އަންނަ ފިތުރު އީދު ބަންދުގައި އެތެރޭގެ ދަތުރުތަކަށް މިވަގުތު އަދި މާބޮޑު ތަރުހީބެއް ނެތް ކަމަށް މޯލްޑިވިއަން އިން ބުނެފި އެވެ. އަންނަ ކުޑަ އީދަކީ ކޮވިޑާ ގުޅިގެން ރާއްޖޭގައި އެޅި ފިޔަވަޅުތައް އުވާލި ފަހުން އަންނަ ފުރަތަމަ އީދެވެ.
މޯލްޑިވިއަން އިން މިއަދު ބުނީ ކުޑަ އީދުގެ ބަންދުގައި ދަތުރުތަކަށް އެހާ ބޮޑު ޑިމާންޑެއް ކުރިން ވެސް ނޯންނަ ކަމަށާއި އީދު ޗުއްޓީގެ ދަތުރުތަކުގެ ޑިމާންޑް އަބަދު ވެސް މަތި ވަނީ ބޮޑު އީދުގެ ބަންދަށް ކަމަށެވެ.
މޯލްޑިވިއަނުން އެހެން ބުނި ނަމަވެސް ކުޑަ އީދުގެ ޗުއްޓީގައި ވެސް ގިނަ އަދަދެއްގެ ބަޔަކު މާލެއިން ރަށްރަށަށް ދަތުރު ކުރެ އެވެ. އަދި ރަށްރަށުން ގިނަ އަދަދެއްގެ މީހުން މާލެއަށް ވެސް އާދެ އެވެ. އޭގެ ތެރޭގައި މޯލްޑިވިއަން އުދުހޭ މަންޒިލްތައް ހިމެނޭ ރަށްތައް ވެސް ހިމެނެ އެވެ.
ކޮވިޑުގެ ތެރޭ މޯލްޑިވިއަނުން ވަނީ ކުރު ދަތުރުތަކުގައި ދަތުރުވެރިންނަށް ބުއިމެއް ނުދޭން ނިންމި އެވެ. ނަމަވެސް ކޮވިޑްގެ ފިޔަވަޅުަތައް އުވާލުމުން އެ ހިދުމަތް އަލުން ދޭން ވަނީ ފަށާފަ އެވެ.