އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން، ތަފާތުކުރުމެއްނެތި ހުރިހާ ކިޔަވާ ކުދިންނަށް ތައުލީމާއި ތަމްރީން ލިބި ގަތުމަށް ފަސޭހަގޮތް ތަކެއް ހޯދުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މީގެ އިތުރުން ދަރިވަރުންގެ ސިއްހަތު ބެލުމަކީ ވެސް މި ސިޔާސަތުގެ ތެރެއިން އަންނަ މަސައްކަތެއްކަމަށް އެޑިއުކޭޝަން މިނިސްޓްރު ވަނީ ވިދާޅުވެފައެވެ. އެގޮތުން މިދިޔަ އަހަރު ފެބްރުއަރީ މަހުގައި ހެލްތާއި އެޑިއުކޭޝަން މިނިސްޓްރީ އަދި ޑިފެންސް މިނިސްޓްރީ އިން ވަނީ ގްރޭޑު އެކަކަށް އަލަށް ވަންނަ ދަރިވަރުންގެ ސިއްހަތު ބެލުމަށް ހެލްތް ސްކްރީނިން ރިޕޯޓެއް ހެދުމަށް ނިންމާ އެއްބަސް ވުމެއްގައި ސޮއިކުރި އެވެ. މިމަސައްކަތް ހަވާލު ކުރެވުނީ އެމްއެންޑީއެފްގެ ހޮސްޕިޓަލެއް ކަމަށްވާ ސެނަހިޔާއާ އެވެ.
އެޑިއުކޭޝަން މިނިސްޓްރީ އަބަދުވެސް ހަދަމުން އަންނަ އެއް މަސައްކަތެއް ކަމަށްވާ ހެލްތް ސްކްރީން ރިޕޯޓު ހެދުމުގެ މަސައްކަތް މީގެ ކުރިން ކުރަމުން އައީ އެކި މުއައްސަސާތަކައި ހަވާލުކޮށްގެނެވެ. ނަމަވެސް އެކަމުގައި ގިނަ މުއައްސަސާތައް ހިމެނޭތީ ތަފާތު ހިސާބުތައް ދެނެގަތުމަށާއި ޑޭޓާ ބަލަހައްޓަން އުންދަގޫތަކެއް ހުރުމުގެ ސަބަބުން އެ މަސައްކަތް ވަނީ ސިފައިނަށް ދޫކޮށްލައިފަ އެވެ.
މާލޭ ސްކޫލު ދަރިވަރުންގެ ހެލްތް ރިޕޯޓުގެ ނަތީޖާ
އެމްއެންޑީއެފް އިން މިދިޔަ އަހަރު ފެބުރުއަރީ މަހުން އޭޕްރިލް މަހަށް މާލޭގެ 17 ސްކޫލުގެ ތެރެއިން 16 ސްކޫލެއްގެ ހެލްތް ސްކީންނިން ކުރިޔަށް ގެންގޮސްފައިވެ އެވެ. އެސްކޫލުތަކުން 87.2 ޕަސަންޓު ދަރިވަރުން ވަނީ ހެލްތް ސްކްރީނިންގައި ބައިވެރިވެފައެވެ. އެގޮތުން މާލޭގެ 2145 ކުދިންގެ ހެލްތް ސްކްރީން ރިޕޯޓު ތައްޔާރު ކުރެވުނު އިރު މައިގަނޑުގޮތެއްގައި ބަލައިފާ ވަނީ އެ ކުދިންގެ ޖެނަރަލް ހެލްތްއާއި ޑިވެލޮޕިން ހެލްތްގެ އިތުރުން ބައެއް ހާއްސަ ބަލިތަކަށެވެ.
މިގޮތުން ކުރެވުނު މަސައްކަތުގެ ތެރެއިން ހަ އަހަރާއި ހަތް އަހަރުގެ ކުދިންގެ ތެރެއިން މާލޭ ސްކޫލުތަކުން 38 ޕަސެންޓް ދަރިވަރުންގެ ބަރުދަން ހުންނަންވާ ވަރަށްވުރެ ބަރުދަން ލުއި ކަމަށް ރިޕޯޓުން ދައްކަ އެވެ. އަދި ހުރިހާ ސްކޫލުތަކަށް ބަލާ އިރު މައިގަނޑުގޮތެއްގައި އެންމެ ބަރުކަމަށް ދައްކަނީ ފިރިހެން ކުދިންނެވެ.
މީގެއިތުރުން މާލެ ސުކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން 17.5 ޕަސަންޓު ކުދިންގެ ލޮލުގެ މައްސަލަ ހުންނަ ކަމަށް ރިޕޯޓުތަކުން އެންގިފައެވެ. އޭގެތެރެއިން 151 ކުދިންނަކީ އަލަށް ލޮލުގެ މައްސަލަ ހުންނަކަން އެނގި އައިނު އަޅަން ޖެހުނު ކުދިންނެވެ.
އަދި ސްކޫލުތަކުން 26 ޕަސަންޓު ކުދިން ދަތުގެ މައްސަލަ ހުރެއެވެ. މީގެތެރެއިން 251 ކުދިންނަކީ ދަތްފަނި ކައިގެން ޑޮކްޓަރެއްގެ އެހީ ބޭނުންވާ ކުދިން ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
"ދަރިވަރުންގެ ހެލްތް ސްކްރީނިން ރިޕޯޓު ހެދުމަށް ފަހު ވާނީ މާލެއިން 892 ދަރިވަރުންގެ ސިއްހަތާ ބެހޭ ކޭސްތަކުގައި ޑޮކްޓަރުގެ ލަފާ ހޯދަން އަންގާފަ. މީގެން ވެސް ގިނައީ ދަތުގެ މައްސަލަތަކާއި ލޮލުގެ މައްސަލަތައް،" މިމަސައްކަތާއި ހަވާލުވެ ހުންނެވި ލެފްޓިނަލް ކާނަލް ޑރ. އަލީ ޝާހިދު ވިދާޅުވި އެވެ.
އެމްއެންޑީއެފް އިން ބުނިގޮތުގައި މާލޭގެ ހެލްތް ސްކީނިން ރިޕޯޓުގެ ނަތީޖާއަށް ބަލައި އިރު ކަނބޮޑުވާ ވަރުގެ މައްސަލަތަކެއް ފެނިފައި ނުވީ ނަމަވެސް ބެލެނިވެރިންނަށް ދަރިންގެ ސިއްހަތާ ބެހޭ މައުލޫމާތު އެކަށީގެންވާ ވަރަށް އެންގިފައި ނުވާކަން ހާމަވާ ކަަމަށެވެ.
އަތޮޅުތެރޭ ސްކޫލް ދަރިވަރުންގެ ހެލްތް ރިޕޯޓުގެ ނަތީޖާ
ރާއްޖޭގެ އަތޮޅުތަކުގެ ސްކޫލުތަކަށް ބަލައިއިރު މި ހެލްތް ސްކްރީނިން ރިޕޯޓު ގައި 2889 ދަރިވަރުން ބައިވެރިވި އެވެ. އެގޮތުން ބެލިބެލުމުން އަތޮޅުތެރެއިން އެންމެ ގިނައިން ފެނުނީ ވެސް ހަމަ މާލެ އެކޭ އެއްފަދައިން ލޮލާއި ދަތްޕިލާގެ މައްސަލަތަކެވެ.
އެގޮތުން 218 ކުދިންގެ ލޮލުގެ މައްސަލަ ހުންނަ ކަމަށް ރިޕޯޓުން ދައްކަ އެވެ. އަދި 758 ދަރިވަރުންގެ ކަންފަތުގެ މައްސަލަތައް ހުންނަ އިރު 513 ކުދިންގެ ކަންފަތުގައި ހުންނަން ވާވަރަށް ވުރެއް ގިނައިން މަޑު ހުރިކަން ވެސް ވަނީ ރިޕޯޓުތަކުން ހާމަވެފަ އެވެ. މީގެ އިތުރުން އަޑުއެހުމުގެ މައްސަލާގެ 40 ކޭސް ރިޕޯޓުކޮށްފައިވާ އިރު 23 ކުދިންނަކީ އައްޑޫ ސްކޫލުތަކުގެ ދަރިވަރުންނެވެ. ހަމައެއާއެކު 641 ދަރިވަރުންގެ ދަތްފަނި ކައިފާ ހުރި ކަމަށް ރިޕޯޓުން ދައްކާއިރު އޭގެން ގިނައީ ހދ އަތޮޅުގެ ކުދިންނެވެ. އަދި 190 ދަރިވަރުންގެ ހަމުގެ މައްސަލަ ހުންނަ ކަމަށް ވެސް ރިޕޯޓުން ދައްކައެވެ.
އެމްއެންޑީއެފް އިން ހުރިހާ ސްކޫލެއްގައި ހެލްތް ސްކްރީނިން ހެދުމަށް ފަހު އެ ރިޕޯޓު އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ޝާހިދު ވިދާޅުވީ ހެލްތް ސްކީނިން ރިޕޯޓަށް ފަހު ދަރިވަރުންގެ ހުންނަ މަސައްލަތަކަށް ބިނާކޮށް އަވަސް ފިޔަވަޅުތައް އަޅައި އެ ކުދިންގެ ސިއްހަތައް ބަލައި ކިޔެވުމަށް ފަސޭހަ ވޭނެ ގޮތަކަށް ހަމަޖައްސާދިނުން މުހިންމު ކަމަށެވެ. އަދި މިކަމަށް ބެލެނިވެރިންނާއި ޓީޗަރުންވެސް ހޭލުންތެރި ކުރުވުމުގެ މުހިންމުކަން ޝާހިދު ފާހަގަ ކުރި އެވެ.