ބޫޓާން 3-0 އިން ބަލިކޮށް ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގެ ތިން ވަނަ މަގާމު ބަނގްލަދޭޝް ހޯދައިފި އެވެ.
ކުޅުނު ދެ މެޗުން ވެސް ބަލިވެ، މުބާރާތުން ކަޓާފައިވާ ދެ ޓީމުގެ ކުރިމަތިލުމުގައި މުޅި މެޗު ކޮންޓްރޯލް ކުރީ ބަނގްލަދޭޝް އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ ޓޮޕޫ ބަރްމާން އެވެ. އޭގެ ފަހުން ލިބުނު ޕެނަލްޓީއަކުން ދެ ވަަނަ ލަނޑު ޖެހީ މުހައްމަދު ޝަވްކަތު ރޮނީ އެވެ. ފަހު ލަނޑު ވެސް ޖެހީ އޭނާ އެވެ.
މި ނަތީޖާގެ ސަބަބުން ބަނގްލަދޭޝް އަށް ގްރޫޕުގެ ތިން ވަނަ ލިބުނީ ތިން މެޗުން ތިން ޕޮއިންޓާއެކުގަ އެވެ. ބޫޓާން ގްރޫޕުގެ ފުލަށް ދިޔައީ ކުޅުނު ތިން މެޗުން ވެސް ބަލިވެގެންނެވެ.
ތަށި ހޯދުމަށް އަޒުމް ކަނޑަައަޅައިގެން މުބާރާތަށް ނުކުތް ބަންގްލަދޭޝް ކުޅުނު ފުރަތަމަ މެޗުގައި އަފްގާނިސްތާން އަތުން ބަލިވީ 4-0އިންނެވެ. ފަހު މެޗުގައި ރާއްޖެ އަތުން ބަލިވީ 3-1އިންނެވެ. ބޫޓާން ވެސް ރާއްޖެ އަތުން ބަލިވީ ހަމަ މިނަތީޖާއިންނެވެ. އަފްގާނިސްތާން އަތުން ބޫޓާން ބަލިވީ 3-0އިންނެވެ.
މި މެޗުން ބަނގްލަދޭޝް މޮޅުވިއިރު އެ ގައުމު މުބާރާތުން ކެޓި މައްސަަލަ ތަހުގީގުކުރަން ތިން މެމްބަރުންގެ ކޮމިޓީއެއް އެ ގައުމުގެ ފެޑަރޭޝަނުން ވަނީ ހޮވާފަ އެވެ. އަދި އަންނަ މަހު ބަނގްލަދޭޝްގައި ބާއްވާ ބަންގް ބަންދު ގޯލްޑް ކަޕުގެ ކުރިން ގައުމީ ޓީމަށް ބަދަލު ގެނައުމަށް ވެސް ވަނީ ނިންމާފަ އެވެ.