މަސްވެރިން

މަސްވެރިންގެ އިހްތިޖާޖާއެކު ކޫއްޑޫގެ އޮޕަރޭޝަން ހުއްޓުމަކަށް

Apr 12, 2022

މަސްވެރިންގެ ބަޔަކު ގއ. ކޫއްޑޫގައި އިހްތިޖާޖުކުރުމުން އެ ބަނދަރަށް މަސްކިރުން ވަގުތީގޮތުން މެދުކަނޑާލައިފި އެވެ.

ދެކުނުގެ މަސްވެރިން ކޫއްޑޫގެ ބަނދަރު ސަރަހައްދުގައި އިހްތިޖާޖުކުރަން ފަށާފައި މިވަނީ ދެކުނުގެ މަސްވެރިން ރަނގަޅުވެ މިފްކޯގެ ކެޕޭސިޓީ އަށް ވުރެ އިތުރަށް މަސް ގަންނަން ލިބުމާ ގުޅިގެން މިފްކޯ އަށް މަސް ގަންނަ އަދަދު ކޮންޓްރޯލް ކޮށްފައި ވަނިކޮށެވެ.

މިދިޔަ ހަފްތާ އިން ފެށިގެން މިފްކޯ އިން މަސް ގަންނަނީ ކޮންމެ ދޯންޏަކުން ފަސް ޓަނެވެ.

އިހްތިޖާޖުކުރަމުންދާ މަސްވެރިން ގެންދަނީ އެ މީހުން ބާނާފައި ހުރި ހުރިހާ މަހެއް މިފްކޯ އަށް ކިރުމަށް ގޮވާލައި އަޑުއުފުލަމުންނެވެ. އަދި އެގޮތަށް މިފްކޯ އިން އެއްބަސްނުވަނީސް މަސް ދޯނިތައް ކޫއްޑޫ ބަނދަރުން ނުނެރޭނެ ކަމަށްވެސް މަސްވެރިން ދަނީ ބުނަމުންނެވެ.

އިހްތިޖާޖުގައި 26 ދޯންޏެއްގެ މަސްވެރިން ބައިވެރިވާއިރު ފުލުހުން ގެންދަނީ މަސްވެރިންނާ ވާހަކަދައްކައިގެން ސުލްހަވެރިކަމާ އެކު މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންނެވެ.

ކަންބޮޑުވުންތައް އަޑުއެހުމަށް މިފްކޯގެ އިސްވެރިން މަސްވެރިންނާ ބައްދަލުނުކުރާތީ މިފްކޯގެ އިސްވެރިންގެ އިސްތިއުފާ އަށް ވެސް މަސްވެރިން ދަނީ ގޮވަމުންނެވެ. އަދި އެމީހުންގެ ކަންބޮޑުވުމަށް ހައްލު ނުލިބެނީސް އިހްތިޖާޖު ނުހުއްޓާނެ ކަމަށްވެސް މަސްވެރިން ވަނީ ފުލުހުންނަށް އަންގާފަ އެވެ.

މިފްކޯގެ އިސްވެރިޔަކު މިއަދު އަވަސް އަށް ވިދާޅުވީ މަސްވެރިންގެ ކަންބޮޑުވުންތައް އެ ކުންފުނިން ބަލައިގަނެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް ކުންފުނީގެ ކެޕޭސިޓީ އިތުރުކުރުމަކީ ކުއްލި އަކަށް ކުރެވޭ ވަރުގެ ކަމަކަށް ނުވާތީ މަސްވެރިން އެދުނު ނަމަވެސް މިވަގުތު ކެޕޭސިޓީ އަށް ވުރެ އިތުރަށް މަސް ގަނެވެން ނެތް ކަމަށްވެސް މިފްކޯ އިން ބުނެފައިވެ އެވެ.