މިފްކޯ

މަސް ގަންނަން ބޯޓަކާއި ރީފާ ކެރިއަރެއް ގެނެސްފި

މަސްވެރިން ބާނާ މަސް ތާޒާ ކަންމަތީ ގަނެ ފިނިކޮށް ރައްކާ ކުރުމަށް ދުވާލަކު 100 ޓަނުގެ މަސް ފިނި ކުރެވޭ އަދި 300 ޓަނުގެ މަސް ސްޓޯރު ކުރެވޭ ބޯޓަކާއި މަސް އެކްސްޕޯޓް ކުރުމަށް 2400 ޓަނުގެ ރީފާ ކެރިއަރެއް ރާއްޖެ ގެނެސްފި އެވެ.

ދެކުނުގެ މަސްވެރިން ރަނގަޅުވެ މިފްކޯގެ ކެޕޭސިޓީ އަށް ވުރެ އިތުރަށް މަސް ގަންނަން ލިބުމާ ގުޅިގެން މިފްކޯ އަށް މަސް ގަންނަ އަދަދު ވަނީ ކޮންޓްރޯލް ކޮށްފައެވެ. މިދިޔަ ހަފްތާ އިން ފެށިގެން މިފްކޯ އިން މަސް ގަންނަނީ ކޮންމެ ދޯންޏަކުން ފަސް ޓަނެވެ. އެކަމާއި ގުޅިގެން މަސްވެރިންގެ ޝަކުވާ ވަރަށް ބޮޑުވެ އިހުތިޖާޖުވެސް ދަނީ ކުރަމުންނެވެ.

ސަރުކާރާއި މިފްކޯ ގުޅިގެން އެ މައްސަލަ ހައްލު ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ސަރުކާރުން މިރޭ ބުނީ މަސްވެރީންނަށް މަސްކިރުވުމުގައި ދިމާވާ ދަތިތައް ހައްލު ކުރުމުގެ ގޮތުން މިފްކޯގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކޮށް މަސްވެރިން ބާނާ މަސް ތާޒާ ކަންމަތީ ގަނެ އަދި ފިނިކޮށް ރައްކާ ކުރުމަށް ދުވާލަކު 100 ޓަނުގެ މަސް ފިނި ކުރެވޭ އަދި 300 ޓަނުގެ މަސް ސްޓޯރު ކުރެވޭ ބޯޓެއް ރާއްޖެ ގެނެސްފައިވާ ކަމަށެވެ.

މީގެ އިތުރުން މަސް އެކްސްޕޯޓް ކުރުމަށް 2400 ޓަނުގެ ރީފާ ކެރިއަރެއް މިހާރު ގެނެސްފައިވާ ކަމަށެވެ.

މަސްގަަތުމުގައި ދިމާވާ މައްސަލައަށް ހައްލެއް ހޯދުމަށް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުުރުމުގެ ގޮތުން ފެލިވަރު ކޯލްޑް ސްޓޯރޭޖް 500 މެޓްރިކް ޓަނަށް ބަދަލުކޮށްފައިވާ ކަމަށާ އަދި މިހާރު ކުރިއަށްދާ މަސައްކަތް ނިމުމުން ކެޕޭސިޓީ 8 ގުނަ އިތުރުވާނެ ކަމަށެވެ. އެ ގޮތުން 4،000 މެޓްރިކް ޓަނަށް އާ ކޯލްޑް ސްޓޭރޭޖް ބަދަލުވާނެ އެވެ.

މީގެ އިތުރުން ކޫއްޑޫގައި މިހާރު ގާއިމުކޮށްފައިވަނީ 2000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ނަމަވެސް މިހާރު ކުރިއަށްދާ މަޝްރޫއު ނިމުމުން އިތުރު 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމު ކުރެވިގެންދާނެ ކަމަށެވެ. އަދި ކަނޑުއޮތްގިރީގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖް އަކާއި ގދ ތިނަދޫގައި 1،000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖް އެއް އަދި މ. މުލަކުގައި 500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް ގާއިމު ކުރެވޭނެ ކަމަށެވެ.

ސަރުކާރުން ބުނީ މަސްވެރިންނަށް ދިމާވެފައިވާ އައިސް ލިބުމުގެ މައްސަލައަށް ހައްލ ހޯދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައިސްޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ގޮތުން ރ. މަޑުއްވަރީ އާއި ކ. ގާފަރު ވަނީ އައިސްޕްލާންޓް ހަދާފައެވެ.

އަދި 15 ރަށެއްގައި އައިސްޕްލާންޓް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.