ލައިފްސްޓައިލް

މެސެޖެއް ކޮށްލައިގެން މިވާހަކަތައް ބުނަން ރަނގަޅެއް ނޫން!

މެސެޖެއް ކޮށްލައިގެން ވާހަކަތައް ބުނުމަކީ މި ޒަމާނުގައި މާބޮޑު ކަމެއް ނޫނެވެ. ގިނަ ވާހަކަތަށް ދެކެވެނީ ވެސް މެސެޖްގެ ޒަރީޔާއިންނެވެ. މީގެ ސަބަބުން އިޖުތިމާއީ ގުޅުންތަކަށް ވެސް ކޮންމެވެސް ވަރަކަށް ވަނީ ބުރޫ އަރާފައެވެ. ނަމަވެސް މިއީ ދޭދޭ މީހުން ކައިރިކޮށް، ގުޅުން ބަދަހިކޮށްދޭ ކަމަކަށް ވެސްވެއެވެ. އެހެނަސް ބައެއް ވާހަކަތަށް ހަމަ ރަނގަޅީ އަނގަ ބަހުން ބުނުމެވެ. ތިމާގެ ދިރިއުޅުމާބެހޭ ބޮޑެތި ވާހަކަތަށް މެސެޖެއްގެ ޒަރީޔާއިން ބުނެނުލާށެވެ.

1- ލޯބިވާ ވާހަކަ

މިއީ އެންމެ ގިނަ މީހުންނަށް އަނގަ ބަހުން ބުނަން ޖެހިލުންވާ ވާހަކައެވެ. ޖެހިލުންވާ ސަބަބުތައް އެބަހުއްޓެވެ. ދޭނެ ޖަވާބެއް ނޭނގޭތީއެވެ. ނަމަވެސް މި ވާހަކަ މެސެޖަކުން ބުނެނުލާށެވެ. މެސެޖުން ބުނެލުމުން ތިމާއަށް އެ ވަގުތުކޮޅުގެ އެތައް ކަމެއް ގެއްލިގެންދެއެވެ. ބައިވެރިޔާގެ އިހުސާސްތައް ފެނިގެނެއް ނުދެއެވެ. މެސެޖުން އެ ވާހަކަ ބުނެލާފައިވާ ރިޕްލައި އަކަށް އިންތިޒާރުގައި އިނދެވޭނީއެވެ. އަނގަ ބަހުން ބުނުމުން ބައިވެރިޔާ ވެސް ހިންހަމަ ޖެހޭނެކަން ކަށަވަރެވެ.

2- "އެއްވެސް މީހަކު ކައިރީ ނުބުނާތި"

ވާހަކައެއް ބުނުމުގެ ކުރިން "އެއްވެސް މީހަކު ކައިރީ ނުބުނާތި" މިހެން ޖަހަންޖެހިއްޖެނަމަ އެ ވާހަކައެއް މެސެޖެއްގެ ގޮތުގައި ފޮނުވާނުލާށެވެ. އަނގަ ބަހުން ބުނުމުން މާ ރަނގަޅެވެ. އެއްވެސް މީހަކަށް "ފޯވާޑް" ކޮށްލުމުގެ ފުރުސަތު ނުދޭށެވެ.

3- ރުޅިވާން ބޭނުންވާ ވާހަކަ

ރައްޓެހިވެގެން އުޅޭއިރު މައްސަލަތައް ކުރިމަތިވާނެއެވެ. އެ މައްސަލަތަކަށް ހައްލު ނުލިބި ރުޅިވާން ވެސް ބޭނުންވެއެވެ. ގިނަ ފަހަރަށް "އައި ޑޯންޓް ތިންކް ދިސް އިޒް ވޯކިން" މިހެން ބުނެވެނީ މެސެޖަކުންނެވެ. އެފަދަ ވާހަކަތަކަށް ދެ ބައިވެރިން އެކުގައި ތިބެ ދައްކާށެވެ. ހައްލެއް ހޯދަން ފަސޭހަ ވާނީ ވެސް އަނގަ ބަހުން ވާހަކަ ދެކެވިގެންނެވެ. މީގެއިތުރަށް ރުޅިވާން ބޭނުންވާ ވާހަކަ ބުނުމުން ބައިވެރިޔާއަށް ކޮންމެ ފަދަ އަސަރެއް ވެސް ކޮށްފާނެއެވެ. އެކަމުގައި އޭނާ ނޭދެވޭ ކަމެއް ވެސް ކޮށްފާނެއެވެ. އެކަހަލަ ކަންކަން މަދުކުރުމަށް ވެސް މިފަދަ ބޮޑެތި ވާހަކަތައް މެސެޖަކުން ބުނެނުލާށެވެ.

4- މާބަނޑު ވާހަކަ

ތިމާ މާބަނޑުވުމަކީ ދިރިއުޅުމުގައި ލިބޭނެ އެންމެ ބޮޑު އެއް އުފަލެވެ. ދެމަރިންނަށް ވެސް މިއީ ބޮޑު އުފަލެކެވެ. ފިރިމީހާއަށް މި ޚަބަރު މެސެޖަކުން ނުދޭށެވެ. އެއީ ދެމަރިންނަށް ލިބޭނެ އެންމެ އުފާވެރި ވަގުތުކޮޅަށްވާއިރު އެވަގުތުކޮޅު ފާހަގަކުރާށެވެ. ދެމަފިރިން އެކުގައެވެ. މެސެޖަކުން ނިންމާނުލާށެވެ.

5- މާފަށް އެދުން

ބޮޑު ކަމެއްގައި މާފަށް އެދުމަށް ވެސް މެސެޖެއްގެ އެހީ ހޯދުން ރަނގަޅެއް ނޫނެވެ. ތިމާއަށް ފުރިހަމަ މާފެއް ލިބޭނީ އެމީހެއް ކައިރީ އަނގަ ބަހުން މާފަށް އެދިގެންނެވެ. އަދި ރީތި ގޮތަކީ ވެސް އެއީއެވެ.