އައްޑޫ ސިޓީގައި ހަ އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި އުމުރުން ދުވަސްވީ އަންހެނަކު ހައްޔަރުކޮށްފައިވާތީ އޭނާ އަށް ލުއި ދިނުމަށް ގޮވާލައި ތައްޔާރުކޮށްފައިވާ ޕެޓިޝަންގައި އައްޑޫގެ މޭޔަރު އަލީ ނިޒާރާއި ބައެއް ކައުންސިލަރުން ސޮއި ކުރައްވައިފި އެވެ.
ޕެޓިޝަންގައި މިހާތަނަށް 600 އަށް ވުރެ ގިނަ މީހުން ސޮއި ކޮށްފައިވާއިރު މޭޔަރުގެ އިތުރުން ސޮއި ކުރައްވާފައިވާ ކައުންސިލަރުންނަކީ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު އާއި ފޭދޫ މާދެލަ ދާއިރާގެ ކައުންސިލަރު މުހައްމަދު ފައިސަލާއި ހިތަދޫ މޫލެކެޑެ ދާއިރާގެ މެމްބަރު އަހުމަދު ސައީދު އެވެ.
އައްޑޫ ސިޓީގެ ހިތަދޫގައި ހަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 59 އަހަރުގެ އަންހެނެކެވެ. އެއީ ބަލި މީހަކަށް ވެފައި ކޮންމެ ކޮންމެ އެއްޗެއް ކެވޭ މީހަކަށް ނުވާތީ ރޯދަ މަހު އޭނާ ގެއަށް ބަދަލުކޮށްދިނުމަށް ގޮވާލައި ޕެޓިޝަން ތައްޔާރުކުރަނީ އަންހެން މީހާގެ އާއިލާ އިންނެވެ.
އެ މީހާ ހައްޔަރުކުރުމާ އެކު އައްޑޫ ރައްޔިތުންގެ މެދުގައި ވަރަށް ބޮޑު ނުތަނަވަސްކަމެެއް އުފެދި އެކަމާ ދެކޮޅަށް އިހްތިޖާޖުކޮށްފައިވެ އެވެ.
އިހްތިޖާޖު ކުރި މީހުން ތުހުމަތު ކުރާ ގޮތުގައި ހައްޔަރުކޮށްފައިވާ އަންހެން މީހާ އަކީ ބާރުގަދަ ބަޔަކު ފްރޭމްކޮށްގެން ހައްޔަރުކޮށްފައި އަންހެނެކެވެ.
އަންހެން މީހާ އަކީ ކުއްޖާ ކިޔަވަމުން ދިޔަ ސްކޫލުގައި މަސައްކަތު މީހަކަށް އުޅުނު މީހެކެވެ. އޭނާ މަސައްކަތު މީހަކަށް އުޅޭތާ 30 އަކަށް އަހަރު ވެފައިވާއިރު އެކަހަލަ ކުށުގެ ރެކޯޑެއް ނެތް ކަމަށް އަންހެން މީހާގެ ދިފާއުގައި އައްޑޫގައި އިހްތިޖާޖު ކުރި ބައެއް މީހުން ބުނެފައިވެ އެވެ.
އައްޑޫގެ ބައެއް ރައްޔިތުން ގަބޫލުކުރާ ގޮތުގައި ކުޑަ ކުއްޖާ އަށް ޖިންސީ ގޯނާކޮށްފައިވަނީ އެ ކުއްޖާގެ ކާފަ އެވެ. އަދި މިހާރު އެ މީހާ އިންޑިއާ އަށް ފުރުވާލާފައި ކަމަށްވެސް ބައެއް މީހުން ބުނެ އެވެ. އެކަމާ ގުޅިގެން ފުލުހުން ބުނީ ހަ އަހަރުގެ ކުޑަ ކުއްޖާ އަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައިގައި އާންމުން، ފުލުހުންނާ ހިއްސާ ކުރާ މައުލޫމާތުތަކާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމާއި މައްސަލައާ ގުޅޭ ހެއްކާއި ގަރީނާ ހޯދުމުގެ މަސައްކަތާއި އިތުރު މީހެއްގެ ބައިވެރިވުން އެކަމުގައި އޮތްތޯ ބެލުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި މޭޔަރު އަލީ ނިޒާރު މީގެ ކުރިން ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުން އޮތް މިފަދަ މައްސަލައެއްގައި ފުލުހުންނަށް ދެވެން އޮތް މިންވަރަކުން ރައްޔިތުންނަށް މައުލޫމާތު ދޭން ޖެހޭ ކަމަށެވެ. އަދި ޖެންޑާ މިނިސްޓްރީން ވެސް މިމައްސަލައިގައި އެއްބާރުލުން ދޭން ޖެހޭ ކަމަށެވެ.
"މި މައްސަލައިގައި ރައްޔިތުންގެ ތުހުމަތު ތަކަށްވެސް ބަލާލުން ރަނގަޅު،" ނިޒާރު ވިދާޅުވެފައިވެ އެވެ.
އަންހެން މީހާގެ ޝަރީއަތް ވަކި ގޮތަކަށް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އަދި ކުއްޖާއަށް ޖިންސީ އަނިޔާއެއް ލިބިފައިވޭތޯ ބަލަން މެޑިކަލް އެސެސްމަންޓެއް ފުލުހުން ވަނީ ހަދާފަ އެވެ. މީގެއިތުރުން ކުއްޖާގެ ނަފްސާނީ ހާލަތާ ގުޅޭ އެެސެސްމަންޓަކާއި ކުއްޖާއަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށް ދިނުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.