ތިމާވެށި

ކުނިން ނަފާ ހޯދުމަށް މީހުން ބިނާކުރަން ޕްރޮގްރާމެއް އިފްތިތާހްކޮށްފި

Apr 13, 2022

ކުންޏަކީ ނަފާ ލިބޭ ވަސީލަތެއްގެ ގޮތުގައި ހެދުމަށްޓަކައި އެ މަސައްކަތް ރާވައި ހިންގާނެ ފަންނީ މީހުން އުފެއްދުމުގެ ޕްރޮގްރާމް މިއަދު އިފްތިތާހްކޮށްފި އެވެ.

ހޮޓެލް ޖެންގައި މިކަމަށް ހާއްސަކޮށްގެން މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ "ކޮމްޕިޓެންސީ ސްޓޭންޑާޑް ފޯ ވޭސްޓް ޓު ވެލްތް"ގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރު ޝައުނާ ވިދާޅުވީ މިއަދު ފެށި ޕްރޮގްރާމުގެ ސަބަބުން ދެމެހެއްޓެނިވި ގޮތުގައި ކުނި މެނޭޖުކުރުމުގެ ދާއިރާގައި ޒުވާނުން ޝައުގުވެރިވާ ފަދަ ވަޒީފާގެ އިތުރު ފުރުސަތުތައް ފަހިވެ، އުކާލެވޭ ތަކެތިން ނަފާ ހޯދުމުގެ ވިސްނުން އަށަގެންފައިވާ އަދި ތިމާވެއްޓަށް ލޯބިކުރާ މުޖުތަމައެއް ބިނާވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"މިއަދަކީ ދެމެހެއްޓެނިވި ގޮތުގައި ކުންޏާއި ވަސީލަތްތައް މެނޭޖްކޮށް އިސްރާފު ކުޑަކޮށް އުކާލެވޭ ތަކެތިން ނަފާ ހޯދުމަށް ކުރެވެމުންދާ މަސައްކަތުގައި އެޅޭ ވަރަށް ބޭނުންތެރި ފިޔަވަޅެއް އެޅިގެންދާ ދުވަހެއް،" ޝައުނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުނީގެ މައްސަލަ ހައްލުކުރެވޭނީ ހަމައެކަނި އެކަމަށް ހާއްސަކޮށްގެން މެޝިން ތަކެއް ގާއިމުކޮށްގެން ނޫން ކަމަށެވެ. ވެމްކޯ އަދި ސަރުކާރުގެ ކަމާ ގުޅޭ އިދާރާތައް ގުޅިގެން މަސައްކަތްކޮށްފިނަމަ ކުނީގެ މައްސަލަ ހައްލުކުރެވޭނެ ކަމަށާއި އަދި ރޭވިގެން މަސައްކަތް ކުރެވިއްޖެނަމަ ކުނީގެ މައްސަލަ އަކީ ކާމިޔާބު ކުރެވޭނެ މައްސަލައެއް ކަމުގައިވެސް ވިދާޅުވި އެވެ.

"އެއީ ގޭބިސީއާ ހިސާބުން ފެށޭ ކަމެއް. ގޭގައި އުފެދޭ ކުނި ބައިކޮށްގެން ނެރި، ކައުންސިލްތަކުން ނުވަތަ ވެމްކޯއިން އެ ކުނި ގަވާއިދުން ގެބިސީތަކުން ކަލެކްޓްކޮށްގެން ކުނި ރައްކާތެރި ގޮތުގައި މެނޭޖުކުރުމަށް ހުނަރުވެރި ދިވެހިން އުފައްދާންޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ޝައުނާ ވިދާޅުވީ މިސަރުކާރުގެ އެންމެ މުހިއްމު އެއް އަމާޒަކީ ޒަމާނުއްސުރެ ކުންޏާ މެދު ދެކެމުން އައި ގޮތް ބަދަލުކުރުން ކަމަށެވެ. އެގޮތުން ކުންޏަކީ އާމްދަނީ ލިބޭ ވަސީލަތަކަށް ހެދުމަކީ މިސަރުކާރުގެ އެންމެ މުހިއްމު ސިޔާސަތު ކަމުގައި ވިދާޅުވި އެވެ.

މީގެ 50 އަހަރު ކުރިއާ އަޅާ ބަލާއިރު ދިވެހިންގެ ދިރިއުޅުމަށް އައި ބޮޑެތި ބަދަލުތަކާ އެކު ކުނީގެ މައްސަލަ އަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ތިމާވެށީގެ މައްސަލަ ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެއީ ރާއްޖެއިން ކޮންމެހެން ހައްލު ހޯދަންޖެހޭ މައްސަލައެއް ކަމުގައި ފާހަގަކުރެއްވި އެވެ.

"މިއީ އެންމެ ދުވަހަކުން ވީކަމެއްވެސް ނޫން. އެތައް ޒަމާންތަކެއް ވަންދެން ކުންޏާމެދު އަމަލުކުރަމުން އައީ ހަމައެއް ލަމައެއް ނެތި. ކުނި މެނޭޖްކުރުމުގެ ބަދަލުގައި ކުނި އައީ އުކާލަމުން، އަންދަމުން،" ކުނީގެ މައްސަލަ ގޯސްވެގެން ދިޔަ ސަބަބުތައް ހިއްސާކުރައްވަމުން ވިދާޅުވި އެވެ.

ކުންޏަކީ ނަފާ ލިބޭ ވަސީލަތެއްގެ ގޮތުގައި ހެދުމަށްޓަކައި ފަންނީ މީހުން އުފެއްދުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްގެ މިންގަނޑު އެކަމަށް ބޭނުންވާ ވަސީލަތްތައް ހިމެނޭ ތަމްރީން ޕެކޭޖު އެކުލަވާލާފައިވަނީ ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު އެވެ.