް ބަލާލިއެވެ. އެ ފޯނުކޯލަށް ޒެހެން ޖަވާބުދީ ނިމެންދެން ފިރިމީހާގެ ހަރަކާތްތަކަށް ބަލަން ހޫރައިންއަށް ހުރެވުނެވެ.
"ޒެން. ޕްލީޒް..." ފޯނުކޯލު ނިންމާލުމާއެކު ޒެހެން ބަލާލީ ތަފާތު ނަޒަރަކުންނެވެ. އެހިނދު ހޫރައިންއަށް އާދޭސްކޮށްލަމުން ޒެހެންއާ ގާތަށް އާދެވުނެވެ.
"ކައިދިން އައިތަ؟." ޒެހެން އަހާލިއެވެ. ހޫރައިންގެ މޫނުން ފާޅުވި ސިހުން ޒެހެންއަށް ކަމެއް ބުނެދިނެވެ. ވަގުތުކޮޅަކަށް ހޫރައިން ހުއްޓުން އެރީއެވެ. ޒެހެންއަށް ކަނާއަތްތިލަ ގެނެސް ނިތްކުރީގައި ޖައްސާލެވުނެވެ. ދެފަރާތަށް ބޯހޫރާލިއެވެ. ދެން ނިތްކުރީން އަތްތިލަ ނެގުމާއެކު ހޫރައިންއަށް އަނެއްކާވެސް ބަލާލިއެވެ. ފިނިނޭވާއެއް އޭނާ ދޫކޮށްލިއެވެ.
"އަހަންނަށް ކިޔައެއްނުދޭނަންތަ؟" މިފަހަރު ޒެހެން އަހާލީ މަޑުމައިތިރިކޮށެވެ. ހޫރައިން ތުންފިއްތާލިއެވެ. ފަޅިސުކުންތެއްގެ ތެރޭ އެ ދެ ލޯ ފުރި ބަންޑުންވާންފެށިއެވެ.
"އަހަރެން ވަރަށް ލޯބިވޭ ޒެންދެކެ... ވަރަށް ބޮޑަށް... ޒެން، އައި ޑޯންޓް ވޯންޓް ޔޫ ޓު ހޭޓް މީ. އަހަންނަށް ނޭނގުނީ. ހަދާނީ ކިހިނެއްކަމެއް ނޭނގުނީ. އައި ޑިޑިންޓް ނޯ ވަޓް ޓު ޑޫ..." ރޮމުންރޮމުން ހޫރައިން ވާހަކަދެއްކިއެވެ. ކެތްކުރާން ދަތިވީ ފަދައަކުން ޒެހެން ވަގުތުން ހޫރައިންގެ ގައިގާ ބައްދާލައިފިއެވެ. އޭނާއަށް ދަތްކުނޑިވިކާލެވުނެވެ. ހިތަށް ވެރިވާންފެށި ރިހުމަކުންނެވެ. ސިކުނޑިއަށް ދަތިކުރާންފެށި ހިޔާލުތަކުންނެވެ.
"ދުވަހަކުވެސް ހޫރަށް ނަފުރަތެއްނުކުރެވޭނެ. އެހެން ހީނުކުރައްޗޭ. އިފް ޔޫ އާ ނޮޓް ފައިން. ޖަސް ސޭ އިޓް. އަހަރެން އަބަދުވެސް މިހެން ހޫރުގެ ކައިރީ ހުންނާނަން. އިޓްސް މައި ޖޮބް ޓު ޕްރޮޓެކްޓް ޔޫ. ޕްރޮޓެކްޓް ދިސް ފެމެލީ. ހޫރަށް ކަމެއް ދިމާވުމުން އަވަހަށް އަހަރެން ކައިރީ ބުނަންވާނެ." ޒެހެންގެ ވާހަކައަށް ހޫރައިން ބޯޖަހާލައެވެ.
ހޫރައިންގެ ރުއިން ހުއްޓެންދެން މޭގައި ބޮނޑިކޮށްލައިގެން ޒެހެން ހުއްޓެވެ. ދެއަތުން ހޫރައިންގެ ތެމިފައިވާ ކޯތާފަތް ޒެހެން ފުހެލީ ނުހަނު މަޑުމަޑުން ލޯބިންނެވެ. އެ ދެ ލޮލުގައި އޭނާ ބޮސްދިނެވެ. ސޯފާގައި އޭނާ އައިސް އިށީނެވެ. ކައިރީގަ ހޫރައިން ބޭންދިއެވެ. ކަންތައްވީގޮތް ކިޔާދެވިދާނެތޯ ޒެހެން އަހާލިއެވެ. އެއާއެކު ހޫރައިން ބޯޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ. އޭނާ ޒެހެންއާ ނަޒަރު ވަކިކޮށްލިއެވެ. ދެއަތްތިލަ ޖޯޑުކޮށްލެވުނެވެ. އެހިނދު އެ ދެއަތުގައި ޒެހެން ހިފާލިއެވެ. ހޫރައިން ހިތްވަރު ނެރެނީކަން ޒެހެންއަށް އެނގެއެވެ. އޭނާ ކެތްތެރިވިއެވެ. އަނބިމީހާގެ ކޯތާފަތުގައި ވައަތުގެ އިނގިލިތަކުގެ ނުފުށުން ފިރުމާލިއެވެ. އޭނާ ހޫރައިންއާއެކު އިންކަން އިހްސާސްކޮށްދޭ ފަދައިންނެވެ. އަދި އޭނާ އަބަދުވެސް ހޫރައިންދެކެ ލޯބިވާނޭކަން އެ ކުދިކުދި ބީހުންތަކުން ބުނެދޭން މަސައްކަތް ކުރިއެވެ.
"ކައި... ކައިދިންއަށް އެހެން ނަމެއް ކިޔާތަ؟." ހޫރައިން އަހާލިއެވެ.
"ކައިދިން..." ޒެހެންއަށް މިހެންބުނެ ވިސްނާލެވުނެވެ.
"ކޭޑީ... ކޭޑީ ކިޔާތަ؟" ހޫރައިން އެއްސެވެ.
ޒެހެން ބަސް ހުއްޓުނެވެ. ކޭޑީއަކީ ކައިދިންގެ ރައްޓެހިންގެ މެދުގައި ބޭނުންކުރެވޭ ނަމެވެ. އާއިލާ މީހުން ވެސް އެ ނަން ބޭނުމެއްނުކުރެއެވެ. ޒެހެން ވެސް ކައިދިން ގާތުގައި ނޫން ގޮތަކަށް ކޭޑީގެ ނަން ބޭނުންކުރަނީ ނަހުޔާނު ކައިރީ އެކަންޏެވެ. ކޭޑީއަކީ ކައިދިންގެ ވަނަމެވެ. އެކަން ހޫރައިންއަށް އެނގުނީ ކިހިނެއްބާއެވެ.
"ކައިދިން ދަންނަންތަ؟." ބާރަށް ތެޅެމުންދިޔަ ހިތާއެކު ޒެހެންއަށް އަހާލެވުނެވެ. މަޑުމަޑުން ހޫރައިން ދެފަރާތަށް ބޯހޫރާލިއެވެ. ދެން ޒެހެންއަށް އޭނާ ބަލާލިއެވެ. ފަރުވާތެރިކަމާއެކު ޒެހެންގެ ދެ ލޮލަށް ހޫރައިން ބަލަން އިރުކޮޅަކު އިނެވެ. އޭނާގެ ކަނާއަތްތިލައިގަ ހިފާލުމާއެކު މޫނާ ހަމައަށް އުފުލާލިއެވެ. އެ އަތުގެ އިނގިލިތަކުގެ ކޮޅު ގެނެސް ހޫރައިންގެ މޫނުގައިވީ ދިގު ލަކުނާ ދިމާގައި ޖެއްސުވިއެވެ.
"އަހަރެންދެކެ ލޯބިވާނަމަ މިކަހަލަ އަނިޔާ ދޭނެތަ؟. އަހަރެންގެ ހަށިގަނޑު ލަކުނުން ފުރާލަން ބޭނުންވާނެތަ؟. އެހާ ލޯބިވާ މީހެއްގެ ހަށިގަނޑަށް މީހަކު ބަލާނުލާނޭވަރު ކުރާން ކެރޭނެތަ؟." ހޫރައިންގެ އަޑުގައި އެތައް ރިހުމެއް އެކުލެވިފައި ވިއެވެ. މިއަދު އޭނާގެ ދުލުން ބޭރު ކޮށްލެވުނީ އެތައް އަހަރެއްވާންދެން ހިތުގައި އޮތް ސުވާލުތަކެވެ.
"ލޯބިވާ މީހުންނަށް އަނިޔާއެއް ނުކުރާނެ. އެއްވެސް ސިފައެއްގައި ދެރައެއްނުދޭނެ... ހޫރު. ތި ދައްކަނީ ކޮންއިރެއްގެ ވާހަކަކަން އަހަންނަށް އެނގޭ. އެކަމަކު ތިދައްކާ ވާހަކަތަކުގެ އަސްލަކީ ކޮބާކަމެއް ޔަގީނެއްނުވޭ. ތި ވާހަކަތަކާއި ކައިދިންއާ ގުޅުމެއްވަނީތަ؟." މިފަހަރު އެ ސުވާލު ކުރާން ޒެހެން ޖެހިލުންވިއެވެ. އޭނާއަށް ހުއްޓިފައިވީ ހޫރައިންގެ ދެ ލޯ އެތައް ކަމަކަށް ހެކިވާތީ ޒެހެން ދުށްޓެވެ. ލުއި ނޭވާއެއް އަނގައިން ބޭރުވެލި ފަދައިން ޒެހެންގެ ދެ ތުންފަތުގެ ދޭތެރެއިން މަޑު އާހެއް ނުކުތެވެ.
"ކަނު އަނދިރީގައި ވެސް ބައެއް މީހުން ވަކިކުރާން އެނގޭނެ." ހޫރައިންއަށް ބުނެވުނެވެ.
"އެއީ ކޮންބައެއްކަން އެނގެއޭތަ ތިބުނަނީ. އެމީހުންގެ ތެރޭގަ ކައިދިން ވެސް ހުރީތަ؟." ތެޅިތެޅި އޮތް ހިތަކާއެކު ޒެހެންއަށް އަހާލެވުނެވެ.
"އާން... ހުރިހާކަމެއް ކުރީ އޭނާ. އަހަންނަށް މިހެން ހެދީ އޭނަ. ޒެން... އަހަރެން ރޭޕްކުރީ އޭނަ. ހަމައެކަނި އޭނަ. އެ އެންމެންނަކީ އޭނާގެ މީހުން. އެމީހުން ތަބާވީ އޭނާގެ ބަހަށް. ކިޔަމަންވީ އޭނާގެ އަމުރުތަކަށް. އެމީހުން އޭނާއަށް ކޭޑީއޭ ގޮވި. އެ ނަން ކިޔާ އަޑު އެރޭގެ ކުރީން އަހަރެން އެއްފަހަރު އެހީން. އެ ނަމުގެ ވެރިޔާގެ ސޫރަ ވެސް ދުށީން. އެކަމަކު އެރޭ އޭނާ ހުރީ މޫނު ނިވާކޮށްގެން. އެރޭ އެމީހުންގެ ހުރިހާ އަޑެއް މި ދެ ކަންފަތުން އެހިން. އެ ރެއިން ފެށިގެން މި ކަންފަތުން އޭނާގެ އަޑު ފިލައިގެން ނުދޭ. ނޭފަތުގައި ހަރުލި ވަސްތަކަށް ދަންދެން ހަނދާނުގައި ކޮންމެ ކަމެއް ހަރުލާފައި އެބަހުރި. އޭނާގެ ކަރުދޮށުގައި ހުރި ކަޅުތިލައާ އެ އިސްތަށިގަނޑު އަހަންނަށް ވަކިކުރާން ނޭނގި ހުންނާނީ ކިހިނެއް. އެއްވެސް ކަމެއް ހަނދާންނެތޭ ބުނީ ބިރުން. އަހަރެން ހާދަ ބިރެއްގަތޭ. އަދިވެސް ބިރުގަނޭ... އޭނާ ފެނުނީމަ ބިރުގަނޭ. އެއްވެސް ވާހަކައެއް ދައްކަން ފަހުން ވެސް ނުކެރުނީ. އެރޭ އޭނާގެ މޫނު ނުފެންނައިރު އަހަންނަށް އެއީ ކާކުކަން އެނގެއޭ ބުންޏަސް އެކަކުވެސް ގަބޫލެއްނުކުރާނޭ ހީވީ. އަހަރެން ސިފަކިޔައިދީގެން އެމީހަކު ހޯދިޔަސް ގަނޫނުގެ އަތްދަށުން އޭނާ ދެމިގަނެދާނޭ ހީވީ. އޭރުން ދެން އެނބުރި އައިސް އަހަންނަށް ކޮންމެކަމެއް ވެސް ކޮށްފާނޭ ހީކުރެވުނީ. އެހެންވެ އެވާހަކަތައް އަލުން ދައްކަން ބޭނުންނުވީ. އެކަމަކު... އޭގެ ފަހުން ހަ އަހަރު ވަނީ... އެހާ ދުވަސް ފަހުން އޭނާ އަހަރެން ހޯދީ ކިހިނެއްކަމެއް ނޭނގެ. ޒެންއަށް ޕެންޑްރައިވް ހަވާލުކޮށްފައި އަހަރެމެން ޝޮޕިންކޮށްގެން ވަނީ އޮފީސް ކައިރީ ހުރި ޕާކަށް. އޭނާ އައީ އަހަރެން އެނގިގެން. އަހަރެންގެ ކުރިމައްޗަށް އެރީ އަމިއްލައަށް. އެ ސޫރަ ފެނުމާއެކު އެއީ ކޭޑީކަން އަހަރެންނަށް އެނގުނު. އެކަން އޭނާ އިތުރަށް ޔަގީންކޮށްދިނީ ވެސް އަމިއްލައަށް. ކައިދިންކަން އެނގުނީ އޭނާގެ ވާހަކައިން. އެހިސާބުން އަނެއްކާވެސް އަހަރެން ބިރުގަތީ. ހިޔެއްނުކުރަން ޒެންގެ ކައިދިންއަކީ ކޭޑީއަށް ވާނޭ. އެކަމަކު އެއީ ހަމަ އޭނަ." ހޫރައިންގެ އަޑުން އޭނާއަށް ހުރިހާކަމެއް ޔަގީންވާވަރު ހާމަވެއެވެ. ޒެހެންއާ ނަޒަރުވަކިކޮށްލުމެއްނެތި އޭނާ އެ ހުރިހާ ވާހަކައެއް ދެއްކިއެވެ. އޭނާގެ ވާހަކަ ޤަބޫލުކުރާށޭ ބުނާ ކަހަލައެވެ. އެ ވާހަކަތައް ތެދުނުކުރާނޭ ހޫރައިންއަށް ހީކުރެވުނީތީ ވެސް ޒެހެންގެ ހިތަށް ތަދުވިއެވެ. އޭނާ ހޫރައިންގެ މައްޗަށް ކުރާ އިތުބާރު ހަމަނޭނގޭބާއޭ ޒެހެން ހިތަށް އެރިއެވެ.
"ޒެން... އޭނާ... އޭނާ މިގެއަށް އަންނަނީ ރަނގަޅަކަށްނޫން. ޕާކުގަ... އޭނާ އަހަރެންގެ އަތުގަ ހިފީ. ޔޫކަށް ހުރިހާކަމެއް ފެނުނު. މިހެން އަބަދު ބިރުން އުޅޭކަށް ބޭނުމެއްނޫން." ޖެހިލުންވުމާއި ބިރުގެ އަސަރު ހޫރައިންގެ ދެ ލޮލުން ފާޅުވިއެވެ. ޒެހެންއަށް ދަތްކުނޑިވިކާލެވުމާއެކު ދެ ލޯ މަރާ ބާރުކޮށްލެވުނެވެ. މަޑުމަޑުން ކައިދިންގެ ނަން އޭނާ ކިޔާލިއެވެ. (ނުނިމޭ)