ދީން

ތަރާވީހު ނަމާދާ ގުޅޭ ބައެއް ސުވާލުތައް

ރަމަޟާންމަހަކީ އަޅުކަމުގެ މައްސަރެވެ. މި މާތް މައްސަރުގެ ދުވާލަކީ ރޯދައިގެ އަޅުކަމުގެ ވަގުތެވެ. އަދި ރޭތަކަކީ ތަރާވީޙު ނަމާދުގެ ވަގުތެވެ. ތަރާވީޙު ނަމާދަކީ ރަމަޟާންމަހުގެ ރޭތަކުގައި އަދާކުރެވޭ ރޭ އަޅުކަން، ނުވަތަ "ޤިޔާމުއް ލައިލް" އެވެ. ރޭ އަޅުކަމޭ ބުނުމުން، ރޭގަނޑުގެ ވަގުތުގައި ކުރެވޭ ހުރިހާ ސުންނަތް ނަމާދުތައް އޭގެ ތެރޭގައި ހިމެނެ އެވެ. އެއީ ދަމުނަމާދު ކަމުގައިވިޔަސް، ވިތުރި ކަމުގައިވިޔަސް އެއީ ހަމަ ރޭ އަޅުކަމެވެ.

ރަމަޟާންމަހުގެ ރޭއަޅުކަން އެހެން މައްސަރުތަކުގެ ރޭ އަޅުކަމުގެ މައްޗަށް ޚާއްޞަވެގެންވާ 2 ސަބަބެއްވެއެވެ. އެއް ސަބަބަކީ، އެރޭތަކުގެ ތެރެއިން ރެއެއްގައި ލައިލަތުލް ޤަދްރި ވިލޭރޭ ހިމެނޭ ކަމެވެ. އަނެއް ސަބަބަކީ؛ "ފުރިހަމަ އީމާންކަމާއެކު، ޘަވާބަށް އެދޭ ޙާލުގައި ރަމަޟާންމަހުގެ ޤިޔާމުކޮށްފި މީހާ (އެބަހީ: ތަރާވީޙު ނަމާދުކޮށްފި މީހާ) ދަންނާށެވެ! ފަހެ، އޭނާގެ އިސްވެދިޔަ ފާފަތައް ފުއްސެވޭ ހުއްޓެވެ." މިފަދައިން ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވުމެވެ. (ރިވާކުރެއްވީ އަލްއިމާމުލް ބުޚާރީއާއި އިމާމު މުސްލިމްއެވެ.)

ރަމަޟާންމަހުގެ ރޭ އަޅުކަން، ނުވަތަ ރޭތަކުގައި ކުރެވޭ ސުންނަތް ނަމާދުތަކަށް ތަރާވީޙު ނަމާދޭ ނަންދެވުނު ގޮތަށް ބަލާއިރު، تَرَاوِيْحُ މިކަލިމައިގެ އަޞްލު ނެގިފައިވަނީ الرَّاحَةُ އިންނެވެ. މާނައަކީ ރާޙަތު ނުވަތަ އަރާމު ކޮށްލުމެވެ. އެހެނީ، އިހުގައި ތަރާވީޙު ނަމާދު އެންމެ ފުރިހަމަކޮށް ދިގުކޮށް ކުރަމުން ދިޔައިރު، ދެ ރަކުޢަތް ކޮށްފައި ސަލާމް ދީފައި، ދެ ރަކުޢަތް ކޮށްފައި ސަލާމް ދީފައި، އެގޮތަށް ހަތަރު ރަކުޢަތް ކުރެވުމުން، ފައިވާޅު ފިލުވައިލުމަށާއި ކުޑަހިނދުކޮޅަކަށް އަރާމު ކޮށްލުމަށް މަޑުކޮށްލައެވެ. މި ސަބަބަށްޓަކައި ރަމަޟާންމަހުގެ ދަމުނަމާދަށް ތަރާވީޙު ނަމާދުގެ ނަމުން ނަންދެވެއެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޙަޔާތް ޕުޅުގައިވެސް ތަރާވީޙު ނަމާދު ކުރެއްވިއެވެ. އަދި ތަރާވީޙު ނަމާދު ކުރެއްވުމަށް އަޞްޙާބު ބޭކަލުންނަށް ބާރު އަޅުއްވައި އެ ކަމަށް ހިތްވަރުދެއްވިއެވެ. އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. كَانَ رسولُ اللهِ صلى الله عليه وسلم يُرَغِّبُ في قِيَامِ رَمَضَانَ مِنْ غَيْرِ أَنْ يَأمُرَهُمْ فِيهِ بِعَزِيمَةٍ ، فيقولُ: «مَنْ قَامَ رَمَضَانَ إيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ». (رواه مسلم) މާނައީ: "ރަމަޟާންމަހު ތަރާވީޙު ނަމާދު ނަމާދުކުރުމަށް؛ އެ ކަން ވާޖިބު ކުރެއްވުމުގެ އަމުރު ކުރެއްވުމަކާނުލައި، ރަސޫލު ﷲ صلى الله عليه وسلم ހިތްވަރު ދެއްވައެވެ. ފަހެ، އެކަލޭގެފާނު ޙަދީޘްކުރައްވައެވެ. "ފުރިހަމަ އީމާންކަމާއެކު، ޘަވާބަށް އެދޭ ޙާލުގައި ރަމާޟާންމަހުގެ ޤިޔާމުކޮށްފި މީހާ (އެބަހީ: ތަރާވީޙު ނަމާދުކޮށްފި މީހާ) ދަންނާށެވެ! ފަހެ، ހަމަކަށަވަރުން، އޭނާގެ އިސްވެދިޔަ ފާފަތައް ފުއްސެވޭހުއްޓެވެ."

މި ލިޔުމުގައި އަޅުގަނޑު މި ބަލައިލަނީ ތަރާވީޙު ނަމާދާ ގުޅިގެން ގިނަ ބައެއްގެ ހިތުގައި އުފެދޭ ބައެއް ސުވާލުތަކުގެ މައްޗަށެވެ. އަދި އެ ސުވާލުތަކުގެ ޖަވާބު ކުރުކޮށް ގެނެސްދެވޭތޯ ބަލާނަމެވެ. إن شاء الله

ތަރާވީޙު ނަމާދާ ގުޅިގެން މީސްތަކުންގެ ހިތުގައި އާންމުކޮށް އުފެދޭ އެއް ސުވާލަކީ، ތަރާވީޙު ނަމާދު، ގޭގައި ނުވަތަ އެނޫން ތަނެއްގައިވިޔަސް، އެކަނި ހުރެ ކުރެވިދާނެތޯއެވެ؟ މިސުވާލުގެ ޖަވާބު ދަންނަވަން އޮތީ، އާނއެކެވެ. ތަރާވީޙު ނަމާދު އެކަނި ހުރެ ކުރުން ހުއްދަވެގެންވެއެވެ. ނަމަވެސް މޮޅު އިތުރުވެގެންވަނީ ޖަމާޢަތުގައި ކުރުމެވެ.

އިސްވެ ބަޔާންކުރުވުނު ފަދައިން، ތަރާވީޙު ނަމާދު ކުރުން ވާޖިބު ކުރެއްވުމަކާ ނުލައި، އެކަމަށް ހިތްވަރު ދެއްވައި، އެނަމާދު ކުރުމަށް ކީރިތި ރަސޫލާ صلى الله عليه وسلم ބާރު އެޅުއްވިއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ތަރާވީޙު ނަމާދު ޖަމާޢަތުގައި ކުރައްވާފައިވަނީ ދެތިން ރެއެއްގައެވެ. އަދި މީސްތަކުންގެ މައްޗަށް އެނަމާދު ފަރުޟު ކުރެއްވިދާނޭކަމަށް ބިރުފުޅުވަޑައިގެން ޖަމާޢަތުގައި ކުރެއްވުން ހުއްޓައިލެއްވެވިއެވެ. އެއަށްފަހު، މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރުގެފާނުގެ ޒަމާނުގައި ޖަމާޢަތުގައި ތަރާވީޙު ނަމާދު ކުރުމަށް އެކަލޭގެފާނު އަމުރު ކުރެއްވިއެވެ.

ތަރާވީޙު ނަމާދާ ގުޅިގެން އެންމެ ގިންނަ އުފެދޭ އަނެއް ސުވާލަކީ، އެ ނަމާދުގެ ކޮންމެ ދެ ރަކުޢަތެއް ފެށޭއިރު، "ވައްޖަހުތު" (ދުޢާއުލް އިސްތިފްތާޙު) ކިޔަން ޖެހޭނެތޯއެވެ؟ މި ސުވާލުގެ ޖަވާބުގައި ދަންނަވަން އޮތީ، ތަރާވީޙު ނަމާދަކީ ދެރަކުޢަތުން ދެރަކުޢަތަކުން ސަލާމް ދެމުން ކުރާ ނަމާދެކެވެ. މިއިން ކޮންމެ ދެ ރަކުޢަތަކީ ވަކި ނަމާދެއް ކަމުގައިވީހިނދު، އެއިން ކޮންމެ ދެ ރަކުޢަތެއްގެ ފެށުމުގައިވެސް "ވައްޖަހުތު" (ދުޢާއުލް އިސްތިފްތާޙު) ކިޔުމަކީ ސުންނަތެކެވެ.

ވީމާ، ތަރާވީޙު ނަމާދުގެ ކޮންމެ ދެ ރަކުޢަތެއްގައިވެސް ނަމާދުގެ އެންމެހައި ރުކުންތަކާއި، ވާޖިބުތަކާއި ސުންނަތްތައް ފުރިހަމަ ކުރަންޖެހޭނެއެވެ. އޭގެ ތެރޭގައި، "ވައްޖަހުތު" (ދުޢާއުލް އިސްތިފްތާޙު) ކިޔުންވެސް، އަދި ފަހު އައްތަޙިއްޔާތު (ތަޝައްހުދު) ދިގުކޮށް ކިޔުންވެސް ހިމެނެވެ.

ދެން އޮތް ސުވާލަކީ، ތަރާވީޙު ނަމާދު ޖަމާޢަތުގައި ކުރުމަށްފަހު، ދެން އަލުން ރޭގަނޑު ދަންވަރު ތެދުވެ، ދަމުނަމާދު ކުރަންއެދޭނަމަ، ވިތުރި ކުރާނީ ކިނެއްތޯއެވެ؟ މިސުވާލުގެ ޖަވާބު ދަންނަވަން އޮތީ، ވިތުރި އަކީ ރޭގަނޑުގެ ނަމާދުގެ އެންމެ ފަހު ކަމެއްގެ ގޮތުގައި ކުރަން އޮތް އަޅުކަމެވެ. އަދި އެއް ރެއެއްގައި ދެފަހަރު ވިތުރި ކުރުމެއް ނުވާކަމުގައިވެސް ވަނީ ޙަދީޘް ކުރައްވާފައެވެ. ވީމާ، އިމާމު މީހާއާއެކު ތަރާވީޙު ކޮށްފައި، އަލުން ރޭގަނޑު ތެދުވެ، ދަމުނަމާދު ކުރަން އެދޭނަމަ، ޢަމަލު ކުރެވިދާނޭ ދެގޮތެއް އެބައޮތެވެ. އެއްގޮތަކީ، އިމާމު މީހާއެކު ތަރާވީޙު ނަމާދުގައި ބައިވެރިވެފައި ވިތުރު ނުކޮށް ދޫކޮށްލުމެވެ. އަދި ދަންވަރު ތެދުވެ ވިތުރި ކުރުމެވެ. އަނެއް ގޮތަކީ، އިމާމު މީހާ ވިތުރީގެ ފަހު ރަކުޢަތް ކޮށްފައި ސަލާމް ދިނުމުން، ތެދުވެ، ދެވަނަ ރަކުޢަތެއް ކުރުމެވެ. އަދި އެއަށްފަހު ދަންވަރު ތެދެވެ ވިތުރި ކުރާނީއެވެ. މިއީވެސް އުއްމަތުގެ ބޮޑެތި އިމާމުންގެ ބަސްފުޅެކެވެ.

ރަމަޟާންމަހުގެ ރޯދައިގެ އަޅުކަމެކޭ އެއްފަދައިން، އެމައްސަރުގެ ރޭ އަޅުކަމަކީވެސް ދަރުމައާއި ޘަވާބު މަތިވެރިވެގެންވާ އަޅުކަމެކެވެ. ވީމާ، މި ބަރަކާތްތެރި މައްސަރުގެ ފައިދާ ހެޔޮގޮތުގައި ހިފަން އެދޭނަމަ ރަމަޟާންމަހުގެ ރޭތައްވެސް އަޅުކަމުގައިވޭތިކޮށްލާށެވެ.