ދުނިޔެ

ސައޫދީން ފަސްމަހަށް ފަހު ލުބްނާނާ ގުޅުން ރުޖޫއަކުރަނީ

ސައޫދީ އަރަބިއްޔާގެ ލުބްނާން އެމްބެސެޑަރު އަލުން އެ ގައުމަށް ފޮނުވަން ނިންމައިފި އެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އުފުދުނު ޚިލާފުތަކަށްފަހު ގުޅުން ހަމައަކަށް އެޅި ރަހުމަތްތެރިވަމުން އަންނަ ކަމުގެ ނިޝާނެކެވެ.

ސައޫދީ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ލުބްނާނަށް ސަފީރު، ވަލީދު ބުޚާރީ އަލުން ފޮނުވަން ނިންމީ ލުބްނާނަށް އިސްލާހީ ބަދަލުތަކަށް ބޮޑުވަޒީރު ނަޖީބު މީގާތީގެ ޒައާމަތު މިސްރާބުޖަހާފައި ވާތީ ކަމަށެވެ.

ނަޖީބު މީގާތީއަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ ގަލްފު ގައުމުތަކާއެކު ލުބްނާން ގާތް ގުޅުމަކަށް އިސްނަގައި އިޚްލާސްތެރި މަސައްކަތްތަކެއް ފައްޓާވާފައިވާ ކަމަށެވެ.

ބަޔާނުގައި އަދި ބުނެފައި ވަނީ ނަޖީބު މީގާތިގެ ޒައާމަތުގައި ރިޔާޒްއިން ލުބްނާންއާ ގުޅުން ހަރުދަނާ ކުރާނެ ކަމަށާއި ތަރައްގީއަށް އެހީތެރިވާނެ ކަމަށެވެ.

ސައޫދީން ލުބްނާންގެ ރައްޔިތުންގެ ކިބައިން އެދެނީ ތާރީޚީ އެކުވެރި އަރަބިވަންތަކަން ދެމެހެއްޓުމަށެވެ. ސަރަހައްދީ އަދި ބައިނަލްއަގުވާމީ ގުޅުންތަކަށް ބުރޫއަރާ ފަދަ ކަންކަމުން ދުރުހެލިވެ ގައުމު މިހާރު އޮތް ހާލަތުން ނަގައި ކޮޅަށް ޖެހުމުގައި ފަރުދީ ޒިންމާ އަދާކުރުމަށެވެ.

ސައޫދީއާ ލުބްނާންގެ ގުޅުން ޚަރާބުވާން މެދުވެރިވީ ލުބްނާންގެ އިންފޮމޭޝަން މިނިސްޓަރު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ސައޫދީއަށް ފާޑުކިޔައި މަލާމާތް ކުރެއްވުމެވެ.

އިންފޮމޭޝަން މިނިސްޓަރު ޖޯޖް ކޮދާހީ ވިދާޅުވީ ސައޫދީއާ ބައިވެރިން ޔަމަންގައި ކުރަނީ ބޭކާރު ހަނގުރާމައެއް ކަމަށާއި ހަގީގީ ބަތަލުންނަކީ ހޫތީން ކަމަށެވެ. އަދި ލުބްނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ އަށް ތައުރީފް ކުރައްވައި އޭނާ ވިދާޅުވީ ހޫތީން އެކުރަނީ ގައުމީ ޖިހާދެއް ކަމަށެވެ.

ޖޯޖް ކޮދާހީ ބަސްމަގު އެއްވަރު ކުރެއްވި ގޮތުން ސައޫދީ އާއި ކުވައިތު އަދި ޔޫއޭއީން އޮކްޓޯބަރު 2021 ގައި ލުބްނާންއާ ގުޅުން ކަނޑާލައި ސަފީރުން ގައުމަށް ވަޑައިގަތުމަށް ދެންނެވި އެވެ. އަދި އިގުތިސޯދީ އެހީތެރިކަން މަޑުޖައްސާލައި ގުޅުން ކަނޑާލި އެވެ.