ދަރިން ލިބި ކައިވެނިތައް ރޫޅުމުން އިތުރު ކައިވެންޏެއް ނުކޮށް ވަރަށް ގިނަ މީހުން އާދައިގެ ގޮތަކަށް އުޅެއެވެ. ކުރިން ކުރި ކައިވެނި ބޭނުންވި ގޮތަށް ކުރިއަށް ނުގެންދެވުމުން ހަޔާތަށް އެހެން މީހަކު ގެންނަން ފަސްޖެހޭ އެތައް ޒުވާނުންނެއް މުޖުތަމައު ތެރެއަށް އިތުރު ވަމުން ދެއެވެ.
ރާއްޖެއަކީ ވަރީގެ ނިސްބަތުން ބަލާ ނަމަ "ވަނަ" ލިބޭ ގައުމެކެވެ. ނޭނގި ތިބެ ކުރާ ވަރީގެ ސަބަބުން ފަހުން އޭގެ ހިތި ފެންނަމުން ވެސް ދެއެވެ. ވަރި ކުރި މީހާ ފަހަތުން ގޮސް އަލުން ކައިވެންޏައް އެދޭ މީހުން ގިނަވެ، ވިސްނާލަން އިތުރު ފުރުސަތަކަށް އެދެ އެވެ. ދެވަނަ ނޫނީ ތިންވަނަ ފަހަރަށް ވެސް އިނދެ، ނޫޅެވިގެން ވަރިކުރާ މީހުން ވެސް ވަރަށް ގިނަ އެވެ.
އިތުރު ކައިވެންޏެއް ކުރަން ގިނަ މީހުން ޖެހިލުން ވަނީ ކުރިން ރޫޅުނު ކައިވެނީގެ ސަބަބުންނާއި އެހެން މީހަކަށް އިތުބާރު ކުރަން ވިސްނަން ދުވަސް ނަގާތީ އެވެ. އަދި މުއްދަތުގައި ވެސް ދެކެން ބެނުންނުވާ އެތައް ކަމެއް ފެންނާތީ އެވެ. ލިބިފައި ތިބި ދަރިންނާމެދު ވިސްނާލައި އެކުދިން އެ ގޮތް ބޭނުން ނުވާނެތީ ނޫނީ އިންނަ މީހެއްގެ ސަބަބުން އެ ކުދިންނަށް ދެރަ ގޮތެއް މެދުވެރިވެދާނެތީ އާއި ކައިވެނި ކުރަން އުޅޭ މީހާގެ އާއިލާ ނުރުހުން ވެދާނެތީ، ކުރަން ބޭނުން ވެފައިވާ ކައިވެނިތައް ވެސް ނުކޮށް ތިބޭ މީހުން މަދެއް ނޫނެވެ.
އުމުރުގެ ތަފާތު ކަމުންނާއި ކުދިން ތިބުމާއި މާލީ ހާލަތު ތަން ނުދޭތީއޭ ބުނެ ވެސް އިންނަން ބޭނުންވެފައި ތިބޭ ދެމީހުން ދުރުވާތަން ފެނުމީ ވެސް އާންމު ކަމެކެވެ. ކައިވެނި ކޮށްފިނަމަ އާއިލައާއި އޮންނަ ގުޅުން ކަނޑާލަން ޖެހޭނޭ ބުނެ މޫނު ހަދައިން ތިބޭ މީހުން ބައެއް އާއިލާގެ ތެރޭގައި ގިނަ އެވެ. ނަމަވެސް ގިނަ ފަހަރަށް އާއިލާ މީހުންނަށް ވެސް ކުދިންނާއި އެކު ވަރިވުމަށްފަހު އެހީވެވޭނެ ގޮތެއް ނޯވެއެވެ.
ފުދިގެން އުޅޭ އާއިލާތަކަށް އެކަން މާބޮޑު ކަމަކަށް ނުވިޔަސް ފުދުންތެރިކަން ކުޑަ އާއިލަތަކުގެ މީހުންނަށް އެކަން ވަނީ ބުރަ ބޮޑު މައްސަލައަކަށެވެ. މިހާރު ޒުވާނުން މިހުންނާއި އިނދެ ވަރިވެފައި ތިބޭ މީހުންނާއި އިނުމަށް ދެކޮޅު ހަދަނީ ދަރިން ތިބީމަ އެވެ. ފެމިލީ ޤަބޫލެއް ނޫނޭ ބުނެ ބަހަނާ ދައްކައިރު ފެމިލީ މީހުން ލައްވާ އިންނާނެ ކުއްޖެއް ހޯދުމުން ކުރާ ކައިވެނިތައް ރޫޅެން ގިނަދުވަސްތަކެއް ނުނަގާކަން ކޯޓްތަކުގެ ވަރިފައިލްތަކުން އެނގެ އެވެ.
ބައެއް މިހުންދެކޭ ގޮތުގައި ވަރިކޮށްފައި ތިބެނީ ސުންޕާ އުޅެން ނޭނގޭ މީހުނެވެ. މި ބަސް އަންހެނުންނާއި ފިރިހެނުންނަށް ވެސް އަމާޒުވަމުން ދެއެވެ.