ޑރ. ހުސައިން ރަޝީދު ހަސަން

މިނިސްޓަރު ހުސައިން މާދަމާ މަޖިލީހަށް ހާޒިރުކުރަނީ

ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން، މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުކުރަން ނިންމައިފި އެެވެ. މިނިސްޓަރު މާދަމާގެ ޖަލްސާއަށް ހާޒިރު ކުރަނީ ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު، މިނިސްޓަރާއި ކުރައްވަން ހުށައެޅުއްވި ސުވާލަކާއި ގުޅިގެންނެވެ.

ވަހީދު ސާފުކުރައްވަން ހުށައަޅުއްވާފައިވަނީ ދިއްދޫ އައިސްޕްލާންޓްގެ މަސައްކަތް ކުރިއަށް ނުގޮސް އޮތް ސަބަބެވެ. އޭނާ ހުށައެޅުއްވި ސުވާލުގައި ވިދާޅުވެފައިވަނީ ދިއްދޫގައި އައިސް ޕްލާންޓެއް ގާއިމުކޮށް ދެއްވާނެ ކަމަށް ރައީސް ސޯލިހް ވައުދުވެވަޑައިގެންފައިވާ ކަމަށާ އެ ވައުދާ އެއްގޮތަށް ސެޕްޓެންބަރު 8، 2021 ގައި ސައުދީ ފަންޑުގެ އެހީގައި ދިއްދޫގައި 25 ޓަނުގެ އައިސް ޕްލާންޓެއް ހެދުމަށް ފިނޭންސް މިނިސްޓްރީން އިއުލާނު ކޮށްފައިވާ ކަމަށެވެ.

ނަމަވެސް އޭގެ ފަހުން އެކަމުގެ އެއްވެސް މައުލޫމާތެއް ނުލިބޭ ކަމަށެވެ. އެހެން ކަމުން އެ މަސައްކަތް މިހާރު ގޮސްފައި އޮތް ހިސާބަކާއި އައިސް ޕްލާންޓް ގާއިމު ކުރުމުގެ އަމަލީ މަަސައްކަތް ފެށި އެ ތަނުގެ ހިދުމަތް ރައްޔިތުންނަށް ލިބޭނެ ކަަމަށް ލަފާ ކުރެވޭ ތާރީހެއް ސާފުކޮށް ދިނުމަށް ވަނީ އެދިފައެވެ.

ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން، މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުކުރަން ނިންމާފައިވާއިރު މަސްވެރިކަން ތިޔާގި މި މޫސުމުގައި މިފްކޯއިން މަސް ކިރޭ މިންވަރު ލިމިޓް ކުރުމުން ވަރަށް ބޮޑު ފާޑުކިޔުމެއް ވަނީ އަމާޒުވެފައެވެ. ވަހީދުގެ ސުވާލަށް ފަހު އިތުުރު ސުވާލު ކުރަން މެންބަރުންނަށް ލިބޭ ފުރުސަތުގައި މި މައްސަލައާ ގުޅޭގޮތުން މެންބަރުން ސުވާލު ކުރައްވާނެ ކަމަށް ބެލެވެއެވެ.