މިފްކޯ

ކޫއްޑޫގެ އޮޕަރޭޝަން ހުއްޓުވާފައި ވަނީ ފަސް ދޯންޏަކުން: މިފްކޯ

އުސޫލުގެ ބޭރުން މަސްކިރުމުގެ ކަންކަން ކުރިއަށް ގެންދަން ޑިމާންޑްކޮށް މަސްކިރުމުގެ އިންތިޒާމު ހުއްޓުމަކަށް ގެނެސްފައިވަނީ ފަސް ވަރަކަށް ދޯނިން ކަމަށް މިފްކޯ އިން މިރޭ ބުނެފި އެވެ.

މަސްވެރިންގެ ބަޔަކު ގއ. ކޫއްޑޫގައި އިހްތިޖާޖުކުރުމުން އެ ބަނދަރަށް މަސްކިރުން ވަގުތީ ގޮތުން މެދުކެނޑިފައިވާތާ އެތައް ގަޑިއިރެއްވެއްޖެ އެވެ. އެކަމާއި ގުޅިގެން ބައެއް މަސްވެރިން ގެންދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އަވަސްއާ މިރޭ ވާހަކަ ދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ ވިދާޅުވީ އެ ކުންފުނިން މިހާރު ކަނޑައަޅާފައިވާ ކޮންމެ ދޯންޏަކުން ފަސް ޓަނު މަސް ގަންނަ އުސޫލާ އެއްގޮތަށް އެތައް ދޯންޏެއް ކިއުގައި އެބައޮތް ކަމަށެވެ. ނަމަވެސް ކިއުގައި އޮތް ފަސް ދޯންޏަކުން މަސްކިރުން ހުއްޓުވާ އިހުތިޖާޖު ކުރަމުންދާ ކަމަށެވެ. އެކަމުގެ ސަބަބުން ފަސްޓަނު ބާނައިގެން ކިރަން އައިސް ތިބި ދޯނިތަކަށް ގެއްލުން ވަމުންދާ ކަމަށް ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ އުސޫލުގެ ބޭރުން މަސްކިރުމުގެ ކަންކަން ކުރިއަށް ގެންދަން ޑިމާންޑްކޮށް މަސްކިރުމުގެ އިންތިޒާމު ހުއްޓުމަކަށް ގެނެސްފައިވާ ކަމަށާ އެކަން ހުއްޓާލުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ދެކުނުގެ މަސްވެރިން ކޫއްޑޫގެ ބަނދަރު ސަރަހައްދުގައި އިހްތިޖާޖުކުރަން ފަށާފައި މިވަނީ ދެކުނުގެ މަސްވެރިން ރަނގަޅުވެ މިފްކޯގެ ކެޕޭސިޓީ އަށް ވުރެ އިތުރަށް މަސް ގަންނަން ލިބުމާ ގުޅިގެން މިފްކޯ އަށް މަސް ގަންނަ އަދަދު ކޮންޓްރޯލް ކޮށްފައި ވަނިކޮށެވެ.

މިދިޔަ ހަފްތާ އިން ފެށިގެން މިފްކޯ އިން މަސް ގަންނަނީ ކޮންމެ ދޯންޏަކުން ފަސް ޓަނެވެ.

އިހްތިޖާޖުކުރަމުންދާ މަސްވެރިން ގެންދަނީ އެ މީހުން ބާނާފައި ހުރި ހުރިހާ މަހެއް މިފްކޯ އަށް ކިރުމަށް ގޮވާލައި އަޑުއުފުލަމުންނެވެ. އަދި އެގޮތަށް މިފްކޯ އިން އެއްބަސްނުވަނީސް މަސް ދޯނިތައް ކޫއްޑޫ ބަނދަރުން ނުނެރޭނެ ކަމަށްވެސް މަސްވެރިން ދަނީ ބުނަމުންނެވެ.

އިހްތިޖާޖުގައި 26 ދޯންޏެއްގެ މަސްވެރިން ބައިވެރިވާ ކަމަށް އެ މީހުން ބުނެއެވެ.