'ދަ ކަޕިލް ޝަރުމާ ޝޯ'ގެ އެންމެ ފަހުން ދެއްކި އެޕިސޯޑުގައި ބައިވެރިވެފައި ވަނީ ވަރަށް އަވަހަށް ސޮނީ ޓީވީން ފަށަން ހަމަޖެހިފައިވާ ސިގިން ރިއަލިޓީ ޝޯ "ސުޕަސްޓާ ސިންގާ – ސީޒަން 2" ގެ ޖަޖުންނާއި ކެޕްޓަން އަދި ބައެއް ބައިވެރިންނެވެ.
މި ޝޯގެ ޖަޖުންނަކީ ހިމޭޝް ރޭޝަމްޔާ އާއި އަލްކާ ޔަގްނިކް އަދި ޖާވީދު އަލީ އެވެ. ކެޕްޓަނުންގެ ތެރޭގައި އިންޑީއަން އައިޑަލްގެ އެންމެ ފަހު ސީޒަނުން މަޝްހޫރުވި ޕަވަންދީޕް ރާޖަން އާއި އަރުނީތާ ކާންޖީލާލް، ސާއިލީ ކަމްބްލީ، މުހައްމަދު ދާނިޝް އަދި ސަލްމާން އަލީ ހިމެނެ އެވެ. ޝޯގެ ހޯސްޓަކީ އަދިތުޔާ ނާރަޔަން އެވެ.
މިހާތަނަށް ކައިވެނިގެ ކިތައް ޕްރޮޕޯސަލް ލިބިއްޖެތޯ އަރުނީތާ ކުރެން ކަޕިލް ސުވާލު ކުރެ އެވެ. ޖަވާބުގައި އަރުނިތާ ބުނީ އެންމެ ޕްރޮޕޯސަލް އެއް ވެސް ނުލިބޭ ކަމަށެވެ. އެހެން ބުނުމާއެކު ބައި ގަޑިއިރު ޕަވަންދީޕް ކައިރީގައި އަރުނީތާ އަށް ޕްރޮޕޯސް ކުރަން ކަޕިލް ބުނެ އެވެ. ކަޕިލް މިހެން ބުނުމާއެކު އެންމެންތައް ބާރަށް ހީނގަތެވެ.
އަރުނީތާ އާއި ޕަވަންދީޕް އަޅުވާ ކިޔަސް އެމީހުން ހަގީގަތުގައި ވެސް ރައްޓެހި ވެގެން އުޅޭ ކަމަކަށް އެމީހުން އެއްބަހެއް ނުވެ އެވެ. ނަމަވެސް މިދިޔަ އަހަރު ނިމެން ކައިރިވެފައި ވަނިކޮށް އޮތް ޕަވަންދީޕްގެ އަންހެންކޮއްކޮގެ ކައިވެނީގެ ރަސްމިއްޔާތުތަކަށް އަރުނީތާ އެ ގެޔަށް ގޮސް އެ އާއިލާގެ އެންމެންނާ ގުޅިގެން އުޅެނިކޮށް ފެނިފައި ވެއެވެ. އަދި މިއީ އަރުނީތާ އާއި ޕަވަންދީޕްގެ ގުޅުމަށް އެ އާއިލާގެ ރުހުން ލިބިފައިވާ ކަމުގެ ހެއްކެއް ކަމަށް ބައެއް މީހުން ބުނެ އެވެ.