ބަސް ދަތުރުތައް

ބަހުގެ ހިދުމަތަށް ހުޅުވާލި ބީލަމުގެ މުއްދަތު އިތުރުކޮށްފި

މާލެ އާއި ހުޅުމާލެ އަދި އައްޑު އަތޮޅު ފަދަ ރާއްޖޭގެ ބޮޑެތި އާބާދީތައް ދިރިއުޅޭ ރަށްރަށުގައި ބަހުގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހަޅަން އިކޮނޮމިކް މިނިސްޓްރީން ހުޅުވާލި ފުރުސަތުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.

މިދިޔަ މަހު އެމިނިސްޓްރީން ހުޅުވާލި އެ ފުރުސަތުގެ މުއްދަތު އިތުރުކުރި މިއީ ދެވަނަ ފަހަރެވެ. މިމަހުގެ ހަވަނަ ދުވަހު މުއްދަތު ހަމަވި މި ބީލަމުގެ މުއްދަތު އެންމެ ފުރަތަމަށް އިތުރުކޮށްފައިވަނީ މިއަދުގެ ނިޔަލަށެވެ. އަދި މިއަދު އިތުރު ކުރި މުއްދަތު ހަމަވާނީ އަންނަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުގެ މެންދުރު 2:00 އަށެވެ.

ބަހުގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، ޕްރޮފައިލް އާއިއެކު ލިބިފައިވާ ތަޖުރިބާ އާއި، ހިދުމަތް ދިނުމަށް ނިންމާފައިވާ ގޮތުގެ ތަފްސީލް އަދި ފާއިތުވެދިޔަ ތިން އަހަރުގެ އޮޑިޓެޑް ފައިނޭންޝަލް ސްޓޭޓްމަންޓް ހުށަހަޅަން ޖެހެއެވެ.

ހުޅުމާލޭގައި މިހާރުވެސް ސަރުކާރު ހިއްސާވާ ކުންފުނި، އެމްޓީސީސީ އިން އަންނަނީ ބަހުގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.