މޯލްޑިވިއަން

އީދުގައި މޯލްޑިވިއަންގެ ފްލައިޓެއް މެލޭޝިއާއަށް

Apr 14, 2022

ގައުމީ އެއާލައިން -- މޯލްޑިވިއަން އިން މެލޭޝިއާއަށް ފްލައިޓެއް ބާއްވަން ނިންމައިފި އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން މޯލްޑިވިއަން ހިންގާ ކުންފުނި -- އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) ގެ ޑެޕިއުޓ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ވިދާޅުވީ މެލޭޝިއާ އަށް ކުރާ ދަތުރަކީ އީދު ބަންދާ ދިމާކޮށް ބާއްވާ ދަތުރެއް ކަމަށެވެ.

ހާއްސަ ދަތުރުގައި މާލެއިން މެލޭޝިއާ އަށް މޯލްޑިވިއަން ދަތުރުކުރާނީ މިމަހުގެ 28 ގައެވެ. އެނބުރި އައުން ޝެޑިއުލްކޮށްފައިވަނީ އަންނަ މަހުގެ ހަތްވަނަ ދުވަހަށެވެ.

މޯލްޑިވިއަންގެ މިދަތުރުގެ ދެކޮޅު ޓިކެޓް ވިއްކަން ނިންމާފައިވަނީ 399 ޑޮލަރަށެވެ. ވިއްކަން ނިންމާފައިވަނީ 200 ޓިކެޓެވެ.

"މެލޭޝިއާ އަށް ދަތުރުކުރާ ފްލައިޓްގެ ޖާގަ އަކީ 200 ކަމަށްވާތީ މިދަތުރުގައި އަޅުގަނޑުމެންނަށް މިވަގުތު ޓިކެޓް ވިއްކެން އޮތީ އެ އަދަދަށް،" ޖެނިފާ ވިދާޅުވި އެވެ.

ކޮވިޑްގެ ބަލިމަޑުކަމަށްފަހު މެލޭޝިއާގެ ބޯޑަރު އަލުން ހުޅުވާލީ މި މަހުގެ އެއްވަނަ ދުވަހު އެވެ. ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައިވާނަމަ މެލޭޝިއާގައި ކަރަންޓީން ވާކަށް ނުޖެހެ އެވެ.

ރޯދަ އަށް ފަހު މޯލްޑިވިއަންގެ ދަތުރުތައް ލަންކާގެ ރަތުމަލާނާ އެއާޕޯޓަށް ފެށުމަށްވެސް އެ އެއާލައިނުން ވަނީ ނިންމާފަ އެވެ.