ހިޔާ މަޝްރޫއު

ޕެޓިޝަނަށް ޖަވާބުދޭނެ، ކުލި ކުޑަކޮށް ދެވެން ނެތް: އެޗްޑީސީ

ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދޭން ގޮވާލައި ހިޔާގައި ދިރިއުޅޭ 1،500 މީހަކު ސޮއިކޮށްފައިވާ ސިޓީތަކަށް ޖަވާބު ދޭނެ ކަމަށާ ނަމަވެސް ކުލި ކުޑަކޮށް ދެވެން ނެތް ކަމަށް ހުޅުމާލޭގެ ބެލެނިވެރިކަން އޮތް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީ އިން މިހެން ބުނެފައިވަނީ ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދޭން ގޮވާލައި ހިޔާގައި ދިރިއުޅޭ 1،500 މީހަކު ސޮއިކޮށްފައިވާ ސިޓީތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސުހައިލް ރޭ ވިދާޅުވީ މި މަހުން ފެށިގެން ކުލި ނަގަން ފަށާފައިވާއިރު މިހާރުވެސް ގިނަ ބަޔަކު މި މަހު ކުލި ދައްކާފައިވާ ކަމަށެވެ.

ކުލި ކުޑަކޮށްދޭން އެދި ޕެޓިޝަނެއް ހުށައަޅާފައިވީނަމަވެސް ހިޔާގައި ދިރިއުޅޭ ގިނަ ރައްޔިތުންގެ މާ ބޮޑު ޝަކުވާއެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ސުހައިލް ވިދާޅުވިއެވެ. އަދި ކުލި ކުޑަކޮށްދެވެން ނެތް ކަމަށް ވިދާޅުވިއެވެ. ސުހައިލް ވިދާޅުވީ އެކަން ކޮށްދެވެން ނެތީ ލޯނު ދައްކަން ޖެހޭތީ ކަމަށެވެ.

"އާދެ އަޅުގަނޑަށް ހީވަނީ ކުރީ ފަހަރުތަކާއި ބަލާފައި އަޅުގަނޑުމެންނަށް މާބޮޑު ޝަކުވާތަކެއް ނެތް ހެން އިނގޭތޯ. ދެން ކުލި ނަގަން ވަރަށް ކައިރިވެފައިވަނިކޮށް ޕެޓިޝަނެއް އަޅުގަނޑުމެންނަށް ލިބުނު ކުލި ކުޑަކުރުމުގެ ކަންތައްތަކުގައި. ދެން އެއަށް އަޅުގަނޑުމެން ޖަވާބުދާރީވާނެ. ދެން އެހެން ނަމަވެސް ކުރީންވެސް ސަރުކާރުންވެސް އަދި އެޗްޑީސީންވެސް ނިންމާފައި އޮންނާނީ މިއަށް ވުރެ ކުޑަ ކޮށްދެވެން ނެތް ކަމަށް. އެއީ ލޯނު ދައްކަން ޖެހޭއިރުގައި އެއަށްވުރެ ކުޑަކޮށް ނަގައިގެން ލޯނު ނުދެއްކޭނެތީ،"

ސުހައިލް ވިދާޅުވީ މި މަހުން ފެށިގެން ކުލި ދައްކަން ޖެހޭތީ ހިޔާގައި ދިރިއުޅޭ ގިނަ އާއިލާތައް ތިބީ އެކަމަަށް ތައްޔާރު ވެގެން ކަމަށެވެ. އަދި ކުލި ދެއްކުމަށް ފަސޭހަ އިންތިޒާމްތަކެއް ވަރަށް އަވަހަަށް ހަމަޖެެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ގޮތުން އަންނަ މަހުން ފެށިގެން ހިޔާގެ ޓަވަރުތަކުން ކުލި ދެެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ސުހައިލް ވިދާޅުވީ ހިޔާ ޓަވަރުތަކުގައި މި ވަގުތު 4،500 ވުރެ ގިނަ އާއިލާ ދިރިއުޅެމުންދާ ކަމަށެވެ. އެގޮތުން ޓަވަރުތަކުގައި 20،000 މީހުންގެ އާބާދީއެއް ދިރިއުޅޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ސުހައިލް ވިދާޅުވިއެވެ. އަދި މިހާތަނަށް 6،300 އާއިލާއަކާ ފްލެޓް ހަވާލުކޮށް އެއްބަސްވުމުގެ ކަންކަން ނިމިފައިވާ ކަމަށެވެ.