ވާހަކަ

ހިތް ރުއްސާނުތޯ

( 7 އެޕްރިލް 2022 އާ ގުޅޭ )

"ޒެން... އޭނާ... އޭނާ މިގެއަށް އަންނަނީ ރަނގަޅަކަށްނޫން. ޕާކުގަ... އޭނާ އަހަރެންގެ އަތުގަ ހިފީ. ޔޫކަށް ހުރިހާކަމެއް ފެނުނު. މިހެން އަބަދު ބިރުން އުޅޭކަށް ބޭނުމެއްނޫން." ޖެހިލުންވުމާއި ބިރުގެ އަސަރު ހޫރައިންގެ ދެ ލޮލުން ފާޅުވިއެވެ. ޒެހެންއަށް ދަތްކުނޑިވިކާލެވުމާއެކު ދެ ލޯ މަރާ ބާރުކޮށްލެވުނެވެ. މަޑުމަޑުން ކައިދިންގެ ނަން އޭނާ ކިޔާލިއެވެ.

ނިދިފައި ތިބި ދެބެން ގޮވައިގެން ސުމައްޔާއާއި މިއުނާ އަދިވެސް ތިބީ ސިޓިންރޫމު ސޯފާގައެވެ. އޭގެ ދެ މީހުން ވެސް އެ ތިބީ ހޫރައިންއާއި ޒެހެންގެ ދެމެދުގައި ދެކެވޭ ވާހަކަތަކަށް އެނގެން ބޭނުންވެފައެވެ. މިއުނާގެ ހިތާއި ސިކުނޑީގައި ގިނަވަމުން އައި ސުވާލުތަކަށް އަވަސް ޖަވާބެއް ބޭނުންވެފައެވެ. ކައިދިންގެ ގޮތް މިއުނާއަށް ބުނާކަށް ނޭނގެއެވެ. އޭނާއަށް ވެސް އެނގެނީ ކައިދިންއާއި ޒެހެންއަކީ ހާއްސަ އެކުވެރީން ކަމެވެ. މުނައްވަރުގެ އެންމެ ގާތް އެކުވެރިޔާއަށް ހަންނާނުވީއިރު، އޭނާ ދެކެނީ ކައިދިންއަކީ ވެސް އޭނާގެ ދަރީން ފަދަ ކުއްޖެއްކަމެވެ. ޒެހެންއާއި ކައިދިންގެ ގާތްކަމާމެދު ހަންނާނާއި މުނައްވަރު އުފާކުރެއެވެ. އާއިލާއާ އެހާ ގާތް ކުއްޖަކަށްވާއިރު ޒެހެންގެ އަނބިމީހާއާ ކައިދިން ދިމާކުރާންވީ ސަބަބެއް އެއްގޮތަކަށް ވެސް މިއުނާއަށް ނުވިސްނުނެވެ.

"ކަންބޮޑުނުވޭ ސުމައްޔާ. މިހާރު ހޫރް އެކަންޏެއްނޫން. އެ ދަރިފުޅާއެކު އަހަރެންގެ ޒެން އެބަހުރި. ހޫރަށް ކަމެއްވެއްޖެނަމަ ޒެން ނުހުންނާނެ މަޑަކުން." ސުމައްޔާގެ ހާސްކަން ކުޑަކޮށްދެވޭތޯ މިއުނާ ބުނެލިއެވެ.

ޒެހެންއާއެކު މިއުނާ ވެސް ގެއަށް އައީ މެންދުރުގެ ކެއުމުގައި ބައިވެރިވާށެވެ. އެ އާއިލާގެ ހުރިހާ މެންބަރުން ސުފުރާ ދޮށުން ފެންނަ ގަޑިއަކަށް މެންދުރުވެއެވެ. އެމީހުން ގެއަށް އައި ވަގުތު ގޭތެރޭގެ ހާލަތު ގޯސްވެފައިވާތީ ފެނި މެންދުރުގެ ކެއުން އެކަކަށް ވެސް މުހިންމެއްނުވިއެވެ. ފުރަތަމަ އިސްކުރީ ގޭގެ މަސްލަހަތެވެ. ހޫރައިންއާއި ޔޫކްއާ ދެމެދު ހިނގިކަމެއް ހައްލުކުރުމެވެ. ހޫރައިންއާ ވާހަކަދެއްކުމުން ޒެހެންއަށް އިވިގެންދިޔައީ އަޑުއަހަން ފަސޭހަ ވާހަކަތަކެއް ނޫނެވެ. ކައިދިންގެ އުޅުން ހުންނަ ގޮތް ޒެހެންއަށް މީހަކު ކިޔައިދޭކަށް ނުޖެހޭނެއެވެ. އެންމެފަހުން އެކުވެރިޔާ ރާއްޖެ ގެންނަންވެގެން ބަލާ ދިޔަ ދަތުރުގައި ވެސް އެ އެކުވެރިޔާގެ ޢަމަލުތައް ގޮސްފައި ހުރި ހިސާބު ޒެހެންއަށް ވަނީ ފެނިފައެވެ. އެކަމަކު އުންމީދު ނުކުރެވުނީ އޭނާ އެދަރަޖައަށް އަންހެންކުއްޖަކަށް އަނިޔާވެރިވެދާނޭ ކަމެވެ. އަދި އެ އަންހެންކުއްޖަކީ އޭނާގެ ލޯބިވާ އަނބިމީހާއަށް ވެދާނޭ ކުޑަކޮށް ވެސް ޒެހެން ހިޔެއްނުކުރެއެވެ.

"ޒެން..." ޒެހެން އަނގައިން ނުބުނެ ހިމޭންކަން ދިގުލައިގެން ދާންފެށުމުން ހޫރައިން ގޮވާލިއެވެ. ޒެހެން މަޑުމަޑުން ކުރިޔަށް ޖެހިލައި ހޫރައިންގެ ކޮނޑުގައި ނިތްކުރި ޖައްސާލިއެވެ.

"ހޫރް. ހުރިހާކަމެއް ފެށިގެން އަހަންނަށް ކިޔާ ދީފާނަންތަ. ކައިދިންއާ ފުރަތަމަ ބައްދަލުވި ގޮތް. އޭނާގެ ޢަމަލުތައް ހައްދުފަހަނައަޅައި ދިޔަގޮތް. ޕްލީޒް... އަހަންނަށް އެނގޭ ހޫރްއަށް ދައްކަން ފަސޭހައެއްނޫންކަން. އެކަމަކު އިތުރަށް ދެން ސިއްރުކުރުމުގެ ބޭނުމެއް އޮތްހެން ހިޔެއްނުވޭ. ކައިދިން ހުއްޓުވޭނީ އަހަންނަށް ހުރިހާކަމެއް އެނގިގެން. އޭނާދެކެ ހޫރު ބިރުގަންނާކަށް ނުޖެހޭނެ. އަހަރެންނަށް އިތުބާރު ކުރަމެންނު." ޒެހެން ވާހަކަދައްކަމުން ހޫރައިންގެ ކޮނޑުން ބޯ ނެގިއެވެ. އަނބިމީހާއާ ނަޒަރު ސީދާކޮށްލަމުން ކޯތާފަތުގެ ދެފަރާތުން ދެއަތުން ހިފަހައްޓާލިއެވެ. ޒެހެންގެ ވާހަކަތަކަށް މަޑުމަޑުން ހޫރައިން ބޯޖަހާލިއެވެ.

"ޒެންއަށް ކިޔާދޭނަން. އެކަމަކު އިހަށް ކުދީން ގެނެސްދިނީ. ޔޫކް... ޔޫކް ގެނެސްދީ. މިއަދު ރަނގަޅަށް ނުވެސް ކައި. އިއްޔެއިން ފެށިގެން އެކުއްޖާއަށް އެ ބަދަލު އަތުވެއްޖެކަން އަހަންނަށް އެނގޭ. އެކަމަކު މިހެންވާނޭ ހިޔެއްނުކުރަން. އެހާ ބޮޑު އަސަރެއް އެ ދަރިފުޅުގެ ހިތަށްކޮށްފާނޭ ހިޔެއްނުކުރަން. އަހަރެންގެ ދަރިފުޅުގެ ހިތުގައި ޖެއްސިއްޖެ."

"ދެރަނުވޭ ދެން. ހޫރް ވެސް ގަސްދުގައި ކުރިކަމެއްނޫން އެއީ. ޔޫކްއާ ވާހަކަދައްކާލީމާ އެކުއްޖާ ހަމަޖެހިދާނެ. މަންމަ މިގުޅަނީ. އެކުދީން ގޮވައިގެން އަންނާން." ޒެހެން ބުންޏެވެ. އަދި ފޯނު ނެގިއެވެ.

"މަންމަ އެނގެން ބޭނުންވާނެ." ހާސްކަން އެކުލެވިފައިވީ ރާގެއްގައި ހޫރައިން ބުނެލިއެވެ.

"ހޫރުގެ މަންމަ އެކަންޏެއްނޫން. އަހަރެންގެ މަންމަ ވެސް ސުވާލު ކުރާނެ. ކައިދިން މިގެއަށް ނައިނަމަ ހޫރު އަދިވެސް ހުންނާނީ ހުރިހާކަމެއް ހިތުގައި ފޮރުވައިގެން. ޔޫކްގެ ސަބަބުން މިވަރަށް ވެސް މި އެނގުނީ. ކަމެއްވެއްޖެކަން އެންމެންނަށް އެނގުމަށްފަހު، ކައިދިންގެ ޢަމަލުތައް ސިއްރުކުރަންވީ ކީއްކުރަން. ހޫރް، ވިސްނަންވީ ޕޮޒިޓިވްކޮށް. މަންމަމެންނާ ވާހަކަދައްކާއިރު އަހަރެން ހޫރްއާއެކު ހުންނާނަން. ހިތްވަރުކޮށްފައި ހަގީގަތް ހާމަކުރާންވީ ވަގުތުމީ." ޒެހެން ބުންޏެވެ.

"އެކަމަކު މިއަދަކުނޫން." ހޫރައިންގެ ޖެހިލުންވުން ފިލާނުދިޔައެވެ. ޒެހެންގެ ގާތުގައި ކައިދިންގެ ވާހަކަ އޭނާއަށް ބުނެވުނީ ހާސްވެ ކަންބޮޑުވީވަރުންނެވެ. ދެމެދުގައިވީ ލޯތްބަށް ކިލަނބުކަމެއް އަތުވެދާނޭ ހީވެގެންނެވެ. ދުވަހަކުވެސް ޒެހެން ރުޅިއައިސްފައެއް ނެތެވެ. ހަރުކަށިކޮށް ވާހަކަދައްކާފައެއް ނުވެއެވެ. ނަމަވެސް އެ އަސަރުތައް ކުއްލިއަކަށް ޒެހެންގެ ފުށުން ފެނުމުން ހޫރައިންގެ ހިމޭންކަން ދޫކޮށްލާން މަޖުބޫރުވީއެވެ. ހަޔާތުގެ އެ ސިއްރުތަކަށްވުރެ ފިރިމީހާ މުހިންމުވީމައެވެ. އަލުން އެ ވާހަކަތައް މަންމައާ ހިއްސާކުރާން ހޫރައިން އިތުރު ހިތްވަރެއްލާން ޖެހޭނެކަން ޔަގީނެވެ.

އެޕާޓްމެންޓުގެ ދޮރު ހުޅުވާލުމާއެކު ޒެހެން އެތެރެއަށް ވަނެވެ. ދެ މަންމަގެ ގާތުގައި ދެ ކުދީން ނިދާފައި ތިބިތަން ޒެހެންއަށް ފެނުނެވެ. އޭނާ ދެ މަންމައަށް ވަކިވަކިން ބަލާލިއެވެ. ހޫރައިންގެ ފަރާތުން ހުރިހާ ކަމެއް އެނގެންދެން ކައިދިންގެ ވާހަކަތައް މަންމަމެންނާ ހިއްސާކުރުން ޒެހެން ލަސްކުރިއެވެ. ޚުދު އޭނާ ވެސް ކެތްތެރިވެ ހުރީ ހޫރައިންގެ ފަރާތުން ހުރިހާކަމެއް އެނގެންދެނެވެ. ކައިދިންއާ ކުރިމަތިލާންވީ ގޮތެއް އެނގޭނީ އޭރުންނެވެ.

"ކައިދިންއަށް ކަމެއް އެނގެނީތަ؟" ޒެހެން އެއްޗެއް ނުބުނުމުން މިއުނާ ސުވާލުކުރިއެވެ.

"ފަހުން މަންމާ. ހޫރު ހަމައަކަށް އެޅުނީމަ. ކަންތައްވީގޮތް އޭރުން ސާފުވާނެ." ޒެހެން ބުންޏެވެ.

"ހޫރު ކޮބާ؟." ސުމައްޔާ އަހާލިއެވެ.

"ކޮޓަރީގަ. ޔޫކަށް އެހެން އެވީ އެކުއްޖާއަށް ކުރީން ނުފެންނަ މަންޒަރެއް ފެނުނީމަ. ކުދީން ގެނެސްދޭން އެދުނީމަ މިއައީ. ނިދާލާފަ ތެދުވަނިކޮށް ހޫރު ހަމައަކަށް އެޅިދާނެ. އަހަރެން ވެސް އޮފީހަށް މިއަދަކު ދެން ނުނިކުންނާނަން. ދޮންބެއަށް ގުޅާފަ ބުނެފިން. މެންދުރު ނުކައި ތިތިބީ. މަންމަމެން ކާން އަންނަންވީނު. އަހަރެން ކާނީ ތަންކޮޅެއްފަހުން. ހޫރުއާއި ޔޫކް ހޭލީމާ." ޒެހެން އައިސް ސޯފާމަތިން ޔޫކް ނަގައި އުރާލިއެވެ. އެނބުރި މަންމަމެންނާ ކުރިމަތިލިއެވެ.

އިތުރު ސުވާލުތަކެއް މިއުނާ ނުކުރިއެވެ. ދަރިފުޅުގެ ވާހަކައިން އޭނާއަށް ކަމެއް އެނގުނީއެވެ. ޒެހެން އެ އެދެނީ މިވަގުތައް ކައިދިންއާ ގުޅުވާ ސުވާލުނުކުރާށެވެ. ސުމައްޔާ ވެސް މިއުނާ އެދުނު ފަދައިން ޒެހެންއަށް އިތުބާރުކުރިއެވެ. ހޫރައިންއަށް ކައިދިންގެ ފަރާތުން ގޯނާއެއް ވެއްޖެނަމަ އެކަން އެމީހުންނާ ހަމައަށް ޒެހެން ގެންނާނޭކަމުގައި ގަބޫލުކުރިއެވެ. ކުޑަކުޑަ ޔާން އުރާލައިގެން ޒެހެންގެ ފަހަތުން ސުމައްޔާ ނުކުތެވެ. އެމީހުންގެ ފަހަތުން ހިމޭންކަމުގައި މިއުނާ އައެވެ.

ކޮޓަރިއަށް ވަނީ ކާކުތޯ ހޫރައިން ނުބެލިއެވެ. ބިއްދޮށަށް އެނބުރި ހަރަކާތެއް ވެސް ކޮށްނުލާ އޭނާ އޮތެވެ. އެހެންއޮއްވާ ސުމައްޔާގެ އަޑު އިވުނެވެ. ކޮޓަރީގައި ހުރި ޒެހެންގެ ގާތުގައި ދަނީއޭ ސުމައްޔާ ބުނެލިއެވެ. ހޫރައިން އެނބުރިލީ ކޮޓަރީގެ ދޮރު ލައްޕާލީމައެވެ. ތެދުވެ އެނދުގެ ހެޑްބޯޑުގައި ހޫރައިން ލެނގިލިއެވެ. ޒެހެން އޮފީސް ހެދުން ބަދަލުކުރާން އުޅުނެވެ.

"އެވަރަށް ރުއީމަ ކަންނޭނގެ. ދެމީހުން ވެސް ނިދާފަ ތިބީ." ހޫރައިންގެ ނަޒަރު އޭނާއަށް ހުއްޓިފައި ހުރިކަން ފާހަގަވެ ޒެހެން ބުންޏެވެ.

ހޫރައިން ވަކި އެއްޗެއް ނުބުންޏެވެ. އޭނާ ވިސްނަމުންދިޔައީ ކައިދިންގެ ވާހަކަތައް ޒެހެންއަށް ކިޔާދޭނެ ގޮތަކާމެދުއެވެ. ޒެހެން ބުނިހެން ކައިދިންއާ ގުޅިފައިވީ އެއްވެސް ކަމެއް ސިއްރުކުރުމުގެ މާނައެއް ދެން ނެތެވެ. މިއީ ﷲގެ މިންވަރުފުޅުކަން ހޫރައިން ގަބޫލުކުރިއެވެ. އިންސާނާ ސިއްރުކުރާ ކަންތަކާއި ފާޅުކުރާ ކަންކަން ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ. އަދި ކޮންމެ ކަމަކަށް ވަގުތު ކަނޑައަޅުއްވާ ނިޔާ އިއްވެވުން އަވަސްކުރުމާއި ލަސްކުރުމުގެ ކުޅަދާނަކަން އެކަލާނގެއަށް ލިބިގެންވެއެވެ. ވަކީލުކުރުމާއެކު ހަޔާތުގެ އެ ދަތި ހަނދާންތައް އޮޅާލެވިފައިވާ ކަޅުސާލު ނަގައި ފިރިމީހާގެ ކުރިމަތީ ނިއުޅާލަންވީ ވަގުތު ޖެހުނީއެވެ.


"ހޫރް..." ޒެހެން އައިސް އެނދަށް އެރިއެވެ. ހޫރައިންއާ ޖެހިގެން ހެޑްބޯޑުގައި އޭނާ ލެނގިލިއެވެ. ކަނާއަތް ހިއްލާލައި ހޫރައިންގެ ކޮނޑުމަތިން ގެނެސް އެ އަތުގެ ތެރެއަށް ހޫރައިން ލަމުން ޒެހެންގެ ގަޔާ ކައިރިކޮށްލިއެވެ.

"ނިދާލާފަ ތެދުވެތަ ވާހަކަދައްކާނީ." ޒެހެން އަހާލިއެވެ.

"ނޫން. ނިންޖަކުން މިވަގުތު އަހަންނަށް ހަމަޖެހުމެއްނުލިބޭނެ. އަހަރެން ކަންބޮޑުވަނީ ޒެންއާމެދު. ތި އާއިލާއާ މެދު. ކައިދިންއާ ތިމީހުންނާ އޮތް ގާތްކަމެއްގެ ސަބަބުން." ހުރައިން ފަސްޖެހޭ ސަބަބު ހާމަކުރިއެވެ.

"އެކަމާ ހޫރް ނުވިސްނާ. އަހަރެން ހޫރުގެ އަޑު އަހާނަން. ހޫރުގެ ވާހަކަ ގަބޫލުކުރަން. އަހަރެން ނޫނަސް ކައިދިންގެ ދިރިއުޅުން ނޭނގޭ މީހަކު އާއިލާގަ މަދުވާނެ. އެހެންވީމަ އާއިލާގެ ކަންކަން އަހަރެންނަށް ދޫކޮށްލާ." ޒެހެން ޔަގީންކަމާއެކު ބުނެލިއެވެ. ހޫރައިން ބޯޖަހާލާފައި އިސްއޮބާލިއެވެ. އަތުގެ އިނގިލިތަކާއި ކުޅޭންފެށިއެވެ.

"ޔޫކް... ކައިދިންއާ..." ޒެހެން ބުނަން އުޅުނު އެއްޗެއް ހުއްޓާލަން ޖެހުނީ އޭނާގެ ވައަތުގައި ހޫރައިން ހިފާލުމުންނެވެ.

"ޕްލީޒް. އޭނާއާ އެއްވަރުނުކުރޭ. ޔޫކްއާ އޭނާގެ ނަން ނުގުޅުވާތި. ދުވަހަކުވެސް އޭނާއާ ޔޫކް ބައްދަލުވާކަށް ނޭދެން. ކައިވެންޏަކާ ނުލާ ލިބޭ ދަރީންނަށް ބައްޕައެއްނުވޭ. ޔޫކްގެ ހުންނާނީ ހަމައެކަނި މަންމައެއް. އަހަރެން އެކަނި..." ހޫރައިން ބުނެލިއެވެ.

"ކިހިނެއް ކައިދިންއާ ހޫރް ބައްދަލުވީ." ޒެހެން ސުވާލު ކުރިއެވެ.

ފިނިނޭވާއެއް މަޑުމަޑުން ހޫރައިން ދޫކޮށްލިއެވެ. ޒެހެންއާ އިހުނަށްވުރެ ގާތްވެލިއެވެ. ހުރިހާކަމެއްގެ ފެށުން އޭނާ ކިޔައިދޭން ފެށިއެވެ. ކުރީން ޒެހެންއަށް ކިޔައިދެވިފައި ހުރި ވާހަކަތަކުންނެވެ. އެއީ އަޒްހަދާއި އޮތް ގުޅުމާ ހިސާބުންނެވެ.

އޭ-ލެވެލް ނިމުނުއިރު ހޫރައިން ހުރީ އަޒްހަދާއި ލޯބީގެ ގޮތުން ގުޅިގެންނެވެ. އޭރު އެމީހުންނާއެކު އުޅުނު އެކުވެރީންނާއި ދެ ފަރާތުގެ އާއިލާއަށް ވެސް އެ ގުޅުން އޮތީ އެނގިފައެވެ. ކިޔެވުން ނިންމާފައި މާލެ އަންނަ ގޮތަށް ކައިވެނި ކުރާން އަޒްހަދު ގަސްދުކުރާކަން ބުންޏެވެ. އޭނާގެ އާއިލާއިން ވެސް ބޭނުންވީ އެގޮތެވެ. ހޫރައިންގެ މަންމަ ވެސް ރުހޭކަމަކަށް ކައިވެނި އަވަސްކުރުންވިއެވެ. ހޫރައިންގެ ދިރިއުޅުން ދަތިވެގެން ދިޔައީ އެ ދުވަސްތަކުގައެވެ. އަޒްހަދު ކައިރީގަ ނެތް ދުވަސްތަކުގައެވެ. އިތުރަށް ކިޔެވުމުގެ ވިސްނުމެއް ހޫރައިންގެ ނެތެވެ. އަޒްހަދު މަތީ ތަޢުލީމު ހާސިލުކޮށްގެން އަންނައިރު ތައުލީމީ ގޮތުން އޭނާއާ އެއް ހަމައިގަ ފައިތިލަ ސާބިތުކުރުމުގެ ވިސްނުން ހޫރައިންއަށް އައީ ފަހުންނެވެ. ބައްޕަ ދުނިޔޭގައި ނެތުމުން ހޫރައިންއަށް ފައިސާގެ ދަތިކަން އޮތެވެ. މަންމަ ލައްވާ ޚަރަދުކުރުވުގައި އިތުރަށް ކިޔަވާނެ ފެންވަރެއް އޭނާގެ ނެތެވެ. ވަޒީފާއެއް ހޯދީ އެހެންވެއެވެ. ވަޒީފާގައި އުޅެމުން ކިޔަވާ އެތައް ބަޔަކު އުޅޭކަން އެނގޭތީއެވެ. ސްކޫލު ދައުރުގައި ހޫރައިންއާއި އަޒްހަދާ ގާތްކޮށް އުޅުނު ކުދީންގެ ތެރެއިން ދެކުއްޖަކާ ކިޔެވުން ނިމުނު ފަހުން ވެސް ގުޅުން އޮތެވެ. ހޫރައިން ވަޒީފާއެއް ހޯދުމުގައި އުޅެނިކޮށް އެހީތެރިވީ އެތަނުން އެކުވެރިއެކެވެ. އޮފީހަކުން ޖާގައެއް ނުލިބިފައި ހުއްޓާ އެކުވެރިޔާ މެދުވެރިވެގެން ހޫރައިންއަށް ވަޒީފާއެއް ލިބުނީ ފިހާރައަކުންނެވެ. މާލޭގައި ނަންހިނގާ ބޮޑު ސުޕަރމާކެޓަކުންނެވެ. އެމީހުންގެ އެތައް ފިހާރައެއް ރާއްޖޭގެ އެކި ހިސާބުގައި ހުޅުވާފައި ހުރެއެވެ.

"ފިހާރައިންތަ ދިމާވީ؟." ޒެހެންއަށް އަހާލެވުނެވެ. އޭނާގެ ހިތުގެ ތެޅުން އަވަސްވަމުންދިޔައިރު ކެތްތެރިކަން ކުޑަވަނީއެވެ.

"ނޫން. ހުޅުމާލެއިން... އޭރު އަހަރެން އުޅުނީ މާލޭގަ ހުރި މާޓުގަ. އެތަނުން ކުދީންތަކެއް ނެގީ ހުޅުމާލޭގައި ހުންނަ ބޮޑު މާޓަށް. އަހަރެން ޝަކުވާކުރުމެއްނެތި އެ އޮފާ ގަބޫލުކުރީ ލިބޭވަރު އިތުރުވީމަ. ބަހުގަ ދަތުރުކުރުން ހަމަޖައްސައިދީފަ އޮތީ. ހުރިހާ ކަމެއް ފެށުނީ ހުޅުމާލެ މާޓަށް ނުކުންނަން ފެށީމަ. އަހަރެން މާލެއިން ބަހަށް އަރައިގެން ހުޅުމާލެއަށް ގޮސް ފައިބަނީ މާޓުއާ އެންމެ ކައިރިއަށް ހުންނަ ބަސް ސްޓޮޕަށް. ދެން ހިނގާލާފައި މާޓަށް ދަނީ. ކައިދިންއާ އޭނާގެ ރައްޓެހިން ތިބީ ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގެ މަތީ. އޭރު އެކަނި އުޅޭކަށް ބިރެއް ނުގަނޭ. ހުރިހާ ތަނަކަށްދަނީ ހަމައެކަނި. ފިރިހެނަކު ފެނިގެން އަހަރެން ޖެހިލުމެއްނުވޭ. އެހެންވެ ކައިދިންއާއި އޭނާގެ ރައްޓެހިންތައް ފެނުމުން އެ ދުވަހު އަޅާނުލީ. އެމީހުން އަހަރެންގެ ފަހަތަކުން ނާދޭ. ހަމައެކަނި ބަލަނީ. ކައިދިން ބަލަނީ ބޮޑަށް. ހަފްތާފަހުން އަހަންނަށް ކައިދިން ފެނުނީ މާޓު ތެރެއިން. އަހަރެން އިނީ ކައުންޓަރެއްގަ. އޭނާ ނެގި އެއްޗެހި ހިފައިގެން އައިސް މަޑުކުރީ އަހަރެން އިން ކައުންޓަރު ކައިރީ..." ހޫރައިންގެ ޚިޔާލުތަކުގައި ހުރިހާ މަންޒަރެއް އިއްޔެވީ ކަމެއްހެން ނުފިލާވެއެވެ.

"ކިހިނެއް؟." ބަދަލުކޮށްލި ލުއި ހިނިތުންވުމާއެކު ކައިދިން ބުނެލިއެވެ. ކަނާއަތުން އޭނާގެ ލޮލަށް ހުރަސް އަޅާން މަސައްކަތް ކުރި އިސްތަށިގަނޑުގެ ބައި އިނގިލިތަކުން ފަހަތަށް ފުނާ އަޅާލިއެވެ. ވާހަކަދެއްކުން ރަނގަޅު ހިޔާލެއްކަމުގައި ހޫރައިންއަށް ނުފެނުނެވެ. އެހެންވެ ކައިދިންގެ އަޑު ނީވޭކަމަށް އޭނާ ހެދުނީއެވެ.

"މިތާތަ ވޯކްކުރަނީ." ގަތް އެއްޗިއްސަށް އެރި އަގު ހޫރައިން ބުނެލުމުން ވޮލެޓުން ނެގި ކާޑު ދިއްކޮށްލައި ސުވާލުކޮށްލިއެވެ. މިފަހަރު ހޫރައިން ލައްވާލީ ހޫންއެކެވެ. އޭރު ވެސް ހޫރައިން ސުވާލު އުފެދުނެވެ. ކައިދިން އެތަނަށް އައީ ހޫރައިން އެތަނުގައި މަސައްކަތްކުރާކަން ހަމަ ނޭނގި ހުރެބާއެވެ. ނޫނީ ނޭނގޭކަމަށް ހެދުނީ ހޫރައިންއާ ވާހަކަދައްކަން ގަސްދުކޮށްގެން ބާއެވެ. އެއިން އެއްވެސް ސުވާލަކަށް ޔަގީން ޖަވާބެއް ހޫރައިންއަކަށް ނުދެވުނެވެ.

"ހޫރައިން... ޔުނީކް ނޭމް." ހޫރައިން ލާފައި ހުރި މާޓުގެ ލޯގޯ ޖެހި ޖެކެޓުގައިވާ ނޭމް ޓެގަށް ކައިދިން ގުދުވެ ބަލާލިއެވެ. ހޫރައިންގެ ސަމާލުކަން ލިބޭތޯ އޭނާ މަސައްކަތް ކުރިއެވެ. (ނުނިމޭ)