ބޮލީވުޑް

ސުލަކްޝަނާ ޕަންޑިތު: ވެވުނު ލޯބިން ދިރިއުޅުން ބަރުބާދު

ސުލަކްޝަނާ ޕަންޑިތު އަކީ 70 އިގެ އަހަރުތަކުގައި ބޮލިވުޑްގައި ވަރަށް މަޝްހޫރުވި ވަރަށް ރީތި ބަތަލާ އެކެވެ. ސުލަކްޝަނާގެ ހަގީގީ ލޯބީގެ ހަޔާތް ވެސް އޭނާގެ ފިލްމުތައް ހާ އަސަރުގަދަ އެވެ.

ނާކާމިޔާބު ލޯބީގެ ވާހަކަތައް ވަރަށް ގިނަ ފިލްމުތަކުން ފެންނަ ފަދައިން ސުލަކްޝަނާގެ ދިރިއުޅުމުގައި ވެސް ދިމާވީ މިފަދަ ކަމެކެވެ. އޭނާއަށް ލޯބި ވެވުނީ އޭނާ ދެކެ އެއްގޮތަކަށް ވެސް ލޯބި ނުވާ މީހަކާ އެވެ. އަދި ލޯބިވާ މީހާ ނުލިބުމުން ދުވަހަކު ވެސް ކައިވެންޏެއް ނުކޮށް މުޅި އުމުރު ހޭދަކުރާ މީހުން ފަދައިން ސުލަކްޝަނާ ވެސް އޭނާގެ އުމުރުގެ ބޮޑުބައެއް ހޭދަކޮށްފައި ވަނީ ކައިވެނި ނުކޮށެވެ.

ސުލަކްޝަނާ އަކީ ބަތަލާއެއްގެ އިތުރުން ވަރަށް ރިތި އަޑެއްގެ ވެރި ކުޅަދާނަ ލަވަކިޔުންތެރިއެކެވެ. އޭނާގެ އަޑުން ކިޔައިދީފައިވާ ވަރަށް ރީތި ލަވަތައް 70 އިގެ އަހަރުތަކުގައި ރިލީޒް ކޮށްފައި ވެއެވެ.

ސުލަކްޝަނާ ބޮލީވުޑަށް ތައާރަފްވީ 1975 ގައި ރިލިޒްކުރި "އުލްޖަން" އިންނެވެ. މި ފިލްމުގެ ބަތަލަކީ ސަންޖީވް ކުމާރެވެ.

ރަގުނާތު ޖަލާނީ ޑައިރެކްޓްކުރި މި ސަސްޕެންސް-ތުރިލާގެ ޝޫޓިންގެ ދުވަސްވަރު ސުލަކްޝަނާގެ ހިތް ސަންޖީވް އަށް ދެވުނެވެ. އަދި އޭނާގެ ފަހަތުން އަޅައިގަނެ އޭނާ ހާސިލު ކުރެވޭތޯ މަސައްކަތް ކުރަން ފެށި އެވެ. ނަމަވެސް ސަންޖީވްގެ ހިތުގައި ސުލަކްޝަނާ އަކަށް ލޯތްބެއް ނެތެވެ. ސަންޖީވްގެ މުޅި ހަޔާތުގައި ވެސް އޭނާ ލޯބިވީ އެންމެ މީހެއް ދެކެ އެވެ. އެއީ ހެމާ މާލިނީ އެވެ.

ސަންޖީވް ދެ ފަހަރެއްގެ މަތިން ހެމާއަށް ޕްރޮޕޯޒް ވެސް ކުރި އެވެ. ނަމަވެސް ހެމާގެ ހިތް އޮތީ ދަރުމެންދުރަ އަށް މާ ކުރިއްސުރެ ދެވިފަ އެވެ. އެހެންވެ ސަންޖީވް އަށް ދެ ފަހަރު ވެސް އޭނާ ބުނީ ނޫނެކޭ އެވެ.

އަނެއްކޮޅުން ސުލަކްޝަނާ އޭނާ ފަހަތުން އަޅުވާލައިގެން އުޅޭކަން ސަންޖީވް އަށް އެނގެ އެވެ. ނަމަވެސް ސުލަކްޝަނާގެ ލޯތްބަށް އިޖާބަ ދޭކަށް އޭނާ ބޭނުމެއް ނުވި އެވެ. އަދި ހެމާ ފިޔަވައި އެހެން އެއްވެސް އަންހެނަކާ ދިމާލަށް ބަލާލާކަށް ވެސް ސަންޖީވް ބޭނުމެއް ނުވި އެވެ.

ހެމާ ކައިރީ ދެ ފަހަރަށް ކައިވެންޏަށް އަހައިގެން ވެސް އޭނާ ނޫނެކޭ ބުނުމުން ސަންޖީވް އޭނާގެ ލޯބި ގަބޫލުކޮށްފާނެ ކަމަށް ސުލަކްޝަނާ އުންމީދުކުރެ އެވެ. ނަމަވެސް އެކަން އެގޮތަކަށް ނުވި އެވެ. ހެމާ ނުލިބިއްޖިއްޔާ އެހެން އެއްވެސް މީހަކު އޭނާގެ ހަޔާތަށް ގެންނަން ސަންޖީވް ބޭނުމެއް ނުވި އެވެ.

ސުލަކްޝަނާގެ ތަރި މެދު އުޑުގައި ފިޔަޖަހަމުން ގޮސްގޮސް ހުރެފައި ކުއްލިއަކަށް އޮއްސެން މެދުވެރިވީ ސަންޖީވް ދެކެ އޭނާއަށް ދަލު ބޭރުން ވެވުނު ލޯތްބަކުންނެވެ.

ސަންޖީވް އަށް މީރުހާ ކާއެއްޗެތި ކައްކައިގެން ކޮންމެ ދުވަހަކު ފިލްމު ސެޓަށް ސުލަކްޝަނާ ގެނެސް ސަންޖީވް އަށް ކާންދީ ވެސް ހެދި އެވެ. ނަމަވެސް މިކަމުގެ ސަބަބުން ވެސް ސަންޖީވްގެ ފިކުރު ބަދަލެއް ނުވި އެވެ. އެހެން އުޅެނިކޮށް 1985 ވަނަ އަހަރު ކުއްލިއަކަށް ހާޓް އެޓޭކެއް ޖެހި ސަންޖީވް މަރުވީ އެވެ. ސަންޖީވް މަރުވިއިރު އޭނާގެ އުމުރުން 47 އަހަރެވެ.

ސަންޖީވްގެ މަރުން ސުލަކްޝަނާގެ ހިތް ކުދިކުދި ވިއެވެ. އޭނާގެ ދިރިއުޅުން ފުނޑުފުނޑުވީކަމުގެ އިހްސާސް ސުލަކްޝަނާ އަށް ކުރެވުނެވެ. އެ ދުވަސްވަރުގެ އެންމެ މަޝްހޫރު އެކްޓަރުންނާއެކު ރީތި ފިލްމުތައް ކުޅެމުންދިޔަ ސުލަކްޝަނާ ކުއްލިއަކަށް ފިލްމު ކުޅުން ހުއްޓާލައި މީހުންނާ އެކަހެރިކޮށް ދިރިއުޅެން ފެށި އެވެ. އަދި ނަފްސާނީ ބަލިތަކެއްގެ ޝިކާރައަކަށް ވިއެވެ.

މިހާރު 67 އަހަރު ވެފައިވާ ސުލަކްޝަނާ މިހާރު ވެސް އުޅެނީ އެ ބަލިމަޑުކަމުގަ އެވެ. އޭނާ ބަލަހައްޓަނީ އެއްބަނޑު އެއްބަފާ ކޮއްކޮ އަދި ފިލްމީ ބަތަލާ ވިޖޭތާ ޕަންޑިތެވެ.