ފްރާންސްގައި މިހާރު ކުރިއަށްދާ ރިޔާސީ އިންތިޚާބުގައި ނޭޝަނަލް ރެލީ ޕާޓީން ވާދަ ކުރައްވާ މާރިން ލުޕެން ކްރައިމިއާއާ ބެހޭ ގޮތުން 2017 ގައި ވިދާޅުވި ވިދާޅުވުން އަނެއްކާވެސް ތަކުރާރު ކުރައްވައިފި އެވެ.
އެކަމަނާ ވިދާޅުވީ ކްރައިމިއާއަކީ ރަޝިއާގެ ބައެއް ކަމަށް ވިދާޅުވީ ލިބިވަޑައިގެންފައި ހުރި މައުލޫމާތުގެ ކުށަކުން ނޫން ކަމަށާއި އެއީ އެކަން އޮތް ގޮތް ކަމަށެވެ.
ޔުކްރޭންގެ ބައެއް ގޮތުގައި ކްރައިމިއާ 26 އަހަރު އޮވެފައި، އާންމު އިންތިހާބަކުން -- ރައްޔިތުންގެ ވޯޓަކުން ރަޝިއާގެ ބެލެނިވެރިކަމުގެ ދަށަށް ދާން ފާސް ވުމުން ކްރައިމިއާ އެއޮތީ ރަޝިއާގެ އަވަށަކަށް ވެފައި ކަމަށް މާރީން ލުޕެން 2017 ގައި ވަނީ ވިދާޅުވެފަ އެވެ.
ފްރާންސްގެ ނޭޝަނަލް ބީއެފްއެމް ޓީވިއަށް ދެއްވި އިންޓަވިއުއެއްގައި ލުޕެން ވިދާޅުވީ ރަޝިއާ ސިފައިން 2014 ގައި ކްރައިމިއާއަށް އަރައިގަތުން ކުށްވެރި ނުކުރައްވާ ކަމަށާއި ތަކުރާރުކޮށް އެހެން ވިދާޅުވާން ވެސް ޖެހިލުންވެ ވަޑައި ނުގަންނަވާ ކަމަށެވެ.
ދެހާސް ސަތާރައިގައި ގައި ފްރާންސްގައި އޮތް ރިޔާސީ އިންތިހާބުގައި އިމަނުއެލް މެކްރޮންއާ ވާދަ ކުރައްވައި ކެމްޕޭންގައި މާރިން ލުޕެން ދެއްކެވި ވާހަކާގައި ކްރައިމިއާއާ ބެހޭ ގޮތުން ފެނިވަޑައިގަންނަވާ ގޮތް ވިދާޅުވުމާ ގުޅިގެން ޔުކްރޭނުން ވަނީ އެ ގައުމަށް އެ ކަމަނާ ވަޑައިގަތުން މަނާ ކޮށްފަ އެވެ.
ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ދެވަނަ ދައުރަކަށް މިއަހަރު ވާދަ ކުރައްވާއިރު އެންމެ ބޮޑު ޕްރެޝަރެއް ޖެހިވަޑައިގެންފައި ވަނީ ވެސް މާރިން ލުޕެންއާ ހެދި އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު އޭޕްރީލް 10 ގައި ވަނީ ނިމިފަ އެވެ. އެންމެ ގިނަ ވޯޓާއެކު އެއްވަނާގައި އޮތީ މެކްރޮން އެވެ. މާރީން ލުޕެން އަށް ލިބިވަޑައިގަތީ ދެވަނަ އެވެ.
އެއްވެސް ކެންޑިޑޭޓަކަށް ފުރަތަމަ ބުރުގައި އަޣުލަބިއްޔަތު ލިބިފައި ނުވާތީ އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ދެ ކެންޑިޑޭޓުން ދެވަނަ ބުރުގައި، އޭޕްރީލް 24 ގައި އަނެއްކާ ވެސް ވާދަ ކުރައްވާނެ އެވެ. ރައީސަކަށް ހޮވޭނީ ދެވަނަ ބުރުގެ އަޣުލަބިއްޔަތު ލިބިވަޑައިގަންނަވާ ކެންޑިޑޭޓަކަށެވެ.
ކްރައިމިއާއާ ބެހޭ ގޮތުން މާރިން ލުޕެން ދެކެވަޑައިގަންނާ ގޮތުގެ ސަބަބުން ޔުކްރޭނަށް ވަޑައިގަތުން އެ ކަމަނާއަށް މަނާކޮށްފައި އޮންތާ ފަސްއަހަރު ވަނީ އެވެ. އެކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން ވިދާޅުވީ ޔުކްރޭނަށް ވަޑައިގަތުމަށް މިވަގުތު ބޭނުން ޖެހިފައި ނުވާ ކަމަށާއި ފްރާންސްގެ ރައީސްކަން ލިބިވަޑައިގެންފި ނަމަ ޔުކްރޭނަށް ޖެހޭނީ އެ ބަންދު އުވާލަން ކަމަށެވެ.
މާރިން ލުޕެން ވިދާޅުވި ގޮތުގައި ފްރާންސްގެ ރައީސްކަން ލިބިވަޑައިގެންފި ނަމަ ނޭޓޯގެ އަސްކަރީ ޔުނިޓުން ވަކިވާނެ އެވެ. އަދި ޔޫރަޕްގެ އިއްތިހާދުން ފްރާންސް ވަކި ކުރަން މަސައްކަތް ކުރައްވާނެ އެވެ.