ސްރީލަންކާއަށް ދިމާވެފައި އޮތް އިގުތިސޯދީ ދަތި ހާލަތުން އަރައިގަތުމަށް ދުނިޔޭގެ މާލީ އިދާރާތަކާއެކު މަސައްކަތް ކުރަމުން ގެންދާ ކަމަށް ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާ ވިދާޅުވެއްޖެ އެވެ.
ބޮޑުވަޒީރު ވިދާޅުވި ގޮތުގައި ދެ އަތް އުރާލައިގެން ސަރުކާރެއް ނޯންނާނެ އެވެ. އާންމުން ސުލްހަވެރި ކަމާއެކު ސަރުކާރާއެކު ދެމިތިބުމަށް ބޮޑުވަޒީރު ވަނީ އެދިވަޑައިގެންފަ އެވެ.
ލަންކާއަށް ޖެހިފައި ހުރި އަސާސީ ބާވަތްތައް އާންމު ބޭނުންތަކަށް ފުދޭ ވަރަށް އެެހެން ގައުމުތަކުން އެތެރެ ކުރަން ބޭނުންވާ ވަރަށް ވެސް މާލިއްޔަތުގައި ފައިސާ ނެތް ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ. ހާލަތު ލަފާކުރާ މީހުން ލަންކާއަށް ދޭ ނަސޭހަތަކީ ބޭރު ގައުމުތަކަށް ބަރޯސާކުރާ މިންވަރު ދަށްކޮށް އަމިއްލަ އުފެއްދުންތައް އިތުރު ކުރުމެވެ.
މަހިންދަ ރާޖަޕަކްސާ ވިދާޅުވި ގޮތުގައި ގައުމު ވެއްޓިފައި އޮތް ވަޅުގަނޑުން ނަގައި ހާލަތު ރަނގަޅު ކުރަން އިދިކޮޅު ޕާޓިތަކަށް ދިން ފުރުސަތު އެމީހުން ވަނީ ބޮލާލައި ޖަހާފަ އެވެ. އޭނާ އަދި ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ސަރުކާރަށް އެއްބާރުލުން ދޭން ބޭނުން ނުވާ ކަމަށެވެ.
ބޮޑުވަޒީރު ވިދާޅުވި ގޮތުގައި މަގުތަކަށް ނުކުމެ މުޒާހަރާ ކުރުމަކީ ހާލަތު ރަނގަޅުވާނެ ކަމެއް ނޫނެވެ. އެއީ މާލީ ގޮތުން ގައުމު ކުރިމަތިލާން ޖެހޭ ބޮޑު ގެއްލުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ލަންކާގައި ހެޔޮ ހާލަތަށް ގޮވާލައި ސަރުކާރަށް ޕްރެޝަރު ކުރަން މަގުތަކަށް ނުކުންނަ މީހުންނާ ހެދި ބިރުގަންނަހާ ވެއެވެ. ސުލްހަވެރި އެއްވުމެއް ކަމަށް އިދިކޮޅުން ބުނި ނަމަވެސް އާންމުންގެ މުދަލަށް އަދި ގެދޮރަށް ގެއްލުން ލިބޭ ފަދަ އަލަލުތައް ދަނީ ހިންގަމުންނެވެ.
އިދިކޮޅުން މިހާރު ގޮވާލަނީ ރާޖަޕަކްސާ އާއިލާ ވެރިކަމުން ދުރުވުމަށެވެ. ރައީސް ގޮޓާބޭ ރާޖަޕަކްސާ އާއި ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާ ވެރިކަން ދޫކުރައްވައި ވަޑައިގަތުމަށް ވެސް މުޒާހަރާކުރާ މީހުން ގެންދަނީ ގޮވަމުންނެވެ.