ލައިފްސްޓައިލް

ދެވަނަ އަންބަކަށް ހުއްދަ ދިނުން މައްސަލައެއް ނޫން!

އިންސާނުންނަކީ ހަސަދައިގެ ބައި ވަރަށް ބޮޑު ބައެކެވެ. ހާއްސަކޮށް އަންހެނުންގެ ކިބައިގައި ފިރިހެނުންނަށް ވުރެން ބޮޑަށް ހަސަދަވެރިކަން އަށަގަނެފައި ވެއެވެ. މީގެ އެއް ހެއްކަކީ ތިމާ އިނދެގެން އުޅޭ ފިރިމީހާ އިތުރު ކައިވެންޏެއް ކުރަން އެދުމުން އެކަމާ ނުރުހުން ފާޅު ކުރުމެވެ.

އާމްދަނީ ލިބޭ، ފޯރާ މީހުންގެ އަނބިން ވިސްނާލަން ޖެހޭ ކަމަކީ ތިމާގެ ފިރިމީހާ އިތުރު ކައިވެންޏެއް ކުރަން އެދުމުން އެކަމާ ދެކޮޅު ހެދުން ރަނގަޅު ނުވާނެ ކަމެވެ. އެއީ އިސްލާމް ދީނުގައި އެކަމަށް ބާރު އަޅާފައި ވާތީ އެވެ. ދީނީ އެއްވެސް ހަމައަކުން އެކަމަށް އިންކާރު ކުރުމެއް ނެތެވެ. ޔަގީންވާން ޖެހޭ ކަމަކީ އިތުރު މީހަކާއި އިދެގެން ދެ އަނބިންނަށް ހަރަދު ކުރެވޭނެ ގާބިލްކަން ފިރިމީހާގެ ކިބައިގާ ހުރިތޯ ބެލުމެވެ.

ފިރިހެން މީހާގެ ކިބައިގައި އެ ފުދުން ތެރިކަން ނެތް ނަމަ ދެ އަނބިން ގެންގުޅެން އުނދަގޫ ވާނެ އެވެ. އަދި އަމްދުން އެއްގެޔެއްގައި ދެ އަނބިން ގެނގުޅެވޭނީ، ދެ އަނބިންނަށް ލޯތްބާއި އޯގާތެރިކަން ހަމަހަމަޔަށް ދެވޭނެ ވަރަށް ވަރުގަދަ ފިރިއަކަށެވެ. މިގޮތަށް ކަންތައް ނުކުރެވޭނެނަމަ ރަނގަޅީ ދެ އަނބިން ދެ ގެއެއްގައި ގެންގުޅުމެވެ. ހަސަދައިން ކޮންމެސް އެއް އަންބަކު ސަލާމަތެއް ނުވާނެ އެވެ.

ފިރިމީހާގެ އެދުންތަކާއި އަމުރުތަކަށް ކިޔަމަންވުން އެއީ އަނބި މީހާގެ މައްޗަށް ވާޖިބުވާ ކަމެއްކަން ނޭނގިއެއް ނޯންނާނެ އެވެ. ދީނީ ގޮތުން އެނގެން ބޭނުންވާ އެތައް ކަމެއް މިހާރުގެ ގްރޭޑް 7 އިން ފެށިގެން މަތީ ގްރޭޑް ތަކުގައި ކިޔަވައި ދެއެވެ.

ކައިވެނި، ވަރި، އިއްދަ، ހުއްދަ އަދި ހުއްދަނޫން ކަންތައްތަކުގެ މައުލޫމާތު މިހާރު ލިބުން ފަސޭހަ އެވެ. ކުރިން މީހެއް ގާތުން އަހާލަން ނުކެރޭ އެތައް ސުވާލެއްގެ ޖަވާބު މިހާރު އެކި ވެބްސައިޓްތަކުން ލިބެ އެވެ. އެކި ޝެއިހުންގެ ތަފާތު ދަރުސްތައް ސްމާޓް ފޯންތަކުގެ ޒަރިއްޔާއިން ހޯދާލެވެއެވެ.

ކަންކަމާއި ހާސްވެ ކަންބޮޑު ވެގެން އަހަން ބެނުންވާ ސުވާލު އަހަން ނުކެރިފަ ހުންނާކަށްވެސް ނުޖެހެއެވެ. ފިރިމީހާ އިތުރު ކައިވެންޏަކަށް އެދުމުން، ދެ އަނބިން ގެންގުޅެވޭނެ ގާބިލްކަން ހުރި ކޮންމެ ފިރިހެނަކަށް ހުއްދަދޭންވާނެ އެވެ. ނަމަވެސް އެންމެ އަންބެއް ވެސް ރަނގަޅަށް ނުގެންގުޅެވޭ އިތުރު ކައިވެނިތައް ކުރުން ބުއްދިވެރިއެއް ނޫނެވެ.