އިމާރާތް ކުރުން

ރާއްޖޭން ސިމެންތި ހުސްވެ އިމާރާތްކުރަން ދަތިވެއްޖެ

އިމާރާތް ކުރުމަށް ބޭނުންވާ އެންމެ އަސާސީ އެއް ބާވަތް ކަމަށްވާ ސިމެންތި ހުސްވެ އިމާރާތް ކުުރުމުގެ ދާއިރާ އަށް ދަތިތަކާ ކުރިމަތިވެއްޖެ އެވެ.

އަވަސް އަށް ވާހަކަ ދެއްކި ރާއްޖޭގެ ކޮންސްޓްރަކްޝަން ބޮޑެތި ކުންފުނިތަކުން ބުނި ގޮތުގައި މިހާރު ކޮންސްޓްރަކްޝަން ސިނާއަތަށް ބޭނުންވާ ވަރަށް ސިމެންތިއެއް ނުލިބެ އެވެ. މީގެ ސަބަބެއް ކަމަށް ކުންފުނިތަކުން ބުނަނީ ރާއްޖެއަށް ސިމެންތި ސަޕްލައި ކުރުމުގައި ދިމާވެފައިވާ ދަތިތަކެކެވެ.

މިކަމުގެ ސަބަބުން ރާއްޖޭގައި ވިއްކާ ސިމެންތި ހުސްވެ، ހުރި މަދު ސިމެންތި ކޮޅުގެ އަގު އުފުލި އިމާރާތް ކުރުމުގެ ސިނާއަތުގެ އެކި ފަންތީގެ މަސައްކަތްތައް ވަނީ ގާތްގަނޑަކަށް "ބުރަކި ޖެހި" ފަ އެވެ.

ރާއްޖޭގައި ފުޅާކޮށް އިމާރާތް ކުރުމުގެ މަސައްކަތް ކުރާ ކުންފުންޏެއް ކަމަށްވާ އޭބީސީ ކޮންސްޓްރަކްޝަންގެ ވެރިޔާ އަހްމަދު ވަހީދު (ބިންމާ އަހްމަދު) ވިދާޅުވީ އިމާރާތް ކުރުމުގެ ދާއިރާ އަށް ބޭނުންވާ ވަރަށް މިހާރު ސިމެންތި ރާއްޖޭގައި ނެތް ކަމަށާ، އެހެންވެ ގިނަ ކުންފުނިތަކަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.

"ކޮވިޑް-19 އަށްފަހު އިމާރާތް ކުރުމުގެ ދާއިރާ ރީސްޓާޓް ވުމާއެކު ސަޕްލައިގައި މައްސަލަތަކެއް ހުރި. އެކަމަކު މިހާރު ކުރިމަތިވެފައިވާ ވަރަށް ދަތިތަކެއް ކުރިމައްޗެއް ނުވޭ. މިހާރު އެންމެ ދަތީ ސިމެންތިއަށް. އެއްގޮތަކަށް ވެސް މިހާރު ސިމެންތިއެއް ނުލިބޭ. އެންމެ ބޮޑެތި ކުންފުނިތަކުންވެސް ގުޅާފަ އެބަ ބުނޭ ނެތްހޭ ސިމެންތިކޮޅެއް. ހަމައެއްގޮތަކަށްވެސް ނުލިބިގެންނޭ މި އުޅެނީ،" އޭޑީކޭ ހޮސްޕިޓަލުގެ އިމާރާތް ފަދަ ބޮޑެތި އިމާރާތްތައް އަޅާފައިވާ ތަޖުރިބާކާރު ކުންފުނީގެ އެމްޑީ ވިދާޅުވި އެވެ.

ރާއްޖެ އަށް އެންމެ ފުޅާކޮށް ސިމެންތި އެތެރެކޮށް ސަޕްލައި ކުރަނީ އެސްޓީއޯ އާއި ނަހަލިޔާ އަދި ވިލާ އާއި އެޕޯލޯ އެވެ. މީގެ އެއްވެސް ކުންފުންޏެއްގެ އަތުގައި މިހާރު ސިމެންތިއެއް ނެތެވެ.

ސިމެންތި ލިބޭނީ މިމަހު 20 ގައި!

އެހެން ކޮންސްޓްރަކްޝަން ކުންފުންޏެއްގެ ވެރިއަކު ވިދާޅުވި ގޮތުގައި އެންމެ އަވަހަށް ވެސް ސިމެންތި ސިޕްމަންޓެއް ރާއްޖެ ވަންނާނީ މިމަހުގެ 20 ވަނަ ދުވަހު އެވެ.

"ސިމެންތީގެ ސަޕްލައިގެ ޑިލޭއެއްގެ ސަބަބުން ކަމަށް ވަނީ ލަސްވެގެން އުޅެނީ. އެންމެ ގިނައިން ސިމެންތި ގެންނަ އެސްޓީއޯގެ ޝިޕްމަންޓެއް ވެސް ވަނީ ލަސްވެފަ. އެހެންވެ މާކެޓަށް މިހާރު ބޮޑު ލޮޅުމެއް އައިސްގެން އުޅެނީ. ސަޕްލައި ކުރާ ކުންފުނިތަކުން ބުނަނީ 20 ގައި ވަންނާނެ ކަމަށް. އެހެންވެ މިހާރު އެންމެ އަވަހަށްވެސް ބެލެވެނީ އެ ބޭލޭ ވަރުވާނީ 25 ހިސާބުގައި ކަމަށް. އެހެންވީމަ މި އަންނަ ދުވަސްތަކުގައި މަސައްކަތް ގާތްގަނޑަކަށް ހުއްޓިގެންދާނެ،" ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި ކުންފުންޏެއްގެ ވެރިއަކު ވިދާޅުވި އެވެ.

ރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާއަތަށް ބޭނުންވާ ގިނަ ތަކެތި މީގެ ކުރިން ހުސްވެފައިވަނީ ހިޔާ މަަޝްރޫއުގެ 7،000 ފްލެޓު ލިބުނު ފަރާތްތަކުން އެތަނަށް ވަންނަން ފިނިޝިންގެ މަސައްކަތް ކުރަން ފެށުމާއެކު މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. އެ ފަހަރު ރާއްޖޭން ފިލަ އާއި ޓައިލްސް އަދި ބައެއް ކެމިކަލްސް އެއްކޮށް ހުސްވެ މި ބާވަތްތަކުގެ ބޮޑު ޝޯޓޭޖެއް އައިސްފައިވެ އެވެ.