ސޯސަން މަގުގައި ހުރި ގަހަކުން ބޮޑު ގޮފިގަނޑެއް ވެއްޓި ވަގުތުކޮޅަކަށް މަގު ބްލޮކް ވެއްޖެ އެވެ.
ގޮފިިގަނޑެއް ވެއްޓުނީ ސޯސަންމަގުގައި ހިންގާ ސިޓީ ބޭކަރީއާ ދިމާލުގައި ހުރި ގަހަކުންނެވެ.
މީގެއިރުކޮޅެއް ކުރިން ހިނގާދިޔަ މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް އެ ދިމާލުގައި ޕާކް ކޮށްފައި ހުރި ބައެއް ސައިކަލްތަކަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވެ އެވެ.
މާލޭގެ މަގުތަކުގެ ތެރެއިން ސޯސަން މަގަކީ ބިޔަ ގަސްތައް އެންމެ ގިނައިން ހުރި އެއް މަގެވެ. އަދި އެ މަގަކީ އާންމުކޮށް ޓްރެފިކް ވެސް އެންމެ ބޮޑު އެއް މަގެވެ.
ގޮފިގަނޑު ނަގައި މަގު ސާފުކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ދަނީ ކުރަމުންނެވެ.
މާލޭގެ މަގުތަކުގައި އިންދާފައިވާ ބިޔަ ގަސްތަކުން ގޮފިގަނޑުތައް ވެއްޓުމުގެ ހާދިސާތައް މީގެކުރިންވެސް ހިނގާފައިވެ އެވެ. އެފަދަ ހާދިސާތަކުގައި ބައެއް މީހުންނަށް އަނިޔާ ލިބިފައިވެސްވެ އެވެ.