ބޮލީވުޑް

އާލިއާ އާއި ރަންބީރުގެ ކައިވެނީގެ ތައްޔާރީތައް ފަށައިފި

ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ކައިވެނީގެ ވާހަކަތަކުން ސޯޝަލް މިޑިއާ ފުރި ބަންޑުންދާއިރު ވެސް އެމީހުން މި ވާހަކައަކީ ތެދެއް ކަމަށް އެއްބަހެއް ނުވެ އެވެ. ދެ ފަރާތުގެ އާއިލާއިން ވެސް ރަސްމީކޮށް މިކަމާ ގުޅޭ ގޮތުން އެއްވެސް ނުބުނެ އެވެ.

ފަހުގެ ރިޕޯޓުތައް ބުނާ ގޮތުގައި ކައިވެނީގެ ރަސްމިއްޔާތުތައް ފަށާނީ މާދަމާ އެވެ. އަދި ކައިވެނި އޮތީ ހުކުރު ދުވަހު އެވެ.
ކިތަންމެ ސިއްރުން ކުރަން އުޅޭ ކައިވެންޏަކަށް ވިޔަސް މިހާރު ބެލެވޭ ގޮތުގައި މި ކައިވެނީގެ ޚަބަރު ނޭނގޭ މީހަކު ނެތެވެ. ބޮލީވުޑް ފަންނާނުންގެ ތެރެއިން ސަންޖޭ ދަތާއި ސުބާޝް ގާއީ އަދި ފަރާ ޚާން ފަދަ މީހުން ސޯޝަލް މީޑިއާގައި ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ކައިވެނީގެ ވާހަކަތައް ދައްކާފައި ވެއެވެ. އަދި މި ކައިވެނި ކުރެވޭތީ އެމީހުން އެންމެން ވަރަށް އުފަލުން ތިބިކަމަށް ބުނެ ކައިވެނީގެ ތަހުނިޔާ އާލިއާ އާއި ރަންބީރަށް ފޮނުވާކަމަށް އެމީހުން ބުނެފައި ވެއެވެ.

މުމްބައިގެ ބާންޑްރާގައި ހުންނަ ރަންބީރުގެ އާއިލީގެ "ވާސްތޫ" މިހާރު ވަނީ ބޮކިފަތިލާ ޒީނަތްތެރިކޮށްފަ އެވެ. ކުލަ ބޮޑިތަކުން ޒީނަތްތެރި ކޮށްފައިވާ މި ގޭގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވުމުން ރަންބީރާއި އާލިއާގެ ފޭނުން ބުނެފައި ވަނީ ކިތަންމެ ސިއްރު ކުރަން އުޅުނަސް މިހާރު މި ކައިވެންޏަކީ ހަގީގަތެއްކަން އެމީހުންނަށް މުޅިން ޔަގީން ކަމަށެވެ.

ކައިވެނީގެ އިންތިޒާމްތައް ވާސްތޫގައި ކުރިޔަށް ދާއިރު އެއްވެސް ފޮޓޯއެއް ނެގިޔަ ނުދޭން ވެގެން ހުދުކުލައިގެ ބޮޑު ފަރުދާއެއް ގޭގެ ބޭރުން ދަމާލައިފި ކަމަށް ވެސް ބައެއް ޚަބަރުތައް ވަނީ ބުނެފަ އެވެ.

ނިއުދިއްލީގައި ދިރިއުޅޭ ރަންބީރުގެ ދައްތަ ރިދިމާ އިއްޔެ ވާސްތޫ އަށް ވަންނަނިކޮށް ފެނިފައި ވެއެވެ.

ކައިވެނީގެ އިންތިޒާމުތައް ފެށިފައި ވާއިރު ރަންބީރު އާއި އާލިއާގެ ފުރަތަމަ ފިލްމު "ބްރަހްމަޝްތުރާ" ރިލީޒް ކުރުމުގެ އިންތިޒާމްތައް ވެސް ވަނީ ފަށާފަ އެވެ. ރަންބީރު އާއި އާލިއާ ބައްދަލުވެ ލޯބީގެ ގުޅުން އުފެދުނީ މި ފިލްމުގެ ޝޫޓިންގް ފެށުމާއެކު ގައެވެ.

މި ފިލްމު އުފެއްދުމުގެ މަސައްކަތަށް ފަސް ވަރަކަށް އަހަރު ހޭދަވެފައިވެ އެވެ.