އިންޑިޔާގެ ދެމަފިރިއަކު ވަރިވާން ކޯޓަށް ދާތާ 41 އަހަރު ވެއްޖެ އެވެ. މި 41 އަހަރު ތެރޭގައި 60 ފަހަރު އެމީހުން ވަނީ ވަރިވާން ބޭނުން ވެގެން ކޯޓަށް ގޮއްސަ އެވެ. އެތައް ޒަމާނަކުއްސުރެ ވަކިން އުޅޭ މި ދެ މީހުންގެ ވަރީގެ އަޑުއެހުންތައް ނިންމާލަމުން އިންޑިޔާގެ ސުޕްރީމް ކޯޓުން އެންމެ ފަހުން ވެސް އެމީހުންނަށް އެންގީ އެ މީހުންގެ މެދުގައި ޖެހިފައިވާ މައްސަލަތައް ދެ ފަރާތުން ވާހަކަ ދައްކައިގެން ހައްލު ކުރުމަށެވެ.
"ކީއް ކުރާނީ. ބައެއް މީހުން ވަރަށް ޒުވާބު ކުރާހިތްވޭ. އެމީހުން އަބަދު ކޯޓަށް ދާން ބޭނުންވޭ. އެމީހުންނަށް ކޯޓުގެ އެތެރެ ނުފެންނަންޏާ ނިދޭ ކަމަކަށް ނުވޭ،" ސުޕްރީމް ކޯޓުން މި މައްސަލަ ބެއްލެވި ބެންޗުގެ ހެޑް ޗީފް ޖަސްޓިސް އެން ވީ. ރާމާނާ އެންމެ ފަހުން މި މީހުން ހުށަހެޅި މައްސަލައިގެ ނިޔާ ކަނޑައަޅުއްވަމުން ވިދާޅުވި އެވެ.
މި ދެ މީހުން ވަރިވާން އުޅޭތާ 41 އަހަރު ވެއްޖެ ކަމާއި އަދި 60 އަށް ވުރެ ގިނަ ފަހަރު ކޯޓަށް މި މައްސަލަ ހުށަހަޅައިފިކަން އެނގިވަޑައިގަތުމުން މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި އިތުރަށް ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ކްރިޝްނާ މުރާރީ އާއި ހިމާ ކޯލީ ވެސް ވަރަށް ބޮޑަށް ހައިރާންވި އެވެ. މި މީހުންގެ ކައިވެންޏަށް 41 އަހަރު ފުރިފައިވާއިރު އެއް ގެއެއްގައި އެކުގައި އުޅެފައިވަނީ 30 އަހަރު އެވެ. ބާކީ 11 އަހަރު ދެ މީހުން އުޅެފައިވަނީ މުޅީން ވަކިންނެވެ.
މި ދެ މީހުންގެ ވަކީލަށް ކޯޓުން އެންގީ ދެ މީހުން ސުލްހަވާން ވަގުތު ދިނުމަށެވެ. ސުލްހައިގެ ވާހަކަ ތަކަކީ އެހާ ކުރު މުއްދަތެއްގައި ނިންމާލެވޭނެ ވާހަކަތަކެއް ނޫންކަމަށާއި އެކަމަށް ގިނަ ވަގުތު ދޭން ޖެހޭ ކަމަށް ވެސް ކޯޓުން އަމުރުކޮށްފައި ވެއެވެ. އަދި މި ނޫނަސް ގިނަ މައްސަލަތަކެއް ކޯޓުގައި ހުރުމުން މި ދެ މީހުންގެ މައްސަލަ އިރުއިރުކޮޅާ ކޯޓަށް ނުވައްދައި ދެ މީހުން ސުލްހަ ކުރަން ކުރެވޭނެ ކަންތައްތަކެއް ހޯދައި އެކަންކަން ކުރަން ވެސް އަންގާފައި ވެއެވެ.