ބޮލީވުޑް

އާލިއާއަށް ނީތޫގެ އިންތިހާ ތައުރީފު

ރަންބީރު ކަޕޫރަކީ އަބަދުވެސް އޭނާގެ މަންމަ ބުނާ ގޮތް ހަދާ އެކްޓަރެކެވެ. އޭނާ ކުރިން ރައްޓެހިވި ބޮލީވުޑް ދެ ބަތަލާއިން ކަމަށްވާ ދީޕިކާ ޕަދުކޯން އާއި ކެޓުރީނާ ކައިފް އާ ރުޅިވާން ޖެހުނީ ވެސް މަންމަގެ ރުހުން އެ މީހުންނަށް ނުލިބިގެނެވެ. ނަމަވެސް މިފަހަރު ރަންބީރުގެ ލޯބިވެރިޔަކަށް ޚިޔާރު ކޮށްފައިވާ އާލިއާ ބަޓް އަކީ އޭނާގެ މަންމަ ނީތޫ ސިންގް ވެސް ވަރަށް ލޯބީވާ "ޅީދަރި" އެކެވެ.

ރަންބީރާއި އާލިއާ މި މަހު ކައިވެނިކުރާ ވާހަކަ ވަރަށް ހޫނުކޮށް ދެކެވެމުންދާ މި ދުވަސްވަރު ނީތޫ އިންޑިޔާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ބުނީ ކައިވެނި ކުރާ ދުވަސް ބުނަން އޭނާއަށް ނޭނގޭ ކަމަށެވެ.

"އަހަރެން ވަރަށް އަޑު ގަދަކޮށް އެ ކައިވެނި ފާހަގަ ކުރަން ބޭނުން. އެކަމަކު މިޒަމާނުގެ ކުދިން ވަރަށް ތަފާތު. އެ ދެ މީހުންނަކީ ވަރަށް ޕްރައިވެޓް ބަޔަކަށް ވާތީ އަހަރެންނަކަށް ކައިވެނި ކުރާ ތާރީހު ކަނޑައެޅިގެން ބުނާކަށް ނޭނގޭ. ކުރާނީ ކޮން އިރަކުން ކަމެއް ނޭނގޭ. އެކަމަކު ކުރާނެކަން ޔަގީން. އަދި އަހަރެންގެ އުންމީދަކީ ވީހާވެސް އަވަހަކަށް އެކައިވެނި ވުން. ސަބަބަކީ ރަންބީރު އެކޭ އެއްވަރަށް އާލިއާ ދެކެ ވެސް އަހަރެން ލޯބިވާތީ. އާލިއާ އަކީ ވަރަށް ރީތި ކުއްޖެއް. އަދި އެހާމެ ރަނގަޅު ކުއްޖެއް. އެހެންވެ އަހަރެންނަށް އޭނާ ވަރަށް ކަމުދޭ،" ނީތޫ ބުންޏެވެ.

ނީތޫ އިތުރަށް ބުނި ގޮތުގައި އާލިއާ އާއި ރަންބީރުގެ ވިސްނުމާއި އުޅުން އެއްގޮތެވެ. ވާން އުޅޭ ޅީދަރިފުޅަށް އިންތިހާއަށް ތައުރީފުކުރަމުން ނީތޫ އިތުރަށް ބުނީ އޭނާގެ ދަރިފުޅު ރަންބީރެކޭ އެއްފަދައިން އާލިއާ އަކީ ވެސް ވަރަށް ސާފު ހިތެއްގެ ވެރިއެއް ކަމަށެވެ.

"ރަންބީރަކީ ކޮރަޕްޓް ނޫން ވަރަށް ތޯހިރު ހިތެއްގެ ވެރިއެއް. ދިރިއުޅުމާ މެދު ވަރަށް ޕޮޒިޓިވްކޮށް ދެކޭނީ އޭނާ. އެއްވެސް މީހަކާ ދޭތެރޭ ހަސަދަވެރި ކަމެއް ނޯންނާނެ. ނުނިޔަތެއް ނުލާނެ. އަހަރެންނަށް ފެންނަނީ އާލިއާގެ ވެސް ހަމަ އެސިފަތައް އެގޮތަށް ހުއްޓައި. އެއްވެސް މީހަކާ ދޭތެރޭ އާލިއާގެ ހިތުގައި ވެސް ހަސަދައެއް ނޯވޭ. އެމީހުން އެމީހުންގެ އަމިއްލަ ނަފްސަށް އިތުބާރުކުރޭ. އަދި އެހެން މީހުންނޭ ކިޔައިގެން ދައްކާނެ ގޯސް ވާހަކައެއް އެމީހުންގެ ނޯވޭ. އެ މީހުންނާ ވާދަވެރި އެކްޓަރެއްގެ ފިލްމެއް ރަނގަޅަށް ހިނގައިފިނަމަ އަދި ފިލްމެއްގައި މީހެއްގެ އެކްޓިން މާ މޮޅުނަމަ އެމީހުން އެކަން ބަލައިގަނެ އެ މީހަކަށް ނުވަތަ އެ ފިލްމަކަށް ތައުރީފުކުރާނެ،" ނީތޫ ބުންޏެވެ.

ނީތޫ ބުނި ގޮތުގައި އޭނާގެ މައިދައިތަ ކްރިޝްނާ ރާޖް ކަޕޫރު އޭނާ އާ ދޭތެރެ ކަންތައް ކުރީ އަމިއްލަ ދަރިއަކު ފަދައިންނެވެ. އާލިއާ އާ ދޭތެރޭ ވެސް އޭނާ އުންމީދު ކުރަނީ އެގޮތަށް ކަންތައް ކުރަން ކަމަށް ބުންޏެވެ.

"އަހަރެންގެ މައިދައިތަ އާއި އަހަރެންގެ މެދުގައި އޮތީ ވަރަށް ގާތް ގުޅުމެއް. އަމިއްލަ ދަރިއަށް ވުރެ މައިދައިތަ އަހަރެން ދެކެ ލޯބިވި. އަހަރެން އުންމީދުކުރަނީ އާލިއާ އާއެކު އެފަދަ ގުޅުމެއް ބޭއްވުމަށް،" ނީތޫ ބުންޏެވެ.

އާލިއާގެ ބޮޑުބޭބެ ރޮބިން ބަޓް މިހާރު ވަނީ މި މަހުގެ 14 ވަނަ ދުވަހު މި ކައިވެނިކުރާނެ ކަމަށް ރަސްމީކޮށް ބުނެފަ އެވެ. އޭނާ ބުނި ގޮތުގައި އާލިއާގެ ހީނާފަތްއެޅުމުގެ ރަސްމިއްޔާތު އޮންނާނީ އެޕްރީލް 13 ވަނަ ދުވަހު އެވެ. ކައިވެނިކުރަން ހަމަޖެހިފައިވަނީ ބާންޑްރާގައި ހުންނަ ރަންބީރުގެ ގޭގައިކަމަށް ވެސް އާލިއާގެ ބޮޑުބޭބެ ބުނެފައި ވެއެވެ.