ތިމާވެށި

ލ. އަތޮޅުގެ ތިން ސަރަހައްދެއް ހިމާޔަތްކޮށްފި

Apr 13, 2022

ލ. އަތޮޅުގެ ތިން ސަރަހައްދެއް ހިމާޔަތް ކޮށްފި އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ހިމާޔަތްކޮށްފައިވާ ތިން ސަރަހައްދަކީ ލ. ހިތަދޫ ކަނޑު ސަރަހައްދާއި، ލ. ގާދޫ ވެލާ އަރާ ސަރަހައްދާއި ޗަސްބިމާއި ވަށައިގެންވާ ފަރާއި ފަޅު އަދި މޫދުވިނަ ސަރަހައްދުގެ އިތުރުން އެ އަތޮޅު ބޮޑުފިނޮޅާއި ވަޑިނޮޅު ކަނޑުއޮޅި ސަރަހައްދެވެ.

ލ. އަތޮޅުން ހިމާޔަތް ކުރި މި ތިން ސަރަހައްދާއެކު ޖުމްލަ ހަ ސަރަހައްދެއް މިހާރު ވަނީ އެ އަތޮޅުގައި ހިމާޔަތް ކޮށްފަ އެވެ.

ގާދޫ ވެލާ އަރާ ސަރަހައްދު ހިމާޔަތްކޮށްފައި ވަނީ އެއީ މޫދު ވިނައިން މުއްސަނދިވެފައިވާ އަދި ކަހަނބާއި ވެލާ ބިސްއަޅައި ވިހާ އާލާވާ ކަމަށް ފާހަގަ ކުރެވޭ ސަރަހައްދަކަށް ވާތީ އެވެ. ގާދޫ ވަށައިގެންވާ ފަރާއި ފަޅަކީ ވެލާއި ކަހަނބާ އަދި އެ ސަރަހައްދުގައި ދިރިއުޅޭ 91 ބާވަތެއްގެ ދިރުންތަކަށް ބޭނުންވާ ކާނާއާއި އަދި ވިހައި އާލާވުމަށް ހާއްސަ ސަރަހައްދެކެވެ. މީގެ އިތުރުން ގާދޫގެ އިރުމަތީގައިވާ ޗަސްބިން ސަރަހައްދުގެ މީރު ފެންކުޅި އަކީ ރަށުގެ ފެން ފަށަލަ ތާޒާކޮށްދިނުމާއެކު މޫސުމީ ދިރުންތައް ދަމަހައްޓައިދޭ ސަރަހައްދެކެވެ.

ގާދޫ ހިތަދޫ ކަނޑު ސަރަހައްދަކީ ދިރޭތަކެތީގެ ނަސްލުތަކުން މުއްސަނދި ފަރުމަހުގެ ބާވަތްތައް ބިސް ދޫކޮށް ވިހާ އާލާވާ ކަމަށް ރިކޯޑް ކޮށްފައިވާ ސަރަހައްދެކެވެ. ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ ކަހަނބާއި ވެލާ އަދި އެންމަޑިއާއި ފަރުމަހުގެ ބާވަތްތަކުގެ އިތުރުން މަޑި އާއި ތަފާތު ބާވަތްތަކުގެ މިޔަރު ވެސް ގާދޫ ހިތަދޫ ކަނޑު ސަރަހައްދުން ފެނެ އެވެ.

ބޮޑު ފިނޮޅު އަދި ވަޑިނޮޅު ކަނޑުއޮޅި ސަރަހައްދަކީ ފަރުމަހުގެ ބާވަތްތައް ވިހާ އާލާވުމަށް ބޭނުންކުރާ ސަރަހައްދެކެވެ. ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދިރުންތަކުގެ ތެރެއިން އެންމަޑި، ކަހަނބު، ވެލާ އަދި އެކި ބާވަތްތަކުގެ މިޔަރު މި ސަރަހައްދުން ފެނެ އެވެ. އަދި ބޮޑު ފިނޮޅަކީ އައިންމަތީ ދޫނި ނިދުމަށާއި ވިހާ އާލާވުމަށް ބޭނުންކުރާ ސަރަހައްދެކެވެ.