ދެކުނުގެ މަސްވެރިކަން ރަގަޅުވެފައި ވަނިކޮށް މަސް ގަންނަ އަދަދު ކޮންޓްރޯލް ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލައި ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ކުއްލި މައްސަލަ ހުށަހެޅުއްވީ އިދިކޮޅު ޕީޕީއެމްގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް އެވެ.
ކުއްލި މައްސަލަ ބަލައިގަތުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ހުޅުވުލުމާ ގުޅިގެން އެ މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ ނުވަ މެންބަރުންނެވެ. މައްސަލަ ބަލައިގަތުމާ ދެކޮޅަށް 41 މެންބަރުން ވޯޓު ދެއްވުމާ ގުޅިގެން މަޖިލީހުން ވަނީ މައްސަލަ ބޭރުކޮށްލާފަ އެވެ.
ކުއްލި މައްސަލައިގައި ބުނެފައިވަނީ ދެކުނުގެ މަސްވެރިކަން ރަނގަޅުވެފައި ވަނިކޮށް ސަރުކާރުގެ މަސް ކުންފުނި -- މިފްކޯ އާއި އަމިއްލަ ކުންފުނިތަކުން ވެސް މަސް ގަންނަ އަދަދު ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.
މަސްވެރިން ބާނާ މަސް ކިރުމަށް މަސް ގަންނަ ބަނދަރުތަކުގައި ހަފްތާއެއްހާ ދުވަހު މަޑުކޮށްގެން ކިރެނީ ފަސް ޓަނު ކަމަށާއި 70 ޓަނުގެ މަސް އުކާލަންޖެހޭ ކަމަށް މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ. އެގޮތަށް ކަންކަން ހުރުމާ ގުޅިގެން ހަރަދު ދެކޮޅު ނުޖެހޭތީ މަސްވެރިން މަހަށް ނުފުރާ ކަމަށާއި މަސްވެރިންނަށް ފައިސާ ލިބުން ދަތިވެފައިވާތީ މަސްވެރިންގެ އާއިލާތަށް ނިކަމެތިވެ ޖީބުތައް ހުސްވެއްޖެ ކަމުގައިވެސް ބުނެފައިވެ އެވެ.
ކުއްލި މައްސަލައިގައި އިތުރަށް ބުނެފައިވަނީ މަހަށް ދިއުމަށް ބޭނުންވާ ޑީސަލް ވެސް ލިބުމުގައި ދަތި ކަމަށާއި މަސްވެރިންނަށް ސަރުކާރުން ވީވައުދުތައް ވެސް ނުފުއްދާ ކަމަށެވެ. އަދި މަސް ގަންނަ ސަރުކާރު ކުންފުނިތަކުގެ ކެޕޭސިޓީ އިތުރު ނުކުރެވި ކޮންމެ އަހަރަކު މަސްވެރިން ބާނާ މަސް ގަތުމުގައި ދިމާވާ މައްސަލަތައް ތަކުރާރުވަމުންދާ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން މައްސަލަތައް ހައްލުކޮށް މަސް ގަތުމުގެ ކޮންޓްރޯލް އުވާލުމަށް ކުއްލި މައްސަލައިގައި ގޮވާލާފައިވެ އެވެ.
މަސްވެރިން ބާނާ މަހުގެ ކޮންޓްރޯލް އުވާލުމަށް ގޮވާލާ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާފައި މިވަނީ މިފްކޯ އާއި ބައެއް އަމިއްލަ ކުންފުނިތަކުން ކޮންޓްރޯލް ކޮށްގެން މަސް ގަންނަމުންދާ ދުވަސްކޮޅެއްގަ އެވެ. މިފްކޯ އިން މިހާރު މަސް ގަންނަނީ ދޯންޏަކުން ފަސް ޓަނެވެ.