ފައްޔާޒް އިސްމާއީލް

އެމްޑީޕީގެ އިންތިހާބުތަކުގައި ޕީޕީއެމްގެ 20،000 މީހުން ވޯޓްލާ: ފައްޔާޒް

އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި އިދިކޮޅު ޕީޕީއެމަށް ނިސްބަތްވާ 20،000 މީހުން ވޯޓްލާ ކަމަށާ އެކަން އެގޮތަށް ހިނގައިގެން ނުވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް (ފައްޔަ) ވިދާޅުވެއްޖެ އެވެ. ފައްޔަ މިހެން ވިދާޅުވީ ތާއީދު ހޯއްދެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން އދ އަތޮޅުގެ އެމްޑީޕީގެ މެންބަރުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ބޭނުން ކުރަމުން ދަނީ އިލެކްޝަންސް ކޮމިޝަންގައި އޮތް ދަފްތަރު ނޫން ކަމަށެވެ. ކޮމިޝަންގެ ދަފްތަރުގައި ތިބި އަދަދަށް ވުރެ ދެ ގުނަ އިތުރަށް އެތެރޭގެ އިންތިހާބުތަކުގައި ވޯޓްލުމުގެ ހައްގު ލިބޭ ކަމަށް ވެސް ވިދާޅުވިއެވެ.

ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި 94،000 މީހުންނަށް ވޯޓްދޭން ފުރުސަތު ލިބޭއިރު އޭގެ ތެރޭގައި އިިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެންބަރުން ތިބި ކަމަށް ވިދާޅުވިއެވެ. އެމްޑީޕީގެ ރައީސް އިންތިހާބު ކުރުމަށް ބޭއްވޭ އެތެރޭގެ އިންތިހާބާއި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅަން ބޭއްވޭ އިންތިހާބު ފަދަ އިންތިހާބުތަކުގައި ޕީޕީއެމްގެ 20،000 މެންބަރުން ވޯޓްލާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އެކަން އެގޮތަށް ހިނގާތީ އެމްޑީޕީން ޓިކެޓް ދޭނެ ކެންޑިޑޭޓް ކަނޑައެޅުމުގެ ފުރުސަތު ޕީޕީއެމްގެ މެންބަރުންނަށް ލިބޭ ކަމަށާ އަދި އެންމެ ތާއީދު ބޮޑު ކެންޑިޑޭޓް ފެއިލް ކޮށްލުމުގެ ފުރުސަތު ވެސް އިދިކޮޅު މެންބަރުންތަކަކަށް ލިބޭ ކަމަށް ވިދާޅުވިއެވެ. އެކަން ބަދަލު ކުރަން ޖެހޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"މިހާރު އެނގިވަޑައިގަންނަވާތޯ އަޅުގަނޑުމެންގެ 94،000 މީހުން ތިބިއިރުގައި މި ޕާޓީގެ ރައީސް ކަނޑައަޅަން ނޫނީ މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅަން ނޫނީ މި ޕާޓީން ރައްޔިތުންގެ މަޖިލީހަށް ނިކުންނަ ކެންޑިޑޭޓް ކަނޑައަޅަން ޕީޕީއެމްގެ 20،000 މީހުންނަށް އެބަ ވޯޓް ލެވޭ. އެހެންވީމަ އެ މީހުންނަށް އެބަ ނިންމޭ އެ މީހުންނާ ވާދަ ކުރަން އަޅުގަނޑުމެންގެ ތެރެއިން ނިކުންނާނީ ކާކުކަން. އަޅުގަނޑުމެންގެ ތެރެއިން އެ މީހުންނާ ވާދަކޮށްލެވޭ މީހާ ނިކުތަ ނުދޭން އެ މީހުންގެ މީހުން އައިސް އަޅުގަނޑުމެންގެ ތެރޭން ދެން ހުންނަ މީހާއަށް ވޯޓް އަޅަނީ. އެހެންވީމަ އެ މީހުން [ޕީޕީއެމްގެ މެންބަރުން] ނޫންތޯ މި ޕާޓީ [އެމްޑީޕީ] ގައި ގޮތް ނިންމަނީ. އެހެންވީމަ އަޅުގަނޑު މި ހުށައަޅަނީ އެހެން ޕާޓީއެއްގެ ދަފްތަރުގައި އޮވެއްޖިއްޔާމު އަޅުގަނޑުމެން މީގެން ވަކި ކުރާނަމޭ،" ފައްޔާޒު ވިދާޅުވިއެވެ.

މިހާރު އެނގިވަޑައިގަންނަވާތޯ އަޅުގަނޑުމެންގެ 94،000 މީހުން ތިބިއިރުގައި މި ޕާޓީގެ ރައީސް ކަނޑައަޅަން ނޫނީ މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅަން ނޫނީ މި ޕާޓީން ރައްޔިތުންގެ މަޖިލީހަށް ނިކުންނަ ކެންޑިޑޭޓް ކަނޑައަޅަން ޕީޕީއެމްގެ 20،000 މީހުންނަށް އެބަ ވޯޓް ލެވޭ. އެހެންވީމަ އެ މީހުންނަށް އެބަ ނިންމޭ އެ މީހުންނާ ވާދަ ކުރަން އަޅުގަނޑުމެންގެ ތެރެއިން ނިކުންނާނީ ކާކުކަން. އަޅުގަނޑުމެންގެ ތެރެއިން އެ މީހުންނާ ވާދަކޮށްލެވޭ މީހާ ނިކުތަ ނުދޭން އެ މީހުންގެ މީހުން އައިސް އަޅުގަނޑުމެންގެ ތެރޭން ދެން ހުންނަ މީހާއަށް ވޯޓް އަޅަނީ. އެހެންވީމަ އެ މީހުން [ޕީޕީއެމްގެ މެންބަރުން] ނޫންތޯ މި ޕާޓީ [އެމްޑީޕީ] ގައި ގޮތް ނިންމަނީ. އެހެންވީމަ އަޅުގަނޑު މި ހުށައަޅަނީ އެހެން ޕާޓީއެއްގެ ދަފްތަރުގައި އޮވެއްޖިއްޔާމު އަޅުގަނޑުމެން މީގެން ވަކި ކުރާނަމޭ
ފައްޔާޒް އިސްމާއީލް | ޗެއާޕާސަން ކަމަށް ވާދަކުރައްވާ ކެންޑިޑޭޓް

ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ މެންބާޝިޕްގައި ތިބި އެހެން ޕާޓީތަކުގެ މެންބަރުން ސާފު ކުރެވި ޕާޓީގެ ދަފްތަރު ރަނގަޅަށް މެނޭޖް ކުރުމަކީ ޗެއާޕާސަންގެ މަގާމަށް އިންތިހާބު ވެވަޑައިގެންފިނަމަ ކުރައްވާނެ އެންމެ މުހިންމު މަސައްކަތް ކަމަށެވެ.

ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓްލުމުގެ ހައްގު 94،000 މީހުންނަށް ލިބިފައިވީނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ތިބި އެމްޑީޕީ މެންބަރުންގެ އަދަދަކީ 54782 އެވެ. ކޮންމެ އިންތިހާބަކާ ދިމާކޮށް ޕާޓީއަށް އެތައް ހާސް މެންބަރުންނެއް ވަންނައިރު އިންތިހާބު ނިމުމާއެކު އެ މެންބަރުން ޕާޓީން ވަކިވެގެން ދެއެވެ.