ބޮލީވުޑް

ނުދަންނަ މީހުންނާ ވާޙަކަ ދައްކާކަށް ނުކެރޭ: އަބީޝެކް

އާންމު މީހުންނެކޭ އެއްގޮތަށް ބޮލީވުޑް ބައެއް ތަރިން ވެސް ކުރަން ނުކެރޭ ކަންތައްތައް ހުރެ އެވެ. އަދި އެމީހުންނަށް ވެސް ބިރުން ކުރަން ފަސް ޖެހޭ ކަންތައްތައް ވެސް ހުރެ އެވެ. ފިލްމުތަކުގައި އެމީހުން ފެންނަނީ ކިތަންމެ ހިތްވަރުގަދަ މީހުންގެ ގޮތުގައި ނަމަވެސް ހަގީގީ ދިރިއުޅުމުގައި ބައެއް މީހުންގެ އުޅުން ވަރަށް ތަފާތެވެ.

ދާދިފަހުން ރިލީޒް ކޮށްފައިވާ "ދަސްވީ"ގެ ބަތަލު އަބީޝެކް ބައްޗަން އަކީ ވެސް ކަންތައްތައް ވަރަށް ކުރަން ނުކެރޭ މީހެކެވެ. އަދި ނުދަންނަ މީހަކާ ފޯނުން ވިޔަސް ވާހަކަ ދައްކާކަށް އޭނާއަކަށް ނުކުރެ އެވެ. އެއީ ކޮންމެހެން އޭނާ ފޮނިކަމުން ވާ ގޮތެއް ނޫނެވެ. ގަންނަ ބިރަކުން އެކަންކަން ކުރަން ހަމަ ނުކެރެނީ އެވެ.

ވެބް ހޯސްޓް ސިދާރްތު ކަނަން އަދި ދާދިފަހުން އަބީޝެކް ދިން އިންޓަވިއު އެއްގައި ބުނި ގޮތުގައި ފޯނުން ނުދަންނަ މީހަކަށް ގުޅައި ވާހަކަ ދެއްކުމަކީ އޭނާއަށް އެއްގޮތަކަށް ވެސް ކުރެވޭ ވަރުގެ ކަމަކަށް ނުވެ އެވެ. އެއީ އޭނާގެ ހުރި މައްސަލައެއް ކަމަށް ވެސް އަބީޝެކް އެއްބަސްވި އެވެ.

އަބީޝެކް ބުނި ގޮތުގައި ގިނަ އެކްޓަރުން ގޮތަށް މީހުންގެ ތެރެއަށް ނުކުމެ އެންމެންނަށް ހަލޯ ބުނެ ވާހަކަ ދައްކަން ފަށަން އޭނާ ޖެހިލުންވެ އެވެ. އެފަދަ ކަންކަން ކުރާނެ ގޮތެއް ވެސް އޭނާއަކަށް ނޭނގެ އެވެ. އެހެންވެ އަބަދުވެސް ގާތް މީހުން އޭނާގެ ކައިރީގައި ތިބުމަށް އޭނާ އެދެ އެވެ. އެކަނި އެއްވެސް ތާކަށް ދާން ޖެހިއްޖެނަމަ އޭނާއަށް ވަރަށް އުނދަގޫވެ އެވެ.

"އަހަރެމެން މިތާ ވާހަކަ ދައްކަން ތިބެފައި ބޭރަށް ނުކުމެގެން ލޮބީގައި އެކަނި ހިނގާފައި ދާން ޖެހިއްޖެނަމަ އަހަންނަކަށް ނުކެރޭނެ ދާކަށް. އެއްވެސް ތަނަކަށް ގޮސް އެކަނި ވަންނާކަށް އަހަންނަކަށް ނުކެރޭނެ. އެހެންވެ އަހަރެން ކައިރީ ކޮންމެވެސް މީހަކު އަބަދުވެސް ހުންނަން ބޭނުންވޭ،" އަބީޝެކް ބުންޏެވެ.

އަބީޝެކް އިތުރަށް ކިޔައިދިން ގޮތުގައި އައުޓްޑޯ ޝޫޓިންގް ތަކަށް ގޮސް އުޅޭއިރު ވެސް އޭނާ އެކަނި ހޮޓެލްގެ ރޫމުގައި ހުރި ނަމަ ރޫމް ސާވިސް އަށް ގުޅައި ކާ އެއްޗެތި އޯޑަރު ކުރާކަށް ވެސް އޭނާއަކަށް ނުކެރެ އެވެ.

"އަހަރެންގެ އަންހެނުން އައިޝްވަރިޔާ އަށް އެނގޭނެ އަހަރެން އަމިއްލައަށް ކާ އެއްޗެތި އޯޑަރު ކުރަން ޖެހިއްޖެނަމަ ހުންނާނީ ނުކައިކަން. އެހެންވެ އޭނާ ރޫމް ސާވިސް އަށް ގުޅައިގެން އަހަރެންނަށް ކާ އެއްޗެތި އޯޑަރު ކޮށްދޭނީ،" އަބީޝެކް ބުންޏެވެ.