ބޮލީވުޑް

ޝައްބީރް "ކުމްކުމް ބާގިޔާ" ދޫކޮށްލައި އެހެން ޝޯއަކަށް!

މަޝްހޫރު ޓީވީ ސިލްސިލާ "ކުމްކުމް ބާގްޔާ"ގެ ލީޑް ރޯލު ޝައްބީރް އަހުލޫވާލިޔާ ކުޅެމުންދާތާ ހަތް އަހަރު ފަހުން އޭނާ ވަނީ ޝޯ ދޫކޮށްލާފަ އެވެ. އަދި މުޅިން އާ ޝޯއެއްގެ މަސައްކަތް ޝައްބީރް ވަނީ ފަށާފަ އެވެ.

ޝައްބީރް ދެން ފެންނާނީ "ޕިޔާރް ކާ ޕެހެލާ ނާމް ރާދާ މޯހަން" ކިޔާ ރޮމެންޓިކް ޑްރާމާ އަކުންނެވެ. މިއީ ރިންދާވަން ކިޔާ ރަށެއްގައި ހިނގާ ލޯބީގެ ހާދިސާ އަކަށް ބިނާކޮށްފައިވާ ޑްރާމާ އެކެވެ.

"ކުމްކުމް ބާގްޔާ" ދޫކޮށްލައި އެހެން ޝޯއަކާ ގުޅުނުކަން ޝައްބީރް ވަނީ ޔަގީންކޮށްދީފަ އެވެ. އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ޝައްބީރް ބުނީ އާ ސިލްސިލާ އެއްގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އެހާ ގިނަ ދުވަސް ވަންދެން ކުޅުނު ސީރީޒް އެއް ދޫކޮށްލުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.

އަދި ޝޯގެ ބަތަލާ ސްރީޖީ ޖާ އާއި ސަޕޯޓިން އެކްޓަރު އަރިޖީތު ތަނޭޖާ އާއި އޭނާގެ މެދުގައި ވަރަށް ޚާއްސަ ގުޅުންތަކެއް އުފެދިފައިވާތީ އެމީހުން ދޫކޮށްލާފައި ދިއުން ވެސް ވީ ވަރަށް އުނދަގޫކަމަކަށް ކަމަށް ޝައްބީރް ބުންޏެވެ.

"ފާއިތުވީ ހަތް އަހަރު ތެރޭ ކޮންމެ ދުވަހަކުވެސް ގިނަ ވަގުތުތަކެއް ހޭދަކޮށްފައިވަނީ އެ ސިލްސިލާގެ ސެޓުގައި އެމީހުންނާއެކު. އެހެންވީމާ ކުއްލިއަކަށް މާހައުލު ބަދަލުކޮށްލައި ކުރިން އެކުގައި އުޅުނު މީހުންނާ ދުރަށް ދިއުން ވަރަށް އުނދަގޫ ކަމަކަށްވި،" ޝައްބީރް ބުންޏެވެ.

ޝައްބިރް ޝޯ އާ ވަކިވީ ބޮޑެތި ދަރިންތަކެއްގެ ބައްޕައެއްގެ ރޯލު ކުޅެން ޖެހޭތީ ކަމަށް ޚަބަރުތައް ބުނެ އެވެ. މި ވާހަކަ މުޅިއަކުން ޝައްބީރް ދޮގެއް ނުކުރެ އެވެ. އޭނާ ބުނި ގޮތުގައި އެހާ ގިނަ ދުވަސްތަކެއް ވަންދެން އެއް ޝޯއެއް ކުރިޔަށް ދާއިރު ކައިވެނިކުރާ ތަނާއި ދަރިން ލިބޭ ތަނާއި އެ ދަރިން ބޮޑެތިވާ ތަން ދައްކަން މަޖްބޫރުވާނެ އެވެ. ވީމާ އެކަމަކާ އޭނާގެ އެއްވެސް ހިތްހަމަނުޖެހުމެއް ނެތެވެ. ނަމަވެސް އިތުރަށް އެ ޝޯގައި ބައިވެރިވާން އޭނާ ބޭނުމެއް ނޫނެވެ.

ޝައްބީރަށް މިހާރު "ކުމްކުމް ބާގްޔާ"އަކީ ހަމައެކަނި މާޒީވެފައިވާ އުފާވެރި ހަނދާން ތަކެކެވެ. އޭނާ ބޭނުންވަނީ އެގޮތަށް އެހަނދާންތައް ކުރާށެވެ.