ރާއްޖެ ކުޅިވަރު

ބަންގާޅު ކެޓި މައްސަލަ ބަލަން ތިން މެމްބަރުންގެ ކޮމިޓީއެއް

އިންޑިޔާގައި މިހާރު ކުރިއަށްދާ ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަަތަމަ ބުރުން ބަނގްލަދޭޝް ކެޓި މައްސަލަ ބަލަން ތިން މެމްބަރުންގެ ކޮމިޓީއެއް ނަގައިފި އެވެ.

މި ތިން މެމްބަރުންގެ ކޮމިޓީގައި ހިމެނެނީ ކުރީގެ ކެޕްޓަނުން ކަމަށްވާ ޝައިހް މުހައްމަދު އަސްލަމާއި އިލްޔާސް ހުސައިން އާއި އަސްމޯލް ހައްގު ތަޕޯން އެވެ.

މި ތިން މެމްބަރުންގެ ކޮމިޓީގެ ނެތީ ބަނގްލަދޭޝް މުބާރާތުން ކެޓުމާ ގުޅިގެން އިއްޔެ ބޭއްވި ފުޓްބޯޅަ ފެޑަރޭޝަނުން ހިންގާ ކޮމިޓީގެ ބައްދަލުވުމުގަ އެވެ. ފަސްގަޑިއިރަށް ދެމިގެންދިޔަ މި މީޓިންގައި ވަނީ ގައުމީ ޓީމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމައިފަ އެވެ. މި ގޮތުން ޓީމުގެ މެނޭޖަރު އާމިރުލް އިސްލާމް ބާބޫ އާއި ކެޕްޓަން އިގްބާލް ހުސައިން މަގާމުން އިސްތިއުފާ ދިނުމަށް އެދެ މީހުންނަށް އަންގަން ވަނީ ނިންމައިފަ އެވެ. އަދި އަންނަ ޖެނުއަރީ މަހު ބަންގްލަދޭޝްގައި ފަށާ ބަންގް ބަންދު ފުޓްބޯޅަ މުބާރާތުގެ ކުރިން ޓީމުގެ ކުޅުންތެރިންނަށް ވެސް ބަދަލު ގެނެސް ޒުވާން ޓީމުތަކުން ކުޅުންތެރިން ސީނިއާ ޓީމަށް ނެގުމަށް ކޯޗިން ސްޓާފުންނަށް އަންގަން ވެސް ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން ތިން މެމްބަރުންގެ ކޮމިޓީން ސާފް ސުޒުކީ ކަޕް ދިރާސާކޮށް ރިޕޯޓެއް ތައްޔާރުކުރާނެ އެވެ.

ތަށި ހޯދަން އަމާޒުކޮށް މުބާރާތާ ކުރިމަތި ބަނގްލަދޭޝް މުބާރާތުން ކެޓީ ފުރަތަމަ މެޗުގައި އަފްގާނިސްތާން އަތުން 4-0އިން ބަލިވެ ދެ ވަނަ މެޗުގައި ރާއްޖެ އަތުން 3-1އިން ބަލިވުމުންނެވެ.

ބަނގްލަދޭޝްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ގާޒީ ސަލާހުއްދީން ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ޓީމަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށާއި މުބާރާތުގައި ޓީމު ނެރުނު ނަތީޖާތަކާމެދު ހިތްހަމްނުޖެހޭ ކަމަށެވެ. ނަމަވެސް އިއްޔެގެ ބައްދަލުވުމަށްފަހު އޭނާ މީޑިޔާއާ ރަސްމީކޮށް ވާހަކަ ނުދައްކަ އެވެ.

"އަހަރުމެންވާނީ ތިން މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލާފައި. މުބާރާތުން ކެޓި ސަބަބު ހޯދަން. ކަލޭމެންނަށް ފެންނާނެ ކުރިއަށް އޮތް ދުވަސްތަކުގައި ބޮޑެތި ބަދަލުތަކެއް. މިވަގުތު އޭގެ ތަފްސީލު ދެވޭކަށްނެތް. އެކަމަކު މިހާރު ބުނަން ކެރިދާނެ އަހަރުމެން ނަތީޖާއާ މެދު ހިތްހަމަނުޖެހޭ ވާހަކަ،" ސަލާހުއްދީންގެ ބަދަލުގައި ސީނިއާ ވައިސް ޕްރެޒިޑެންޓް އަބުދުއްސަލާމް މުރުޝަދީ މީޑިޔާއާ ވާހަކަ ދައްކަމުން ވިދާޅުވި އެވެ.