ފްރާންސަށް ރައީސަކު ހޮވަން އާދީއްތަ ދުވަހު ނެގި ވޯޓުން ރައީސް އިމަނުއެލް މެކްރޮން ކުރި ހޯއްދަވައިފި އެވެ.
އަވަސް ނަތީޖާ ދައްކާ ގޮތުން މެކްރޮންއަށް 28 ޕަސެންޓް ވަނީ ލިބިވަޑައިގެންފަ އެވެ. އިދިކޮޅު ކެންޑިޑޭޓް މާރިން ލުޕެންއަށް ލިބިވަޑައިގެންފައި ވަނީ 24.5 ޕަސެންޓް އެވެ. ތިންވަނަ ލިބިވަޑައިގެންފައި ވަނީ ޒޯން ލުކްމެލޯންޝޯ އަށް، އެއީ 19 ޕަސެންޓެވެ.
ފްރާންސްގެ ރިޔާސީ އިންތިހާބުގައި މިފަހަރު 12 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. އެހެން ނަމަވެސް، އަވަސް ނަތީޖާ ދައްކާ ގޮތުން މެކްރޮން އާއި ލުޕެން އަދި ތިންވަނަ ލިބިވަޑައިގެންނެވި ޒޯން ލުކްމެލޯންޝޯ ފިޔަވައި ދެން ވާދަ ކުރެއްވި ކެންޑިޑޭޓުންނަށް ލިބިވަޑައިގެންފައި ވަނީ ވަރަށް ދަށް ޕަސެންޓެކެވެ.
އިއްޔެ ނެގި ވޯޓުން އެއްވެސް ކެންޑިޑޭޓަކަށް އަޣުލަބިއްޔަތު ލިބިފައެއް ނުވެ އެވެ. އެހެންކަމުން ދެވަނަ ބުރެއް ބާއްވަން ޖެހެ އެވެ.
އޭޕްރީލް 24 ގައި އޮންނަ ދެވަނު ބުރުގައި ވާދަ ކުރައްވާނީ ފުރަތަމަ ބުރުގައި އެންމެ ބޮޑު ޕަސެންޓެއް ލިބިވަޑައިގެންނެވި ދެ ކެންޑިޑޭޓުންނެވެ. އެއީ އިމަނުއެލް މެކްރޮން އާއި މާރިން ލުޕެން އެވެ.
2017 ގައި ފްރާންސްގައި ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް މެކްރޮންއާ އެންމެ ގާތުން ވާދަކުރެއްވީ މާރިން ލުޕެން އެވެ. ދެ ބޭފުޅުންގެ ފަރަގު ފުރަތަބުރު ނިމުނުއިރު ހުރީ 24.01 ޕަސެންޓާއި 21.30 ޕަސެންޓްގަ އެވެ.
މެކްރޮންއަށް ފްރާންސްގެ ރައީސްކަން ލިބިވަޑައިގެންފައި ވަނީ ދެވަނަ ބުރުގައި ވާދަ ކުރައްވައި 66.10 ޕަސެންޓް ވޯޓުންނެވެ.
ފްރާންސްގައި ރިޔާސީ އިންތިހާބު އޮންނަނީ ކޮންމެ ފަސް އަހަރަކުންނެވެ. ރައީސްގެ ވެރިކަމުގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ. އެއަށް ފަހު އާ ރައީސަކު ހޮވަން އާއިންތިހާބެއް ބާއްވަން ޖެހެ އެވެ. ރައީސް ކަމަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށް ގިނަވެގެން އަދާކުރެވީ ފަސް އަހަރުގެ ދެ ދައުރެވެ.
ރައީސްގެ މަގާމުގައި މިހާރު ހުންނެވި އިމަނުއެލް މެކްރޮން ވެރިކަށް ވަޑައިގަތީ މެއި 14، 2017 ގައެވެ. އޭނާގެ ދައުރު މެއި 13، 2022 އަށް ހަމަވާނެ އެވެ.
އިމަނުއެލް މެކްރޮން އަކީ ފްރާންސްގައި ވެރިކަން ކުރައްވާ އެންމެ ހަގު، ޒުވާން ރައީސެވެ. ވެރިކަމަށް ވަޑައިގެންނެވިއިރު އުމުރުފުޅަކީ 39 އަހަރު، މިހާރު 44 އަހަރެވެ.
މެކްރޮން އަކީ ޔޫރަޕްގެ އިއްތިހާދާ ވަރަށް ގުޅުން ބޮޑު ބޭފުޅެކެވެ. މިއަހަރުގެ އިންތިހާބުގައި މެކްރޮންއާ ވާދަ ކުރައްވާ މާރިން ލުޕެން 53، އަކީ ފްރާންސް ޔޫރަޕުން ވަކި ކުރަން ބޭނުންފުޅުވާ ސިޔާސީ ލީޑަރެކެވެ.