ރޯދަ މަސް

ރޯދައިގެ އަޅުކަމާއި ދޫ ރައްކާތެރި ކުރުން

އެހެން ހުރިހާ ގުނަވަންތަކާ ޚިލާފަށް އިންސާނާގެ ދުލަކީ އެއަށް ޚާއްޞަކަން ލިބިގެންވާ ގުނަވަނެކެވެ. އެއީ ނުހަނު ކުޑަކުޑަ ގުނަވަނަކަސް އެ ގުނަވަނުގެ ބޭނުން ހެޔޮގޮތުގައި ހިފައިފި މީހާއަށް އޭގެ މަންފާ ނުހަނު ބޮޑު ގުނަވަނެކެވެ. އެ ގުނަވަނުގެ ބޭނުން ނުބައި ގޮތުގައި ހިފައިފި މީހަކަށް އެއިން ހޯދައިގަނެވޭ ފާފަތަކުގައި އޭނާ ނެތި ހަލާކުވެގެން ހިނގައިދާނެއެވެ. މި ސަބަބަށްޓަކައި ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ.

"މީސްތަކުން މޫނުވަތަށް (ދަމާ ގެންގޮސް) ނަރަކައަށް އެއްލައިލެއްވެނީ، އެބައިމީހުންގެ ދޫތަކުން ހޯދައިގެން ކަންތައް ފިޔަވައި އެހެން ކޮންކަމަކާހުރެ ހެއްޔެވެ؟" (ރިވާކުރެއްވީ އަލްއިމާމުއް ތިރްމިޛީއެވެ.)

ދުލަކީ އެހެން ހުރިހާ ގުނަވަންތައް އެ ގުނަވަނާ ތަބާވެގެންވާ ގުނަވަނެކެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޙަދީޘް ކުރައްވާފައިވެއެވެ. "އާދަމުގެ ދަރިޔާ (ކޮންމެ ދުވަހަކު) ފަތިސްކުރާހިނދު އޭނާގެ ހަށިގަނޑުގެ އެންމެހައި ގުނަވަންތައް (ނިކަމެތިކަމާއެކު) ދުލަށް މުޚާޠަބު ކުރާހުއްޓެވެ. ބުނާނެތެވެ. ތިމަންމެންނަށްޓަކައި ތިބާ ﷲ އަށް ބިރުވެތިވާށެވެ. ފަހެ، ހަމަކަށަވަރުން، ތިމަންމެންނީ، ތިބާއާ ގުޅިފައިވާ ބަޔަކީމުއެވެ. ތިބާ (ﷲގެ މަގުގައި) ސީދާވެއްޖެނަމަ، އަހުރެމެން ސީދާވެދާހުއްޓެވެ. އަދި ތިބާ މަގުން ކަސިޔާރުވެއްޖެނަމަ، އަހުރެމެން ހަމަމަގުން އެއްކިބާވެދާހުއްޓެވެ." (ރިވާކުރެއްވީ އަލްއިމާމުއް ތިރްމިޛީއެވެ.)

ރޯދައިގެ އަޅުކަމުގެ ތެރޭގައި ދޫ ރައްކާތެރި ކުރުމަށް ވަކީން ޚާއްޞަކޮށް އިރުޝާދު ދެއްވާފައިވަނީ މިފަދަ އެތައް ސަބަބުތަކަށްޓަކައެވެ. އެހެނީ އިސްވެ ބަޔާންކުރެވުނު ފަދައިން، ދުލަކީ އޭގެ ބޭނުން ހިފައިގެން މަތިވެރި ދަރުމަޔާއި ސަވާބު ޙާޞިލުކުރެވޭ ގުނަވަނެކެވެ. އަދި އެގުނަވަނުގެ ބޭނުން ނުބައި ގޮތުގައި ހިފައިފިނަމަ، ގެއްލެނިކަމާއި އަބާއްޖަވެރިކަންވެސް ބޮޑު ގުނަވަނެކެވެ.

ވިސްނައިލައްވާށެވެ! ދުލުން ކިޔައިލެވޭ ޝަހާދަތުގެ ދެކަލިމަ އަކީ އިސްލާމް ދީނަށް ވަނުމުގެ ތަޅުދަނޑި އެވެ. އަދި ހަމަ އެ ދުލުން ބުނެވޭ ބަހަކުން ދީނުން ބޭރުވެގެންވެސް ހިނގައިދެ އެވެ. ދުލުން ބުނާ ކަލިމައަކުން ކައިވެނީގެ ޢަޤުދު ފުރިހަމަވެ އެވެ. ހަމަ އެދުލުން ބުނާ ލަފްޒަކުން ކައިވެނި ރޫޅި ވަރިވެގެން ދެއެވެ. ދުލުން ބޭރުކޮށްލެވޭ އެންމެ ކަލިމައަކީވެސް މުޅި އުމުރަށް ހިތާމަ ކުރަންޖެހިދާ ކަލިމައަކަށް ވެގެން ހިނގައިދާނެއެވެ. އެހެންކަމުން، ދުލުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި، ތެދުމުގައި ދެމިހުރުމުގެ ވަސީލަތެއްގެ ގޮތުގައި އެދޫ ބޭނުންކޮށް، އެދުލުން ކުރެވޭ ފާފަތަކުން އެއްކިބާވާންޖެއެވެ.

ރޯދަވެރިޔާ އޭނާ ރޯދައަށް ހުންނަ ދުވަހު ދުލުގެ ބޭނުން ނުރަނގަޅު ގޮތުގައި ހިފާނަމަ، އޭނާގެ ރޯދައިގެ ފައިދާއެއް ނެތެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ. «مَنْ لَمْ يَدَعْ قَوْلَ الزُّورِ وَالعَمَلَ بِهِ فَلَيْسَ للهِ حَاجَةٌ فِي أَنْ يَدَعَ طَعَامَهُ وَشَرَابَهُ». رواه البخاري މާނައީ: "(ރޯދައަށް ހުރެ) ހަޑިހުތުރު ބަސްތައް ބުނެ، އެފަދަ ޢަމަލުކުރުން ހުއްޓައިނުލާ މީހާ ދަންނާށެވެ! ފަހެ، އޭނާ ހަމައެކަނި ނުކައިނުބޮއި ހުންނަ ހުރުމަކީ، އެކަމުގައި ﷲ އެދިވޮޑިގެންވާ ގޮތެއް ނޫނެވެ."

ދުލުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަކީ ދާދި ފަސޭހަ ކަމެކެވެ. ވަކީން ޚާއްޞަކޮށް ރޯދަވެރިޔާ ރޯދައަށް ހުންނަ ވަގުތުގައި، ދުލުން ކުރެވޭ ހެޔޮކަމުގައި ވަގުތުތައް ހޭދަކޮށްލުމަކީ އޭނާގެ ރޯދައަށް ހުރި އެންމެ މޮޅު ގޮތެވެ. ދުލުން ކުރެވޭ އަޅުކަމުގެ ތެރޭގައި ފަރުޟު އަޅުކަމާއި، ސުންނަތް އަޅުކަން ހިމެނެ އެވެ. ފަރުޟު އަޅުކަމުގެ ތެރޭގައި ހިމެނެނީ، ފަރުޟު ނަމާދުތަކުގައި ކިޔަވާ ކިޔެވުމާއި، ކިޔާ ދުޢާތަކާއި ޒިކުރުތަކެވެ. ހަމައެފަދައިން ސުންނަތް ނަމާދުތަކުގައި ކިޔެވޭ ކިޔެވުމާއި، ކިޔާ ޒިކުރުތަކުގެ އިތުރުން، ނަމާދުގައި ނޫނަސް ޤުރްއާން ކިޔެވުމާއި، ހެނދުނާއި ހަވީރުގެ ދުޢާތައް ކިޔުމާއި، ހެޔޮ ކަންތައްތަކަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރުމަކީ ދުލުން ކުރެވޭ އަޅުކަމެވެ.

ދުލުން ކުރެވޭ ހެޔޮ ކަންތައްތަކުގެ ތެރޭގައި، ޣީބަ ބުނުމުން އެއްކިބާ ވުމާއި، ދޭތެރެ ޖެއްސުމާއި ފިތުނަ ފަސާދަ އުފެދޭފަދަ ވާހަކަތައް ނުދެއްކުން ހިމެނެއެވެ. ވަކީން ޚާއްޞަކޮށް ބަރަކާތްތެރި ރަމަޟާން މަހުގައި އެފަދަ ކަންކަންމުން އެއްކިބާވުމީ ތިމާގެ ރޯދައިގެ އަޅުކަމަށްވެސް އޮތް ރައްކާތެރިކަމެކެވެ.

ރޯދައަކީ އައްޑަނަ އެކެވެ. އެ އައްޑަނައިގެ ބޭނުން ހިފައި ދުލުގެ އެންމެހައި ފާފަތަކުން އަމިއްލަ ނަފްސު ރައްކާތެރި ކުރަންޖެހެ އެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްފުޅެއްގެ މާނައިގައިވެ އެވެ.

"ތިޔަބައިމީހުންކުރެ މީހަކު ރޯދައަށް ހުންނަ ދުވަހު، ހަޑިހުތުރު ބަސްތައް ނުބުނާހުށިކަމެވެ. އަދި އަޑުގަދަކޮށް ހަޅޭލައި ނުހަދާށިކަމެވެ. ފަހެ، އެހެން މީހަކު ތިބާއަށް ހުތުރު ބަހެއް ބުނެ ނުވަތަ އަރައިރުމެއް ފަށައިފިނަމަ ފަހެ، އޭނާ ބުނާހުށިކަމެވެ! ހަމަކަށަވަރުން، ތިމަންނާއީ ރޯދަވެރިޔަކީމެވެ." (ރިވާކެރެއްވީ ބުޚާރީ އާއި މުސްލިމްއެވެ.)

ސޯޝަލް މީޑިއާގެ ބޭނުން އާންމުވެފައިވާ މި ޒަމާނުގައި، އެފަދަ ވަސީލަތްތައް މެދުވެރިކޮށް، ހުތުރު ބަސްތައް ބުނުމާއި ދޮގު ހެދުން ފަދަ ޢަމަލުތައް ކުރާނަމަ އެކަމުގެ ފާފަ އިތުރަށް ބޮޑުވެގެން ހިނގައިދާނޭކަމުގައި ބިރުވެތިވާން ޖެހެ އެވެ. އެހެނީ، ސޯޝަލް މީޑިއާގައި، ހަޑިހުތުރު ބަސްތައް ބުނުމާއި، ދޮގު ހެދުމާއި ފިތުނަ ފަސާދަ އުފެއްދުމަކީ އެތައް ސަތޭކަ ބައެއްގެ މެދުގައި އެފަދަ ބަސްތަކެއް ބުނެ ފަތުރައިލުމެވެ. ވީމާ، އެކެއް ދެމީހެއްގެ ޖަމާޢަތުގައި ބުނެވޭ ދޮގު ބަހަކާއި، ސޯޝަލް މީޑިއާގައި ފަތުރާ ދޮގު ވާހަކަތަކުގެ ތަފާތު އެތައް ގުނައެއް އިތުރުވާނެއެވެ.

ދޮގު ވާހަކަތައް ފެތުރުމުން އެއްކިބާވުމާއި، ޣީބަ ބުނުމާއި، ދޭތެރެ ޖެއްސުންފަދަ ބޮޑެތި ފާފަތަކުން އެއްކިބާވުމަކީ ކޮންމެހެން ކުރަންޖެހޭނޭ ކަމެކެވެ. ޣީބަ ބުނެވޭ މަޖިލީހެއްގައި، އެފަދަ ބަސްތައް ބުނާ މީހަކާ އެއްބައިވެ އެވާހަކަތައް އިތުރަށް ދައްކާ ހެދުމުގެ ބަދަލުގައި، އެކަން މަނާކޮށް، ހުއްޓުވަންވާނެ އެވެ. ނުވަތަ ޣީބަ ބުނެ ފިތުނަ ފަސާދަ އުފެދޭފަދަ ވާހަކަތައް ދެކެވޭ މަޖިލީހުން ދުރުހެލިވާންޖެހޭނެވެ.

އަނެކާގެ ނުބައި ވާހަކަ ދެކެވޭ ތަނެއްގައި، އެކަން ހުއްޓުވައި، އެފަދަ ވާހަކަތައް ނުދައްކާން ބުނުމަކީ މަތިވެރި ދަރުމަޔާއި ސަވާބު ލިބޭނޭ ހެޔޮ އަމަލެކެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ.

«مَنْ رَدَّ عَنْ عِرْضِ أخيهِ، رَدَّ اللهُ عَنْ وَجْهِهِ النَّارَ يَومَ القيَامَةِ». رواه الترمذي މާނައީ: "އެ މީހެއްގެ މުސްލިމު އަޚާގެ އަބުރާއި ޢިއްޒަތް ދިފާޢުކޮށްދީފި މީހާ ދަންނާށެވެ! ޤިޔާމަތް ދުވަހުން، މާތް ﷲ، އޭނާގެ މޫނު ނަރަކައިން މުއްތިކުރައްވާހުއްޓެވެ."

ދުލުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ ދީން މަތީ ސާބިތުވެ ހުރުމަށް އެހީތެރިވެދޭ އެންމެ ބޮޑު ވަޞީލަތެވެ. ކީރިތި ރަސޫލާ صلى الله عليه وسلمގެ އަރިހަށް މީހަކު އައިސް ދެންނެވި އެވެ.

"އޭ ﷲ ގެ ރަސޫލާ އެވެ! ހަމަކަށަވަރުން، އިސްލާމް ދީނުގެ ޙުކުމްތައް އަޅުގަނޑަށް ވަނީ ގިނަ ކަމެއް ކަމުގައިވެފައެވެ. ފަހެ، އަޅުގަނޑު އެ ކަމެއްގައި ގަދައަޅައި ހިފަހައްޓާނޭ (ކުރަން ފަސޭހަ) ކަމެއް ވިދާޅުވެދެއްވުން އެދެމެވެ."

ޙަދީޘް ކުރެއްވިއެވެ. "އަބަދާއިއަބަދު ﷲ ހަނދުމަ ކުރުމުގައި ތިބާގެ ދޫ ތެންމާފައި ބާވައްށެވެ. (އެބަހީ: އަބަދުމެ އެކަލާނގެއަށް ޒިކުރު ކުރުންމަތީ ދެމިހުންނާށެވެ.)" (ރިވާކުރެއްވީ އަލްއިމާމުއް ތިރްމިޛީއެވެ.)

ރަމަޟާންމަހުގެ ހުރިހާ ވަގުތެއްގައިމެ މާތް ﷲ އަށް ޒިކުރު ކުރުންމަތީ ދެމިހުރުމަކީ މި ބަރަކާތްތެރި މައްސަރުގެ ހެޔޮކަން އެންމެ ފުރިހަމަ ގޮތުގައި ހޯދޭނޭ މަގެވެ. ވަކީން ޚާއްޞަކޮށް، ދިރިއުޅުމުގެ އެކި ކަންކަމުގައި މަޝްޣޫލުވެ އުޅޭ ވަގުތުތަކުގައި، ދުލުން ޒިކުރު ކުރުން މަތީ ދެމިހުންނާށެވެ. އެއީ އެ އަމަލު ފަސޭހަ، އަދި އާޚިރަތުގައި ހެޔޮ ކަމުގެ މީޒާނުގައި އެހާމެ ބަރު ޢަމަލެކެވެ.