ރައްޔިތުންގެ މަޖިލިސް

އިދާރީ ގޯހެއް ހަދައި މިނިސްޓަރު މަޖިލީހަށް ހާޒިރުކޮށްފި

Apr 11, 2022

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން އިދާރީ ގޯހެއް ހަދައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު މަޖިލީހަށް ހާޒިރު ކޮށްފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރު ޑރ. ހުސައިން މަޖިލީހަށް ހާޒިރުވެވަޑައިގަތީ ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވުމަށެވެ.

ދިއްދޫގައި ހެދުމަށް ނިންމާފައިވާ އައިސްޕްލާންޓްގެ މައުލޫމާތު އޮޅުންފިލުއްވުމަށް ދިއްދޫ ދާއިރާގެ މެންބަރު، މިނިސްޓަރާ ސުވާލުކުރެއްވުމަށް ހުށަހަޅުއްވާފައި ވަނީ ލިޔުމުން ޖަވާބު ހޯދުމަށެވެ. ނަމަވެސް މަޖިލީހުގެ އިދާރާ އިން ވަނީ މިނިސްޓަރު ޑރ. ހުސައިން މަޖިލީހަށް ހާޒިރުވެވަޑައިގެން މެންބަރުގެ ސުވާލަށް ޖަވާބު ދެއްވުމަށް ނޯޓިސް ދެއްވާފަ އެވެ.

އެ ނޯޓިހާ އެއްގޮތަށް މިނިސްޓަރު މަޖިލީހަށް ވަޑައިގެން ދިއްދޫ ދާއިރާގެ މެންބަރު ސުވާލާއި އެހެން ބައެއް މެންބަރުންގެ ސުވާލުތަކަށް ވެސް މިނިސްޓަރު ޖަވާބު ދެއްވާފައި ވަނިކޮށް މަޖިލީހުގެ އިދާރާ އިން އިދާރީ އޮޅުމެއް ހަދާފައިވާ ކަމަށް މަޖިލީހުގެ ރިޔާސަތުގެ ސަމާލުކަމަށް ގެންނެވީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް އެވެ.

ނިޒާމީ ނުކުތާ އެއް ނަންގަވައި ޝަރީފް ވިދާޅުވީ ދިއްދޫ ދާއިރާގެ މެންބަރު، މިނިސްޓަރާ ސުވާލުކުރެއްވުމަށް ހުށަހަޅުއްވާފައިވަނީ ލިޔުމުން ޖަވާބު ދެއްވާ ގޮތަށް މަޖިލީހުގެ ގަވައިދުގެ 80 ވަނަ މާއްދާގެ ދަށުން ކަމަށެވެ. އެހެންކަމުން މިނިސްޓަރު މަޖިލީހަށް ވަޑައިގެން ޖަވާބު ދެއްވާ ސަބަބެއް ސާފުކޮށްލަ ދެއްވުމަށް އެދިވަޑައިގެންނެވި އެވެ.

ޝަރީފްގެ ނިޒާމީ ނުކުތާއާ ގުޅިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޝަރީފް ނެންގެވި މައްސަލަ ބަލައިގަންނަ ކަމަށެވެ. އަދި ވިދާޅުވީ ލިޔުމުން ދެއްވަންޖެހޭ ޖަވާބަކަށް މިނިސްޓަރު މަޖިލީހަށް ހާޒިރުވާން ދެންނެވުނީ ގޯހުން ކަމަށެވެ.

"މިކަންތައްތައް އަޅުގަނޑުމެންނަށް މިއަދު ހިންގާ މިދިޔައީ މިކަން ހިނގާންވީ ގޮތަކަށް ނޫން. އިއްޒަތްތެރި ވަޒީރު ވަރަށް ބޮޑަށް ޝުކުރިއްޔާ. އަދި ވަރަށް ބޮޑަށް މައާފަށް ވެސް އެދެން،" ނަޝީދު ވިދާޅުވި އެވެ.

އިދާރީ ގޯހާ އެކު މަޖިލީހުގެ ރިޔާސަތުން ވަނީ މިނިސްޓަރާ ސުވާލުކުރުން ނިމުމަކަށް ގެނެސްފަ އެވެ. އޭރު ވަނީ މިނިސްޓަރާ ސުވާލުކުރުމަށް އޮންނަ 20 މިނެޓްގެ ވަގުތު ވެސް ގާތްގަނޑަކަށް ހަމަވެފަ އެވެ. އަދި އެވަގުތުގެ ތެރޭގައި 10 މެންބަރަކު ސުވާލުކުރައްވާފައިވެ އެވެ.

މިނިސްޓަރަކު މަޖިލީހަށް ހާޒިރުކޮށްގެން ސުވާލު ކުރިނަމަވެސް ނުވަތަ ލިޔުމުން ޖަވާބު ހޯދިނަމަވެސް މަޖިލީހުގެ ގަވައިދުގެ ދަށުން އެ ސުވާލަކަށް ޖަވާބު ދެއްވުމަށް މިނިސްޓަރަށް 14 ދުވަސް ލިބިވަޑައިގަންނަވަ އެވެ.